މަސްވެރިކަމާއި ގުޅޭ

އޮނުގަނޑު ތޮޅި

އޮނުގަނޑުތޮޅިއަކީ ރާއްޖޭގެ ތިލަފަޅުތަކުގައްޔާއި، ފުން ވިލުވިލުގައި އަދި ފަރުފަޅުގެ ބޭރުމަތީގައި އުޅޭމަހެކެވެ.

މިއީ ތޮޅިއެއްކަމަކު ޢާއްމުކޮށް ދިވެހިން ކައިއުޅޭމަހެއްނޫނެވެ. މިމަސް އެންމެ ބޮޑުވަނީ 1.6 މީޓަރަށެވެ. ވަރަށް ކުދި އޮނުގަނޑުތޮޅި ރަށްރަށުގެ ގޮނޑުދޮށާއި އަދި ކައިރި ތިލަހިސާބުތަކުން ފެނެއެވެ. މަހުގެ ތުންގަނޑު ގިނަ މަސްމަހާއި ޚިލާފަށް ދިގެވެ. މަހުގެ އަނގަ ކުޑައެވެ. ހަންގަޑުގައި ހުޅުނބެއްނުހުރެއެވެ. ނަމަވެސް ހަމުގައި ވަރަށް ކުޑަ ރާޅުކަމެއް ހުރެއެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ މަހުގެ ދެފަރާތުން ދިމާވާގޮތަށް މަހުގެ ނިގޫފަތާ ވަރަށް ކައިރީގައެވެ. ނިގޫފަތުގެ މެދުން ދިގުނަރުވައެއް ފެންނަން ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 14 އާއި 12 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ފެހިމުށިކުލައެވެ. މިކުލަ މަހުގެ ބަނޑުދަށްފަރާތުގައި ތަންކޮޅެއް ފަނޑެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ވަރަށް ފަނޑު ރަތްކުލައެއްގައެވެ. މިއީ ކުދިއައިން ހަދައިގެންނާއި ޖޯޑުޖޯޑަށް އަދި އެކަހެރިކޮށްވެސް ފެންނަ ތޮޅިއެކެވެ. މިއީ ފަޅުތެރޭގައި އޮންނަ ރެހި، ހޮނޑެލިގަނޑަށް ޙަމަލާދީގެން ކައިހަދާ ތޮޅިއެކެވެ. މިތޮޅި ޑިނގާވެސް ކައިއުޅެއެވެ.

އިނގިރޭސި ނަން: Bluespotted cornet fish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!