މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަ ހިސާބުތަކުގައި އުޅޭ 20 ސެންޓިމީޓަރަށް ބޮޑުވާ ފަންހާމަހެކެވެ.
މިބާވަތުގެ ފަންހާމަހަށް ދިވެހިންގެ ތެރޭގައި ވަކިޚާއްސަ ނަމެއް ކިޔާ ނޫޅޭތީ މަހުގެ ސިފައަށް ވިސްނާ، އެހެނިހެން ފަން މަހުގެ ބާވަތްތަކާ އެންމެ ތަފާތުކޮށް މިމަހުގައި އެކުލެވޭ މައިގަނޑު ސިފައެއް ކަމުގައިވާ ކަންފަތްކުޑަކަން ފާހަގަކޮށް މިމަހަށް "ކަންފަތްކުޑަ ފަންހާމަސް" ކިޔާ ނަންދީފައިވަނީއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއްނޫނެއެވެ. ދިރޭކުދިމަސް ގެންގުޅޭ ފަރާތްތަކުން މިބާވަތުގެ ފަންހާމަހަށް ވަރަށް ޝައުގުވެރިކަންދެއެވެ. މިމަހުގެ ބުރަކަށިމަތީގައި ހުންނަނީ ވަރަށް ތޫނު އަދި އިންސާނާއަށް ނުރައްކާތެރި ވިހައެއް އެކުލެވޭ ކަށިތަކެކެވެ. ވުމާއެކު މިމަސް ހިފާގެންގުޅުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. މަހުގެ ކަށްޓެއް ހެރިއްޖެނަމަ އެކަށިހެރުނުތަން އަވަހަށް ހޫނުފެނުގައި ގާތްގަޑަކަށް 30 މިނެޓްވަންދެން ބޭއްވުމުން މިވިހައިގެ އަސަރު ކެނޑިގެންދާކަމަށްވެއެވެ.
މަހުގެ ބުރަކަށިމަތީގައި 13 ހަރުކައްޓާއެކު 10 ނުވަތަ 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 6 ނުވަތަ 7 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 17 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑު ބޮލުގެ ދިގުމިނަށްވުރެ ކުޑަތަންކޮޅެއް ދިގުވާނެއެވެ. މަހުގެ ދެއަރިމައްޗާއި ބޮލުގައި ހުރަހަށް ފުޅާކޮށް ހުންނަ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކަންފަތްގަޑުގެ މަޑުކަށިތަކުގެ ދޭތެރޭގައި ދުލިފަށެއް އެއްކަށި އަނެއްކަށްޓާ ގުޅިފައިހުރެއެވެ. މަހުގެ ކަރުތާފަތުގެ ތިރީކަނުގައި ކަޅު ނުވަތަ ގަދަ މުށިކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ކޮޓަރިތަކުގައި ކެނޑިފައިހުންނަ ހުދާއި ގަދަމުށިކުލައިގެ ރޮނގުތަކެއް ހުރަހަށް ހުރެއެވެ.



