މަސްވެރިކަމާއި ގުޅޭ

ދޯންޏެއް ވ.އަތޮޅުގެ މައި ތޮށި މައްޗަށް އަރާފައި
ދޯންޏެއް ވ.އަތޮޅުގެ މައި ތޮށި މައްޗަށް އަރާފައި

މަރާމާތަށްފަހު ކުރިއަށްއޮތް ދެހަފްތާގެ ތެރޭގައި މަހަށްދާން ފެށޭނެކަމަށް އުންމީދު ކުރަން: އަސްދާނު ދޯނި

ފަރަށް އަރައިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ތ.ވަންދޫ "އަސްދާނު" ދޯނި މަރާމާތަށްފަހު ކުރިއައޮތް ދެހަފްތާތެރޭގައި މަހަށްދާން ފެށޭނެކަމަށް އެދޯނީގެ އިބްރާހިމް ނާފިޒް ބުނެފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން ކެޔޮޅު ބުނީ ދޯނި މަރާމާތު ކުރުމުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށެވެ. އަދި އިންޖީނު މަރާމާތުކުރުމަށްފަހު ޓެސްޓަށްވެސް ދުއްވާފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ދޯނި އެތެރޭގެ މަރާމާތުގެ މަސައްކަތްކަމަށް ނާފިޒް ބުންޏެވެ.

ކެޔޮޅު އިބްރާހިމް ނާފިޒް

މި ދޯނި މަރާމާތުކުރުމަށް އެހެލާފައިވަނީ ތ. ދިޔަމިގިލީގައި ހުންނަ ބޯޓްޔާރޑަށެވެ. ދޯނި މަރާމާތު ކުރަމުން ދިޔައިރު އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ވަންދޫ ކައުންސިލުން ބުނެއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން ވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޤިޔާސް ވިދާޅުވީ، ދޯނި ފަޅަށް އެރުމަށް ފަހު ފުންކުރުމާއި، އަދި ދޯނި މަރާމާތުކުރުމަށް ހިރިލަންދޫ މަސްވެރިންނާއި، އޮޑިވެރިންނާއި ވަޑިގެން އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބިފައިވާކަމަށެވެ. އަދި މިއީ އަތޮޅު ރައްޔިތުންގެ އެއްބައިވަންތަކަން ހާމަކޮށްދިން ކަމެއްގެ ގޮތުގައި ވަންދޫ ކައުންސިލްގެ ރައީސް ސިފަކުރެއްވިއެވެ.

"ދިޔަމިގިލީގައި ދޯނި މަރާމާތު ކުރަމުންދިޔަ އިރު އަތޮޅުގެ އެކި ރަށްރަށުގެ އަންހެންނުން ކައްކައިގެން ދަތުރު ހަދައިގެން ދޯނި ކައިރިޔަށް ދިޔަ. މިކަމަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުން ދައްކުވައިދޭ ރީތި ނަމޫނާއެއް". ވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަސްދާނު ދޯނި

އަސްދާނު ދޯނި މަރާމާތުކުރަމުން ދިޔައިރު ތ. އަތޮޅު ރައްޔިތުން ދައްކުވައިދިން ނަމޫނާއަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ތައުރީފް ކުރެއްވިއެވެ. ދޯނީގެ ފޮޓޯތަކާ އެކު މިނިސްޓަރު ޒަހާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އެތައް ޖީލުތަކަކަށް ދެމިގެން އަންނަ ދިވެހިންގެ އިޖްތިމާއީ ސަގާފަތެއް ކަމަށާއި، ފަޅުވެރިންނާއި ވަޑިންގެ ހިތްވަރު އާލާކުރުމަށް ދޭ މި ކެއުންތަކުގެ ސަބަބުން ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ އިޖްތިމާއީ ރޫހު ވަރުގަދަކަން ފެންނަ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އޮގަސްޓުމަހުގެ 15 ވަނަ ދުވަހުގެ ރޭ އެގާރަ ޖަހާކަންހާއިރު މަސްބާނައިގެން ކަނޑުން ވަންނަނިކޮށް މި ދޯނި އަރާފައިވަނީ ވ. ރަކީދުއާއި ދިމާލުން ދެ ނޯޓިކަލް މޭލު ބޭރުން އަތޮޅުގެ މައި ތޮށިމައްޗަށެވެ. މިހާދިސާގައި ދޯނީގެ އަރިމަތީ ބަނޑުފިލައިން އެކިތަންތަނުން ފަޅައިގެންގޮސް ދޯނީގެ ފަށަންވެސް ބިންދައިގެން ދިޔައެވެ. އަދި ދޯނީގެ ގެގަނޑުވެސް ފަޅައިގެން ގޮސް އިންޖީނާއި ޖަނަރޭޓަރަށްވެސް ލޮނު އެޅިފައިވާކަމަސް ދޯނީގެ ވެރިފަރާތުން މަޢުލޫމާތުދެއެވެ.

ދޯނި އެރުމުގެ ސަބަބުން ދޯނި އަރިއަޅައިގެން ދޯނީގެ އެއްފަރާތް މޫދުތެރެއަށް ދިއުމުގެ ސަބަބުން، ދޯނީގެ ގިނަ ސާމާނުތަކެއް އޮޔާގޮސް ގެއްލުނެވެ. މީތެރޭގައި ޑައިވިންގ ކުރަން ގެންގުޅޭ ސާމާނުތަކާއި، ދޮށިތަކާއި ލައިޓްތައް ފަދަ ބާވަތްތައް ހިމެނެއެވެ. ދޯނި ފަޅަށް އެރިއިރު އެދުވަހު ބޭނި 6 ޓަނުމަހާއި، 3 ޓަނު އައިސްއާއި 20 ފީފާ ތެޔޮ ހުރިކަމަށާއި، މި ހުރިހާ އެއްޗެއް މޫދަށް ގޮސްފައިވާކަމަށް އޮޑިވެރިޔާ ބުންޏެވެ.

އަސްދާނު ދޯނި މަރާމާތު ކުރަނީ

މި ހާދިސާގައި ދޯންޏަށް ލިބުނު ގެއްލުން އެކެއް ޕޮއިންޓް ދޭއް މިލިޔަނަށް އަރާނެކަމަށް ދޯނީގެ ވެރިފަރާތުން ބުނެފިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!