ޒަމާނަށް އަންނަ ބަދަލުތަކާއިއެކު މަސްވެރިކަމަށާއި ނިޔަމިކަމަށް ބޭނުން ކުރާ ޓެކްނޮލޮޖީއަށް ވެސް ބަދަލު އާދެއެވެ. މިހާރުގެ އޮޑިދޯނިފަހަރުގެ ވެރިންނަށް ވަނީ މިޓެކްނޮލޮޖީތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވާން ޖެހިފައެވެ. ގިނަބަޔަކު މިއަންނަ ބަދަލުތަކާމެދު ނުރުހެނީ ގިނަފަހަރު މިކަމާމެދު ރަނގަޅު މައުލޫމާތު ލިބިފައި ނުވާތީވެއެވެ.
ފަހަކަށް އައިސް ޖީޕީއެސް، ރާޑަރ އަދި ފިޝްފައިންޑަރތައް ދަނީ ވަރަށް އަވަހަށް ބަދަލުވަމުންނެވެ. ނަމަވެސް މިބަދަލުތަކަކީ މިތަކެތި ބޭނުންކުރާ މީހުންވެސް އެއަށް ތަމްރީން ކުރުމުގެ ނިޔަތުގައި ކުއްލިއަކަށް މުޅިއެއްޗަށް ބޮޑު ބަދަލެއް ނުގެނެސް، މަޑުމަޑުން އާ ފަންކްޝަންތައް ތާއާރަފް ކުރަމުން ގެނެވެމުންދާ ބަދަލުތަކެވެ. އެހެނީ މިފަދަ ތަކެއްޗަށް ކުއްލި ބޮޑު ބަދަލެއް ގެނައުމުން ބޭނުންކުރާ މީހުންނަށް ދަސްކުރަން ވަރަށް ދަތި ވާނެތީއެވެ.
މިހާރު މިއަންނަ ބަދަލުތަކަކީ ހުރިހާ އެއްޗެއްވެސް ޓަޗްސްކްރީންނަށް ބަދަލު ކުރުމުގެ މަޤްސަދުގައި ގެންނަ ބަދަލު ތަކެކެވެ. މިހާރުގެ ގިނަ ޖީޕީއެސް، ރާޑަރ އަދި ފިޝްފައިންޑަރު ތަކުގައި ހުންނަ ސްކްރީންތަކުގެ ބަޓަންތައް މަދުކުރަމުން ގޮސް މުޅިން ޓަަޗް ސްކްރީނަށް އަންނަނީ ބަދަލުވަމުންނެވެ. މިއީ ވަމުން އަންނަ ވަރަށް ބޮޑު ފަސޭހައެކެވެ. އެއީ ސްކްރީންތައް ބޮޑުވެ ބޭނުން ކުރަން މާ ފަސޭހަ ވާތީއެވެ.
މިގޮތުން ލޮރެސް ބްުރޭންޑުގެ ޖީޕީއެސް ތަކަށް ޓަޗް ތާރަފް ކުރަން ވަނީ ފަށައިފައެވެ. ލޯރެންސްގެ އީލީޓް ޓީ.އައި ސީރީސްގައި ހުންނަނީ ވަރަށް މަދު ބަޓަންތަކެކެވެ. ހުރިހާ ކަމެއްހެން ކުރެވެނީ ޓަޗް ބޭނުން ކޮށްގެންނެވެ. މިސީރީސްގެ ޖީޕީއެސް އަދި ފިޝްފައިންޑަރ ތަކަކީ މުޅިދުނިޔޭގައާއި ރާއްޖޭގެވެސް ގިނަބަޔެއްގެ ހިތްހަމަޖެހުމާއި ތައުރީފް ލިބެމުން އަންނަ ސީރީސްއެކެވެ. މިސީރީސްގެ ޓަޗް ޖީޕީއެސް ބޭނުންކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، މެނޫ ބޭނުން ކުރުމަށާއި މަގުހޯދުމަށާއި ޗާޓުގެ އެހެން ހިސާބުތައް ބަލަން ޓަޗް ބޭނުން ކުރަން ފަސޭހައެވެ. ބަޓަން ބޭނުން ކުރުމަށްވުރެ ކުރަން ބޭނުންވާކަންތައް ކުރަން ގިނަވަގުތުނުނަގާ މާފަސޭހަވެއެވެ.
މީގެ އިތުރުށް އެކި ޕޭޖުތައް ބެލުމަށާއި ވޭޕޮއިންޓާއި ރޫޓް ޖަހައި، ފަހުން ބެލުމަށް ވަރަށް ފަސޭހަވެއެވެ. އަދި އައިޕެޑް ފަދަ ޓެބްލެޓް ތަކާއި އެއްކޮށް އެޓެބްލެޓުން ޔުނިޓު ކޮންޓްރޯލު ކުރެވެއެވެ. މިއީ ދެވީލްހައުސް ހުންނަ އުޅަނދުތަކަށް ވަރަށް ބޭނުން ހިފޭ ފަންކްޝަން ތަކެކެވެ.
މިދެންނެވި ފަދައިން ކަނޑުއުޅަނދުފަހަރު ތަކުގައި ބޭނުންކުރާ ވަސީލަތްތަކަށް އަންނަ ބަދަލުތަކަކީ އުނދަގޫވަމުން އަންނަ ބަދަލުތަކެއް ނޫނެވެ. މިއާއި ޚިލާފަށް ކުރެވޭ ބޭނުންތައް ގިނަވެފައި ބޭނުންކުރަން އިންތިހާއަށް ފަސޭހަވަމުން އަންނަ ހެޔޮބަދަލުތަކެވެ.
މަސްދަރު: އަސްދަނޑި