ހަތަރު ކުދިން ގޮވައިގެން އެކަނި ދިރިއުޅެމުންދާ އެކަނިވެރި މަންމައެއް ކަމުގައިވާ އައިޝާއަށް އެހީވާން މަމްސް އެންޖީއޯގެ ފަރާތުން ހިންގާ ހަރަކާތުގައި ބައިވެރިވެ، ކޮންމެ މަސްވެރިއަކު މަދުވެގެން 50 ރުފިޔާ ދޭ ކެމްޕޭނެއް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ފަށައިފިއެވެ.
ޒުވާން މަސްވެރިޔާ ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގައި 15،000 އަށްވުރެ ގިނަ މަސްވެރިން އެބަ ތިބި ކަމަށެވެ. އެހެންކަމުން ކޮންމެ މަސްވެރިއެއް 50 ރުފިޔާ ހަދިޔާ ކޮށްފިނަމަ 750،000 ރުފިޔާ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޒުވާން މަސްވެރިޔާގެ ޕޯސްޓްގައި ފާހަގަ ކުރިއެވެ.
އުމުރުން 15 އަހަރުން ދަށުގެ ހަތަރު ކުދިންނާއިއެކު ދިރިއުޅެމުން އަންނަ މި މަންމަ އަކީ ވަރަށް ހިތްވަރުގަދަ އެކަނިވެރި މައެއްކަމަށް މަމްސް އެންޖީއޯއިން ބުނެއެވެ. ކައިވެނީގެ ވަކި ހިސާބަކުން ކައިވެނި ރޫޅި ކުދިންގެ ހުރިހާ ޒިންމާއެއް އަމިއްލަ އަތް މައްޗަށްލައިގެން ދިރިއުޅުމުގެ ދިގު ރާސްތާ ވޭތުކުރަމުންދަނީ އެ ލޯބިލޯބި ކުދިންގެ ހައްގުގައެވެ.
މަމްސް އެންޖީއޯ އިން އައިޝާގެ ހާލަތު އިތުރަށް ވެރިފައި ކުރުމުން އެނގިގެން ދިޔައީ އެ އާއިލާ ވޭތުކުރަމުންދަނީ ވަރަށް ހިތްދަތި ދިރިއުޅުމެއްކަމަމަށް އެ އެންޖީއޯއިން ފޭސްބުކްގައި ލިޔެފައިވެއެވެ.
އައިޝާ އާއި އޭނާގެ ދަރިން ދިރިއުޅެމުންދަނީ ބާވެ ވީރާނާ ވެފައިވާ އެންމެ ކޮޓަރިއަކާއި ބަދިގެއެއް އަދި ހިޔާނުކޮށް ހުންނަ ވަޅުގިފިލިއެއް ހުންނަ ކުޑަ ތަންކޮޅެއްގައެވެ.
ހެޔޮއެދޭ ފަރާތަކުން ދިރިއުޅުމަށް ދީފައިވާ މިކުޑަ ތަންކޮޅު ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ވެހޭހާ ވާރޭއެއްގައި މުޅި ގެ ފެންބޮޑުވާ ހާލު އެ އާއިލާ އުޅެމުންދަނީ ވަރަށްވެސް ހާލުގައެވެ. އައިޝާމެން މިތަނަށް މީގެ 10 އަހަރު ކުރިން ދިރިއުޅުން ބަދަލުކުރި އިރު މިތަނަކީ ބޭނުންނުކޮށް އެތަށް އަހަރަކު ފަޅަށްހުރި ތަނެކެވެ. ނަމަވެސް ދިރިއުޅޭނޭ އިތުރު ތަނެއް ނެތުމުގެ ސަބަބުން މި އާއިލާއަށް މިނޫން ގޮތެއް ނެތެވެ.
"އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ގޭގައި ތަޅުންމަތީގައި އަޅާފައި ބޭނުންނުހިފޭ ވަރަށް ހަލާކުވެފައި އޮތް ތަރަފާލު. އޭގެ ބޮޑުބައި ހަލާކުވެފައި އޮތްއިރު ބިންމަތީގައި ގޮދަޑި އަޅައިގެން ނިދަން ބޭނުންކުރޭ. އެގޮދަޑި ތަކާއި ބާލީސްތައް ވެސް ހުރީ ބޭނުންކުރަން ކަމުނުދާ ވަރަށް ބާވެ ހަލާކުވެފައި" މަމްސް އެންޖިއޯއިން ލިޔެފައިވެއެވެ.
މި ހިތްދަތި ހާލުގައި އައިޝާ ދިރިއުޅެމުން އަންނަ އިރު އެހީތެރިކަމުގެ އަތެއް ދިއްކޮށްލަނީ އައިޝާގެ ދުވަސްވީ މަންމައެވެ. މަންމަގެ ފަރާތުން ލިބޭ އެހީތެރިކަމުން ކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދެނީ ހަމަކިރިޔާއެވެ. އައިޝާގެ މަންމައަކީވެސް ކުޑަ މުސާރައެއް ލިބޭ ވަޒީފާއެއް އަދާކުރާ މީހެއް ކަމުން ދަރިފުޅަށް އެންމެ ފުރިހަމަ ގޮތުގައި އެމަންމައަށް އެހީތެރިކަން ފޯރުކޮށްދިނުންވަނީ ދަތިކަމަކަށް ވެފައެވެ. ތުއްތު ދެކުދިން ގޮވައިގެން އެކަނި ދިރިއުޅެން ޖެހުމުގެ ސަބަބުން އައިޝާއަށް ވަނީ ވަޒީފާއަކަށް ދެވޭނޭ މަގުވެސް ބަންދުވެފައެވެ.
އައިޝާގެ ކުދިންނަށް އަންނައުނު ހޯދައި ދެވުނު ދުވަހެއްވެސް އޭނާގެ ހަނދާނުގައި ނުވެއެވެ. ޒަރޫރީބޭނުންތައްވެސް ރަނގަޅަށް ހަމަ ނުޖެއްސޭއިރު ގޭގައި ލައިގެން ކާނޭ އެއްޗެއް ވެސް ހުންނަނީ މަދު ފަހަރަކުއެވެ. ދެ ކައިވެންޏަށް އައިޝާއަށް ދަރިން ލިބިފައި ވާއިރު ކުދިންގެ ބައްޕަ އާއި އާއިލާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. އަދި ދެވަނަ ކައިވެނި ރޫޅުނު ފަހުން މާގިނަ ދުވަސްތަކެއް ނުވާތީ ބޭނުންވާ ބައެއް ލިޔެކިޔުން ހަމަޖެހުމުގައި ލަސްތަކެއް ވަމުން އަންނާތީ އެކަނިވެރި މައިންގެ އެލަވެންސް ވެސް އަދި ވަނީ ހަމަޖެހޭ ގޮތް ނުވެފައެވެ.
" ކުދިންނަށް ކާއެތިކޮޅެއް ނުދެވި ހުންނަން ޖެހޭ ދުވަސްވެސް ވަރަށް ގިނައިން އާދޭ.. ބައެއް ފަހަރު އިންޓަވަލްއަށް ގެންދާނޭ އެއްޗެއް ނެތުމުން ސުކޫލަށް ކުދިން ނުފޮނުވޭ ދުވަސްތައްވެސް ވަރަށް ގިނަ! މިކުދިން މިހާލުގައި ބޮޑުވާތަން ދެކެން އަޅުގަނޑުގެ ހިތަށް ވަރަށް އަސަރު ކުރޭ.. " މިއީ އައިޝާގެ ހިތްދަތި ވާހަކަ ތަކެވެ.
" މި އާއިލާއަށް އެހީތެރިކަން ފޯރުކޮއްދެއްވަން ބޭނުންވާ ފަރާތްތަކުން މަމްސް އެކައުންޓަށް ރުފިޔާ ޖަމާކުރެއްވުމަށްފަހު އަޅުގަނޑުމެންނަށް ސްލިޕް ފޭސްބުކް ޕޭޖް އަށް ފޮނުވާލަދެއްވުން އެދެން" މަމްސް އެންޖީއޯއިން ބުންޏެވެ.
މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ނުވަތަ އިތުރު މައުލޫމާތެއް ހޯދަން ބޭނުން ނަމަ، މަމްސް އެންޖީއޯގެ ފޭސްބުކް ޕޭޖުން އެ މައުލޫމާތު ލިބެން ހުރެއެވެ. ނުވަތަ އެ ޕޭޖުގައި ހުރި ނަންބަރުތަކަށް ގުޅައިލުމުން ވެސް މައުލޫމާތު ފޯރުކޮށްދެއެވެ.
Account Name : MOMS
Account number : 7730000294482



