ރަސްމީ ރިކޯޑުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަން ކުރަން ފެށީ 1985 ވަނަ އަހަރުއެވެ.
އެހެންނަމަވެސް، 1970 ވަނަ އަހަރުގެ ފަހުކޮޅުގައިވެސް ހުއިފިލަނޑާގެ މަސްވެރިކަން ކޮށްފައިވާކަމަށް ބައެއް މަސްވެރިން މަޢުލޫމާތު ދީފައިވެއެވެ. މި މަސްވެރިކަން ފެށިފައިވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައެވެ. 1985 ވަނަ އަހަރު ފެށި މި މަސްވެރިކަން މަދު އަހަރުތަކެއްގެ ތެރޭގައި މުޅި ރާއްޖެއަށް ފުޅާވެގެން ދިޔައިރު، ކަޅުބިލަމަހުގެ މަސްވެރިކަން ނަގާފައި އެއިރު އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ މަސްވެރިކަމަށް ހުއިފިލަނޑާގެ މަސްވެރިކަން ވެގެން ދިޔައެވެ. މި މަސްވެރިކަން ފެށިގެން ދިޔައިރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އަގު ބޮޑު ބާވަތްތަކަށެވެ. ނަމަވެސް އޭގެ ދިހަ ވަރަކަށް އަހަރު ފަހުން، ނަގާ ބާވަތްތައް ބަދަލުވެ، އަގުދަށް ބާވަތްތައް ނެގޭ މިންވަރު ވަރަށް ބޮޑަށް އިތުރު ވެގެންދިޔައެވެ. އަދި މިގޮތުން އަގު ދަށް ބާވަތެއްކަމަށްވާ "ހޮޅި" ނެގޭ މިންވަރު ނިސްބަތުން ވަރަށް ބޮޑުތަން އިތުރު ވެގެން ދިޔައެވެ. ހޮޅިއަކީ އަގުދަށް ބާވަތަކަށްވެފައި، މަސްވެރިން އެބާވަތަށް އެހާބޮޑަށް ބަރޯސާވުން ދައްކުވައިދެނީ އެދުވަސްވަރު ހުއިފިލަނޑާގެ ސްޓޮކް ހީނަރުވެފައިވާ މިންވަރެވެ.
އެންމެ ފުރަތަމަ މިމަސްވެރިކަން ފެށިގެން އައި އިރު، ހުއިފިލަނޑާ ނަގަނީ ފަރުމަތިންނާއި ފުންމިނުގައި 1 މީޓަރު ނުހުންނަ ތިލަ ފަޅުތަކުންނެވެ. މިގޮތުން، ބަރެއް ހަރުކޮށްފައިވާ ކަންވާރެއް ތިރިކޮށްގެން އޭގައި ހަރުކޮށްފައިވާ ބުޅިއެއް ހުއިފިލަނޑާގައި އަޅުވައިގެން ނެގުން އާންމުވެގެން ދިޔައެވެ. މިގޮތަށް މިކަން ކޮށްފައިވަނީ މޫދަށް އެރި ތިބެގެންނާއި ދެތިން މީޓަރު ފެނުގެ އަޑިއަށް ފީނައިގެންނެވެ. އަދި ހުއިފިލަނޑާ ނެގުމުގައި ކޮޅު ތޫނުކޮށްފައިވާ ދަގަނޑު ބޭނުންކުރިކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ. ތިލަ ހިސާބުތަކުން "އަލަނާސި" އާއި "ފަޅު ބަޓު" ފަދަ އަގުބޮޑެތި ބާވަތްތައް ލިބުން ދަތިވާން ފެށުމުން، ވައިފުޅި އަޅައިގެން ފީނައިގެން 15 މީޓަރާއި 25 މީޓަރާ ދެމެދުގެ ފުން ސަރަޙައްދުތަކުން ހުއިފިލަނޑާ ނަގަން ފެށިއެވެ. ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން 1993 ގައި ރަސްމީކޮށް މަނާކުރެވިފައިވީނަމަވެސް، އެކަން އެކަށީގެންވާ ގޮތަކަށް ތަންފީޛު ކުރެވިފައި ނުވާތީ، ހުއިފިލަނޑާ ނެގުމަށް މިހާރުވެސް ވައިފުޅި އަޅައިގެން ފީނައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން 2017 ވަނަ އަހަރު ފޯނުގެ ޛަރީޢާއިން ކުރިއަށް ގެންދިޔަ ސާރވޭއަކުން ދައްކާ ގޮތުގައި، މި މަސްވެރިކަމުގައި ގާތްގަނޑަކަށް 1200 މަސްވެރިން ޝާމިލްވެއެވެ. މީގެ ތެރެއިން ބައެއް މަސްވެރިން މިކަން ކުރަނީ އާމްދަނީ ހޯދާ މައިގަނޑު މަސައްކަތުގެ ގޮތުގައެވެ. ނަމަވެސް ބައެއް މީހުން އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުންވެސް ހުއިފިލަނޑާގެ މަސްވެރިކަމުގައި ހަރަކާތްތެރިވެއެވެ. ހުއިފިލަނޑާ ނަގާ ހިސާބުން ފެށިގެން އެކްސްޕޯޓުކުރުން ނުވަތަ ރީޓެއިލްކޮށް ވިއްކުމާ ހިސާބަށް ދިޔުމުގައި ގިނަ މަރުހަލާތަކެއް ކަޑައްތުކުރެއެވެ. ދިވެހިރާއްޖޭގައި ހުއިފިލަނޑާގެ ބާވަތްތައް ނަގާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ހުއިފިލަނޑާގެ މަސްވެރިކަން ކުރެވޭ މިންވަރު އެހާ ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ.
އެހެންނަމަވެސް 2002 ގައި ގާއިމުކުރެވުނު ހުއިފިލަނޑާގެ ރިޕޯޓު ފޮނުވުމުގެ ނިޒާމުގެ ތެރެއިން ހުއިފިލަނޑާގެ މަސްވެރިކަމުގެ މަޢުލޫމާތު ކޮންމެވެސް ވަރަކަށް ލިބިފައިވެއެވެ. މި އިންތިޒާމު ހަމަޖެހިފައި އޮތް ގޮތަކީ މަސްވެރިން ކޮންމެ ދުވަހަކު ނަގާ ހުއިފިލަނޑާގެ މިންވަރު ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ ކަނޑައެޅޭ ވަކި ފަރާތެއް ރިކޯޑުކޮށް، މިނިސްޓްރީގައި އޭރު ހުންނަ މަޢުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމާބެހޭ ސެކްޝަނާ ހިއްސާކުރަނީއެވެ. މިގޮތަށް ރިޕޯޓު ފޮނުވުމުގެ އިންތިޒާމުގެ ދަށުން ލިބެމުން އައި މަޢުލޫމާތުތައް މަދުވަމުންގޮސް ރަސްމީކޮށް ހުއްޓިފައިވަނީ ގާތްގަނޑަކަށް 2017 ހިސާބުގައެވެ.
ހުއިފިލަނޑާގެ މަސްވެރިކަން ކުރެވޭ މިންވަރު ފުރިހަމައަށް ދެނެގަނެވިފައި ނުވިނަމަވެސް، ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތްތައް މައިގަނޑު ގޮތެއްގައި ދަނީ އެކްސްޕޯޓަށް ކަމަށްވާތީ، ދިވެހިރާއްޖޭގައި ނެގޭ ހުއިފިލަނޑާގެ ޖުމުލަ އަދަދަކީ އެކްސްޕޯޓު ކުރެވޭ ޖުމުލަ އަދަދު ކަމުގައި ބެލެވިދާނެއެވެ. އެހެންނަމަވެސް، ހުއިފިލަނޑާގެ ވިޔަފާރިކުރާ ފަރާތްތަކުން ރިކޯޑު ބަލަހައްޓައި ރިޕޯޓުކުރެވޭނެ ނިޒާމެއް ރަސްމީ ގޮތަކަށް ކަނޑައެޅި ފައި ނުވާތީ، އެކްސްޕޯޓުކުރެވޭ ހުއިފިލަނޑާގެ ވަކި ވަކި ބާވަތްތަކާއި އޭގެ މިންވަރު ދެނެގަނެވިފައެއް ނުވެއެވެ.