ޗައިނީޒް ނިއު އިޔަރ އާއި ގުޅިގެން ރާއްޖެއިން ފާނަ އެކްސްޕޯޓު ކުރުން ހުއްޓުމަކަށް

Faana kirun (2)

ޗައިނީޒް ނިއު އިޔަރ އާއި ގުޅިގެން ރާއްޖެއިން ފާނަ އެކްސްޕޯޓު ކުރާ މައި ދެ މާރކެޓު ބަންދުވާނެތީ، ހަފްތާއަކަށް ފާނަ މަސް ރާއްޖެއިން އެކްސްޕޯޓުކުރުން ހުއްޓުމަކަށް އަންނާނެއެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފާނަ އެކްސްޕޯޓުކުރަނީ ހޮންކް ކޮން އަދި ޓައިވާން އަށެވެ. ކޮންމެ އަހަރެއްގެވެސް ޗައިނީސް ނިއު އިޔަރ އާއި ދިމާކޮށް ފާނަ މަސް އެކްސްޕޯޓުކުރުން ހަފްތާއަކަށް މެދުކެނޑެއެވެ.

މަސްވެރިން އެމްވީއާއި ވާހަކަދައްކާލި ފާނަ މަސްވެރިކަން ކުރާ ފަރާތްތަށް ބުނީ ކުރިއަށް އޮތް ހަފްތާއަކީ ޗުއްޓީ ހަފްތާއެއްް ކަމަށެވެ. ސަބަބަކީ ރާއްޖެއިން ފާނަ އެކްސްޕޯޓުކުރާ ފަރާތްތަށްވެސް ފާނަ މަސް ނުގަންނާނެތީއެވެ. ފާނަ މަސްވެރިން ފާހަގަކުރާ ގޮތުގައި ޗައިނީސް ނިއު އިޔަރ އާއި ކައިރިކޮށްފައި ފާނަ މަހުގެ އަގު އުފުލޭ ކަމަށެވެ. އެހެންކަމުން މި މަސްވެރިކަމުން މި ފާއިތުވީ ދުވަސްތަކުގައި ރަނގަޅު އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އާއްމުކޮށް ކޮންމެ އަހަރެއްގެވެސް ޗައިނީޒް ނިއު އިޔަރއަށްފަހު ދެން މަސް ގަންނަ އަގު ދަށްވާ ކަމަށް ފާނަ މަސްވެރިން މައުލޫމާތު ދެއެވެ.

ރާއްޖެއިން ފާނަ އެކްސްޕޯޓުކުރާ ފަރާތްތަކުން ބުނާގޮތުގައި ޗައިނީސް ނިއު އިޔަރ އާއި ދިމާކޮށް ހޮންކް ކޮންގ އަދި ޓައިވާން ބާޒާރުތަށް ބަންދުވާ ކަމަށެވެ. ސަަބަބަކީ ޗުއްޓީއަށް މީހުން ތަންތަނަށް ދިޔުމެވެ. މިއާ އެކު ރާއްޖެއިންވެސް ފާނަ މަސް އެކްސްޕޯޓުކުރުން ހަފްތާއަށް މެދުކެނޑޭ ކަމަށެވެ.

މިއަހަރުގެ ޗައިނީޒް ނިއު އިޔަރ އަކީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ