އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ ކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ ކަމަށާއި، ދެން މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގާ މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގާ ބޮޑު އަގު ލިބޭނަމަ މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔެ ފުރަބަންދުވެ އިޤްތިޞާދީ ހަރަކާތް ހުއްޓި އާމްދަނީގެ ހުރިހާމަގެއް ފަޅުވެ ދިޔައިރު ފަޅުނުވެ އޮތީ ވަށާ މިއޮތް ދިވެހިނޫފަޅުތަކާ ރާއްޖޭގެ މަސްކަނޑުތައް ކަމަށެވެ. ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގާ އެންމެ ގިނަ މަސް މިފްކޯ އަށް ކިރުވީ ނިމިދިޔަ އަހަރު ކަމަށާއި އަދި ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން މަސްވެރިންނަށް މިހާރު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެން މިފްކޯއިން ގަންނަ ކަނޑުމަހުގެ އަގު -/20އިިން -/18 އަށް ދަށްކުރީ 20ސެޕްޓެމްބަރ 2020 ގައެވެ. އޭގެ ފަހުން 10 އޮކްޓޯބަރ 2020ގައި މިފްކޯއިންވަނީ 1.5 މަތީގެ ފިނިކުރި މަސްކިލޯއެއްގެ އަގު -/16 ރުފިޔާއަށް ދަށްކޮށް، ފިނި ނުކުރާ 1.5 ކިލޯއިން މަތީގެ މަހުގެ އަގު -/14 ރުފިޔާއަށް ދަށްކޮށްފައެވެ.