Yellowfin with Plastic 2

ރާއްޖޭގައި ބޭނި ކަންނެއްޔެއްގެ ބޯ، ޕްލާސްޓިކް ބެލްޓަކުން ފިތިފައި

ކަނޑަށް އުކާލާ ޕްލާސްޓިކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އޭގެ ގިނަ އަސަރުތަކެއް ކުރެއެވެ. ޕްލާސްޓިކްތައް ގައިގައި އޮޅިގެން މަސް މަރުުވުން ފަދަ ކަންތައްތައް ހިނގާފައި އެބަހުރިއެވެ.

އިއްޔެ ފަރެސްމާތޮޑާގެ މީހެއް ބޭނި ކަންނެއްޔެއްގެ ބޮލުގައި އޮތީ ފޮށި ބަންދުކުރާ ޕްލާސްޓިކް ބެލްޓެއް އޮޅިފައެވެ. މަސްވެރިކަމަށް ލޯބިކުރާ ފަރެސްމާތޮޑާ، މުޙައްމަދު މަނިކު އަކީ ހުސްވަގުތުތަކުގައި އާއްމުގޮތެއްގައިވެސް މަހަށް ގޮސް އުޅޭ ފަރާތެކެވެ.

އޭނާ ބުނީ ފަރެސްމާތޮޑާގެ ގާތްގަނޑަކަށް 2 މޭލު ބޭރުން ބޭނި، މި ކަންނެލީގެ ބަރުދަނުގައި 60 ކިލޯވަރު ހުންނާނެ ކަމަށެވެ.

އަދި އެމަހުގެ ބޮލުގައި އެޅިފައި އޮތް ޕްލާސްޓިކް ބެލްޓަކީ ފޮށި ބަންދުކުރަން ބޭނުންކުރާ ޒާތުގެ އެއްޗެއް ކަމަށް މަނިކު ބުންޏެވެ. އަދި ޕްލާސްޓިކް ގަނޑު އޮތީ އޭގެ ބޮލަށް ފެތިފައި ކަމަށް މަނިކު ބުންޏެވެ.
"ލަފާކުރެވެނީ ފަންކާ ފޮށި ބަންދުކުރާ ސައިޒަށްވުރެ ތަންކޮޅެއް ބޮޑު ބެލްޓެއް ކަމަށް، ފޫޓެއްވަރު ހުންނާނެ ޑައިމީޓަރު އޭގައި، ބޮލަށް ފެތިފައި އިނީ، އެތަން ފާޅުވާންވެސް ފަށާފަ އިނީ، ފާރެއް ނުވޭ، އެކަމު އެފާޅުވާން ފަށާފައިނީ،" މަނިކު ބުންޏެވެ.

މޫދަށް ލޯބިކުރާ މަނިކުއާއި މީގެ ކުރިންވެސް ވެލާ ފަދަ ތަކެތި ޕްލާސްޓިކުގެ އެކި ކަހަލަ އެއްޗެހީގައި ތާށިވެފައި ހުއްޓާ ފެނިގެން ސަލާމަތްކޮށްފައި ހުންނާނެ ކަމަށް އޭނާ ބުނެއެވެ. ކުނި ރައްކާތެރިގޮތުގައި ނައްތާލުމަކީ މުޙިއްމު ކަމަކަށްވާއިރު، މޫދަށް އުކާލެވޭ ޕްލާސްޓިކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގިނަ ގެއްލުންތަކެއް ދަނީ ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!