ސީޓު ރައިވެރިމަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުދުނީގެ މުރަކަތަކާއި ގާތަކުގެ ނިވަލުގައި އުޅޭ ރައިވެރިމަހެކެވެ.

މިބާވަތުގެ މަސް ފަޅުތެރޭގެ ވަރަށް ތިލަ ހިސާބުތަކުގައި ބައިހަދައިގެން އުޅޭތަން ފެނެއެވެ. ޢާއްމުގޮތެއްގައި އުޅޭ ފުންމިނަކީ 2 މީޓަރާއި 30 މީޓަރާ ދެމެދުގެ ފުންމިނެވެ. މިއީ ދިވެހި މަސްވެރިން ކުރާ ރޭގަޑު ކެޔޮޅުކަމުގައި ބޭނޭ ކެއުމަށް ބޭނުންކުރެވިދާނެ ކަށިގިނަ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް (ގިނައިން 14)، މަޑުކަށިހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 8 ނުވަތަ 9 މަޑުކަރިހުރެއެވެ. ކަންފަތްގަޑުގައި 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް (ގިނައިން 14) މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީގައި 5 ނުވަތަ 6 ބަރިޔަށް ހުންނަ ހުޅުނބުތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 17 ސެންޓިމީޓަރަށެވެ.

މަހުގައި ހުދާއި ރަތްކުލައިގެ ފުޅާރޮނގުތަކެއް މަހުގެ ދިގަށްވާގޮތަށް ހުރެއެވެ. މަހުގެ ލޮލުގެ ތިރީކައިރީގައި ހުދުކުލައިގެ ރޮނގެއް ފާޅުކޮށް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިހުންނަނީ ރަތްކޮށެވެ. މިކަށިތަކުގެ ކޮޅުހުންނަނީ ހުދުކުލައިގައެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ދިވެހި ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ކުލަވަރަށްބަލާ އެންމެ ބޮޑަށް ފާހަގަކުރެވޭ ސިފައަށްވިސްނާ "ސީޓު ރައިވެރިމަސް " ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: : Crown squirrelfish
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!