ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ

މަސްވެރިކަމުގެ ދާއިރާއިން 2014 ވަނަ އަަހަރު ޙާސިލްކޮށްފައިވާ ބައެއް ކާމިޔާބީތައް

މަސްވެރިކަމަކީ ދިވެހިންގެ އާބާދީގެ ބޮޑު ބައެއްގެ ދިރިއުޅުން އެކަމެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ އެއް ދާއިރާއެވެ. ޚާއްސަކޮށް
އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ އާމްދަނީ ލިބޭ އެންމެ ބޮޑު އެއްދާއިރާއަކީ މަސްވެރިކަމެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހާމަކުރައްވާ ގޮތުގައި ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިޖުތިމާޢީ ރައްކާތެރިކަން އިތުރު ކުރުމާއި، ކަނޑުފަޅުގެ ފައިދާ އެންމެ އެދެވޭގޮތުގައި ނެގުންފަދަ ކަން ކަމަށް ވަރަށްބޮޑު ސަމާލުކަމެއދެއްވާަ 2014 ވަނަ އަހަރު ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި 2014 ވަނަ އަހަރު 1438 ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ. އަދިހަމަ
ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމަށް މަސްވެރިކަމުގެ އިތުރު އުޅަނދުފަހަރު ނެރުމަށް، 32 އުޅަނދެއްގެ އިންޖީނު ޑިއުޓީ މާފުކޮށްދީފައިވެއެވެ. އަދި ހަމައެއާއެކު އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން، މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް 3.6 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްދީފައިވެއެވެ. އަދި ކޯޕަރޭޓިވް ޙިއްޞާ އިތުރުކުރުމަށް 296 ފަރާތެއް ތަމްރީންކޮށްފައިވާކަމަށާއި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންއާއި ގުޅިގެން ޒުވާން ދެ މަސްވެރިއަކު އެމެރިކާގައި ތަމްރީންވުމުގެ ފުރުސަތު ފަހިކޮށްދެވިފައިވެއެވެ.

މީގެ އިތުރުން ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށާއި އައު ބާވަތްތައް އުފެއްދުމަށް 14.3 ރުފިޔާގެ ލޯނު ދޫކުރަން ފަށާފައިވާ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރެއެވެ.

އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން މަސްވެރިންގެ އާމްދަނީގެ އިންޝުއަރެންސް ސްކީމްގައި ބައިވެރިވެފައިވާ 20 ފަރާތަކަށް 3 ލައްކައަށްވުރެ ގިނަ ރުފިޔާ ދޫކުރުމާއި، މަސްވެރިކަމުގައި އުޅެނިކޮށް މަސްވެރިއެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ލިބޭ ގެއްލުމަށް މާލީ އެހީ ފޯރުކޮށްދިނުމުގެ އިންޝުއަރެންސް ސްކީމެއް ތައާރަފް ކުރުމާއި، މަސްވެރިންނަށް ކަނޑުމަތީގައި ދިމާވާ ހާދިސާތަކުން ސަލާމަތްކޮށްދިނުމާއި މަސްވެރިންނާއި މަސްވެރި އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމަށްޓަކައި 50 އުޅަނދުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކޮށް 223 އުޅަނދެއްގައި އެފަދަ ޑިވައިސް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދިއުންވެސް އެއީ 2014 ވަނަ އަހަރުގެ ކާމިޔާބީގެ ގޮތުގައި އެމިނިސްޓްރީން ފާހަގަ ކުރެއެވެ.

ކަނޑުފަޅުގެ ފައިދާ އެންމެ އެދޭވޭގޮތުގައި ނެގުމުގެ ގޮތުން މުޅިން އަލަށް ހަރުކޮށްދެވުނު 4 ކަނދުފައްޗާއި، ދިވެހި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް ދިވެހި އުޅަނދުފަހަރު ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ފަހަނައަޅައި ބޭރުކަނޑުން މަސްވެރިކަން ކުރަން ފެށުމާއި، ލޭނު މަސްވެރިކަމުގައި ބައިވެރިވާ ދިވެހިން އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ސަރުކާރާއި އަމިއްލަފަރާތަކާ ގުޅިގެން މެރިކަލްޗަރ ތަރައްޤީ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ރާއްޖޭގެ އިތުރު 7 ސަރަޙައްދެއްގައި އައިސްޕްލާންޓް ޤާއިމް ކުރުމަށް ލޯނު ދޫކުރުން ހިމެނޭ ކަމަށް ފާހަގަ ކޮށްފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަ ކުރައްވާ ގޮތުގައި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 24 ކަނދުފައްޗެއް ޤާއިމް ކުރެވިފައިވެއެވެ. އަދި ފާއިތުވި ގާތްގަޑަކަށް 33 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ކަނދުފަތި އެންމެ އަވަހަށް އަޅާދެވިފައިވަނީވެސް  2014 ވަނަ އަހަރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ފާހަގަ ކުރައްވައެވެ.

މީގެ އިތުރުންވެސް  2014 ވަނަ އަހަރު މަސްވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ބޮޑެތި ކާމިޔާބީތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް އެފަރާތުން ހާމަ ކުރައްވައެވެ. ކޮންމެއަކަސް އަޅުގަނޑުމެން އެންމެންގެވެސް އުންމީދަކީ އަހަރަކަށްވުރެ އަހަރެއް މަސްވެރިކަމުގެ ސިނާއަތް ކުރިއަރައި ދިއުމެވެ. އަދި ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ނަމާ ގިނަ ދިވެހިންނަށާއި ޤައުމަށް
ލިބިގެން ދިއުމެވެ.

މަސްދަރު: އަސްދަނޑި

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!