މަސްވެރިކަމާއި ގުޅޭ

ދޯންޏެއް ވ.އަތޮޅުގެ މައި ތޮށި މައްޗަށް އަރާފައި
ދޯންޏެއް ވ.އަތޮޅުގެ މައި ތޮށި މައްޗަށް އަރާފައި

ރައްކާވެތިބިއްޔާ ފަހި ދަތުރެވެ

އަޅުގަނޑުގެ ފަންނީ ޙަޔާތުގައި  ތަޖުރިބާކުރެވުނު ޙަޤީޤީ ހާދިސާއެއް ދިމާވި ސަބަބު ހޯދައިބަލާ ތައްޔާރުކުރި ރިޕޯރޓަކުން ނަގާއިފައިވާ މި ލިޔުން މިމަޖައްލާގައި ޝާއިޢުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މިކަހަލަ ޙާދިސާތަކުން ޢިބްރަތް ޙާސިލްކުރުމަކީ، މަސްވެރި އުޅަނދުފަހަރުގެ އޮޑިވެރިން އުޅަނދުގެ ފަޅުވެރިންނަށް ފަހި ދަތުރެއް ހޯދައިދިނުމަށް އެޅޭނޭ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާތީއާއި މިފަދަ ހިތާމަވެރި ޙާދިސާތަކުން އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމާއި މިފަދަ އުޅަނދުފަހަރު ޑިޒައިންކޮށް އުފައްދާ ފަރާތްތަކުންވެސް މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަނެ، މިފަދަ ޙާދިސާތައް ހިނގުން މަދުކުރުމަށްޓަކައި އެޅުއްވިދާނެ ހަރުދަނާ ފިޔަވަޅުތަކެއް ހޯއްދެވުމުގެ ބޭނުމުގައެވެ.

މި ދޯންޏަކީ 110 ފޫޓްގެ ފައިބަރގްލާސް މަސްދޯންޏެކެވެ. ކަމާއި ގުޅުންހުރި ހުރިހާ ފަރާތްފަރާތްތަކާއި އަދި ދޯނީގެ ރަޖިސްޓްރީން ލިބުނު މަޢުލޫމާތުގެ އަލީގައި އެގެނީ މި ދޯނި ބަންނަން ފެށީ އަމިއްލަ އަމިއްލަ ފަރާތަކުންކަމެވެ. މިގޮތުން ދެކުނުގެ އަތޮޅެއްގައި ކަނޑުދަތުރުކުރާ އުޅަނދު އުފައްދާ ކުންފުންޏަކާއި، ދޯނި ބަން ރަށުގައި އުޅަނދުފަހަރު އުފެއްދުމުގެ މަސައްކަތްކުރަމުން ގެންދާ ކުންފުނުޏަކާއި ދޯނި ބަންނަން ފެށި ވެރިފަރާތުން ދައްކާފައިވާކަން އެނގެއެވެ.

އަދި ހޯދުނު ހޯދުންތަކުން އެގެނީ ދޯނީގެ ފުރަތަމަ ވެރިފަރާތުން ދޯނި ބަންނަން ފެށި ފަހުން މިދެންނެވި ކުންފުނީގެ ޙަވާލުގައި ކަމެވެ. ދޯނި ބަނުމަށް ޙަވާލުކުރި، ކުންފުންޏަކީވެސް ކަނޑުދަތުރުކުރާ އުޅަނދު ބަނުމަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާއިރު ދޯނީގެ ޑިޒައިނަކީ އެކުންފުނިން ފަރުމާއަކަށްވުން ދުރެއްނޫނެވެ. ނަމަވެސް ދޯނި ޑިޒައިން ތަފާތު ކުންފުންޏަކުން ކޮށް ދޯނި ބަނުމުގެ މަސައްކަތް އެހެން ފަރާތަކަށް ދޫކޮށްލި ކަމަށްވާނަމަ އެކަން އެކުރެވުނީ މާ ރަނގަޅަކަށް ނޫނެވެ.

މި ދޯނީގެ ރަޖިސްޓްރީ ވެރިފަރާތް ކުންފުނީގެ އެއް ޙިއްޞާދާރުގެ ވާހަކައިން އެގެނީ ފަހުން ދޯނީގެ ރަޖިސްޓްރީ ވެރިފަރާތް ކަމަށްވާ ކުންފުންޏަކީ ދޯނިބަނުމުގެ މަސައްކަތް ފެށުމަށްފަހު، އެ މަސައްކަތް ފުރަތަމަ ފެށި ފަރާތާއިއެކު އެއްބަސްވެވުނު އެއްބަސްވުމެއްގެ ދަށުން ފަހުން އުފެއްދި ކުންފުންޏެއް ކަމެވެ. މި ދޯނި ވަނީ މިއަށްފަހު މެދުރާއްޖެތެރޭ ރަށެއްގެ މީހަކަށް ވިއްކާލާފައި ކަމާއި މި ދޯނީގެ ރަޖިސްޓްރީ މި ޙާދިސާ ހިނގިއިރުވެސް އޮތީ ބަދަލުނުކޮށްކަން އެނގިފައިވެއެވެ.

ފުރަތަމަ ކުންފުނިން ދޯނި ބަނުމުގެ މަސައްކަތް ފަށައި އޮނިގަނޑު (ހަލް)ގެ މަސައްކަތް ނިންމުމަށްފަހު، ކޮންމެސް ސަބަބަކާއިހުރެ މަސައްކަތް ހުއްޓާލީއެވެ. އޭރު ދޯނީގެ ހަލް ގެ މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ނަމަވެސް އޮޑީގެ ހަލް ގައި ހުންނަންވާ ބޯމިން ގެނެސްފައިވޭތޯ ބެލިކަން އެގޭކަށް ނެތެވެ. އަދި އެހިސާބުން ދޯނި ނިމެންދެން މަސައްކަތް ގެންދިޔައީ ދެވަނައަށް އުފެއްދި ކުންފުނީގެ ބެލުމުގެ ދަށުން ވިއްކާލުމުގެ ބޭނުމުގައިކަން އެގެއެވެ.

ކޮންމެއަކަސް ދޯނީގެ ތައްޓުއެޅުމާއި ހަމައިން އެދޯނީގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވިޔަފާރި ކުންފުންޏެއްގެ ބެލުމުގެ ދަށުން، ވިޔަފާރި އުޞޫލުން ވަކި މާވަޑިއަކު ނެތި ހަމައެކަނި މުސާރަވެރިން ލައްވައެވެ. މިދޯނީގެ މަސައްކަތް މިގޮތުގައި، ގެންގޮސް މުޅިން ނިންމާފައިވަނީ ނަގައިގެންކަމަށްވެއެވެ. ދޯނި ނިންމާ މަސްވެރިކަމަށް ނުކުމެފައިވަނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. ދޯނި ބަނުމުގެ މަރުޙަލާގައި ކަންތައްތައް ހިނގާ ދިޔަގޮތް، ތަފުޞީލުކޮށް ދަންނަވާފައިއެވަނީ މިއުޅަނދު ބަނދެ އުފެއްދުމުގައި ކަންހިގާދިޔަ ދޯދިޔާގޮތްތައް ދަންނަވާލުމުގެ ބޭނުމުގައެވެ.

މި ދޯނި ބަނދެ ނިމި، މަސްވެރިކަމުގައި ދުއްވަމުންއައިސް އަހަރެއްހާ ދުވަހުގެ ތެރޭގައި މެދުރާއްޖެތެރޭގެ ރަށެއްގެ މީހަކަށް ވިއްކާލުމުން، ދޯނި ހަވާލުވެ ގެންގުޅެނީ ދެކުނުގެ ރަށެއްގައިކަމާއި، ދޯނި ވިއްކާލަންޖެހުނީ ދޯނީގެ ވެރިފަރާތްކަމަށްވާ ކުންފުނީގެ ޝެއާރހޯލްޑަރުންގެ ދޭތެރޭގައި ހުރި މައްސަލަތަކެއްގެ ސަބަބުންކަން އެގިފައިވެއެވެ.

އަދި ދޯނި ގަނެގެން ދުއްވަން ފެށިތާ މާގިނަދުވަހެއްނުވެ މިދެންނެވި ހިތާމަވެރި ޙާދިސާ ހިނގިކަން ސާފުވިއެވެ. އަދި ދޯނި ގަނެގެން ދުއްވަން ފެށުމުގެ ކުރިން، ދެކުނުގެ ބޯޓް ޔާޑަކުން ދޯނީގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުވިކަން ދޯނީގެ ކެޔޮޅަކަށް އެންމެފަހުން ހުރި ފަރާތުންނާއި މި މަރާމާތު ކުރަން ޖެހުމުން ސޮޓްރަކްޗަރ ގައި ހުރި ދެރަކަން މި ހިސާބުންވެސް ފާހަގަކުރެވުނެވެ. އަދި ދޯނި ދުއްވި އަތޮޅުން މަހަށް ފުރައިގެން މާކަނޑަށް ނުކުމެ 320 ޑިގުރީއަށް 27 މޭލު ބޭރަށް ނިކުތްތަނާ މި ދެންނެވުނު ދޯނިވަނީ މެދުން ބިންދައިގެންގޮސްފައެވެ.

މިހާދިސާ ހިނގި ދޯނީގެ ސިފަގަނޑު ރީތިވެފާ ސްޕަރސްޓްރަޗަރ ވަރަށް ނަލައެވެ. ނަމަވެސް ހަމައެކަނި ލޮލުންބަލާ ބެލުމަށް ވެސް ދޯނީގެ އޮނިގަނޑު ގައި ހުރި ކަމީނާކަމާއި ދޭސީކަން އަދި މަސައްކަތުގެ ފެންވަރު ދަށްކަން ފާހަގަކުރެވެއެވެ. ދޯނީ ބިންދައިގެން ގޮސްފައިވަނީ ބުރަދަނުގެ މެދު (ސެންޓަރ އޮފް މާސް/ސެންޓަރ އޮފް ގްރެވިޓީ) އިންނެވެ. ދޯނީގެ ފަޅުވެރިންގެ ބަހުން ދޯނި ބިންދައިގެންދިޔަ ވަގުތަކީ ކަނޑުގަދަ ވަގުތެއްނޫނެވެ. އަދި މިފަދަ ޙާދިސާއެއް ހިގުމަކަށް ކަނޑު މާގަދަވާކަށް ނުޖެހޭކަންވެސް ފާހަގަކުރެވުނެވެ.

މި ދޯނީގެ އޮނިގަނޑަށް ބަލާއިރު ވަތްތަކުގެ ސައިޒު ކުޑަވެފައި ވަށާފަށަލަ ވަރަށް ތުންޏެވެ. އޮޑީގެ ދިގުމިނުން ބޭނުންވާނެ ގަދަކަން ގެނައުމަށް އެކަށީގެންވާ އެއްވެސް ގުނަނެއް ނެތެވެ. ހުރިނަމަ ހުރި ގުނަނެއްގަވެސް އެއްވެސް ގުޅުމެއްނެތެވެ. ފަށަން ފިޔަވައި ދިގުމިނުން ގަދަކަން ލިއްބައިދޭ ގުނަނެއް ފާހަގައެއް ނުކުރެވެއެވެ. ފަށަނުގެ ސައިޒުވެސް މިވަރުގެ އުޅަނދަކަށް ބަލާއިރު މާބޮޑުތަންވެސް ކުޑައެވެ. ތައްޓު ދަށުން ފައިބަރ ބެރިއެއް އޮތެވެ.

ނަމަވެސް އެބެރީގެވެސް ވަށާފަށަލަ ވަރަށް ތުންޏެވެ. އަދި ޢަމުދުން އެބެރި އަޅާފައިއޮތީ ސުރެންސުރެ އެކީއެކަށްޗަކަށް ވާ ގޮތަކަށް ނޫނެވެ. އެބެރީގަވެސް އަދި ތައްޓު ހުރަސް ބެރިތަކުގެވެސް ދޭތެރެ ދޭތެރެއިން އިލެކްޓްރިކް ކޭބަލް ގެންދިއުމަށް ނުަވަތަ ފެންވައިރު ގެންދިއުމަށް ކަނޑާ ހަދާފައި ހުއްޓެވެ. މިއީ ހައްތާވެސް ބެރިތަކުގެ ގަދަމިން ގެއްލޭނެ ކަންކަމެވެ.

އުޅަނދުގެ ބަނޑުފިލާގެ ބޯމިންވެސް މިވަރުގެ އުޅަނދަކަށް ވަރަށް ތުންޏެވެ. އުޅަނދު ހެދުމުގައި ބައްދާތަންތަން ޖަހާފައިވަނީ އުޅަނދުގެ ބަނޑުފިލާގެ ބޯމިން 1/2 2 ނުވަތަ 3 ސޫތު ވަރަށް ގެނެސްފައެވެ. ބަނޑުފިލާގެ ދެންހުރިބައި (ބައްދާތަންތަނާއި އަދި ވައްތަކާއި ދިމާވާ ތަންތަން ފިޔަވައި) ބޯމިންވަނީ އިތުރު މެޓް ޖަހައިގެން ބޯކޮށްފައެވެ. ނަމަވެސް އެއީވެސް މިވަރުގެ އުޅަނދަކަށް އެކަށީގެންވާ ބޯމިނެއްނޫނެވެ.

ކަނޑުދަތުރުކުރާ އުޅަނދު ބަންނަ ތަޖުރިބާކާރު މާވަޑިން އުޅަނދުފަހަރު އުފައްދަނީ މިފަންނުގައި ބޭނުންކުރުމަށް ތަފާތު ކްލެސިފިކޭޝަން ސޮސައިޓީތަކުން (ލޮއިޑްސް،އެސް ފަދަ) ތަޢާރަފްކޮށްފައިވާ މިންގަނޑުތަކަށް އޭ.ބީ.އެސް ބަލައިގެން އެމީހުންގެ ތަޖުރިބާއާއި އެކުއެވެ. ނަމަވެސް މި ދޯނީގެ އޮނިގަނޑާއި ބަނޑުފުލާ ހަދާފައިވާއިރު މިއިން އެއްވެސް ކަމަކަށް ބެލި އަދި ސަމާލުކަން ދީފައެއް ނުވެއެވެ.

އުޅަނދުގެ ބަނޑުފިލާގައި އެންމެ ބޯ ތަންތަނުގައިވެސް ހުރީ 2/1 އިންޗިއެވެ. ގިނަ ހިސާބުތަކުގައި ހުންނަނީ 8/3 އިންޗި (3 ސޫތު) އެވެ. ވައްތަކާއި ދިއްޅަނދު ތަކުގެ، އަދި ތައްޓު ހުރަސްބެ އާއި ތައްޓު ދިގު ބެރިތަކުގެ ވަށާފަށަލައިގެ ބޯމިނުގައި ޢާއްމުކޮށް ހުރީ 8/2 އިންޗިއެވެ. އަދި ވައްތަކާއި ބެރިތަކުގެ ސައިޒުވެސް، ލަކުޑިންވިޔަސް ފައިބަރުން ވިޔަސް އަދި އެލްމިނިއަމް ނުވަތަ ދަގަނޑުން ވިޔަސް، މާވަޑިން ބޭނުންކޮށް އޫޅޭ މިންތަކަށްވުރެ ކުޑައެވެ.

ފައިބަރގްލާސް އަކީ މެޓާއި ރެސިން، އަދި ހާރޑްނަރ ފަދަ ތަފާތު ކެމިކަލް، ކަނޑައެޅިފައިވާ ނިސްބަތްތަކުން، އެއްކޮށްގެން ކަނޑައެޅިފައިވާ ވަކި ގަޑިއެއް ހަމަކޮށްގެން ކުރަންޖެހޭ މަސައްކަތެކެވެ. މި މަސައްކަތްކުރާނީ އިންސާނުންވުމާއެކު މަސައްކަތްކުރުމުގައި ވަރަށް ފަރުވާތެރި ނުވެވިއްޖެނަމަ ންސާނީ ކަށުގެ ސަބަބުން އެއުފައްދާ ބާވަތަށް ބޭނުންވާ ގަދަމިނެއް ނުލިބޭނެއެވެ. މިދޯނީގައި
މެޓް ޖަހާފައިވާއިރު އެމެޓް ރަނގަޅަށް ރެސިނުން ތެންމާފައި ނުވާކަން ފާހަގަވެއެވެ. އަދި ރޯލްކުރުމުގައި ފުދޭމިންވަރަށް ރޯލްކުރެވިފައިވެސް ނެތްކަމަށް ދައްކައެވެ. މިކަންކަން މިގޮތަށް ފާހަގަކުރެވެނީ އެއް މެޓް އަނެއް މެޓާއި ރަނގަޅަށް ތަތްވެފާ ނެތުމާއި
ދެމެޓް ދޭތެރޭގައި ވައިބޮކި ހެދިފައިވާތަންތަން ފެންނާން ހުރުމުންނެވެ.

ވުމާއިއެކު، މާސިންގާ ކަނޑުގެ ރާޅުތަކުގެ ތެރޭގައި މިފަދަ ދޯންޏެއްގެ ނިގަނޑެއް 2/1 1 އަހަރެއްހާ ދުވަހުވެސް ދުއްވުނުކަމީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅެވެ. އުޅަނދެއްގެ މެދުން ބިންދައިގެން ދާކަށް މާ ގަދަ ކަނޑެއްގައި ދުއްވާކަށް ނުޖެހެއެވެ. ކަނޑުމަތީގެ ޙާލަތުތަކަށް ބަލާއިރު އުޅނދެއް މެދުން ބިންދައިގެން ދިއުމަށް އެންމެ އެކަށީގެންވަނީ އެއުޅނދެއްގެ އަމިއްލަ ބަރުދަނުންނެވެ.

މަތީގައިކުރެވިފައިވާ ބަޔާނަކީ މި ދޯނި ބިންދައިގެންދިޔަ ޙާދިސާ މުރާޖަޢާކުރުމަށްފަހު، ދޯނި ބަނުމުގެ މަސައްކަތް ހިގާދިޔަގޮތާއި، ބަނދެފައި ހުރި ގޮތާއި، މަސައްކަތުގެ ފެންވަރާއި، އަދި ކަނޑުމަތީގައި އފަދަ ޙާދިސާއެއް ދިމާވެދާނެ ގޮތްތަކާއި ދޭތެރޭ ބަލައިލާ ތައްޔާރުކުރި ބަޔާނެކެވެ. އަދި މި ބަޔާން ވިސްނުންތެރިކަމާއިއެކު ކިޔާލުމުން މިފަދަ ހިތާމަވެރި އަދި ގެއްލުން ބޮޑެތި ޙާދިސާތައް ދިމާވާ ސަބަބުތައް ވަރަށް ސާފެވެ.

މަސްދަރު:އަސްދަނޑި، - އަޙްމަދު ވަޖީޙް -

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!