މަސްވެރިކަމާއި ގުޅޭ

ހުދުލައްފާނަ

މިއީ ފަރުފަޅުތަކުގައްޔާއި، ހާހަލުގައި 60 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭމަހެކެވެ.

މިބާވަތުގެ ފާނަ ޢާއްމުގޮތެއްގައި އުޅެނީ ފަރުބޭރުން އުރަފަށްކައިރީގައި ހެދިފައި ހުންނަ ހޮހަޅަތަކުގެ ކައިރީގައެވެ. މިބާވަތުގެ ކުދިމަސް ގާފާލަންފަދަ އެނޫންވެސް ތޮށިތޮށިގަޑުގެ ނިވަލުގައިވެސް އުޅެއެވެ. ދިވެހި ކެޔޮޅުކަމުގައި މަދުމަދުން މިބާވަތް ބޭނިފައި ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެކެވެ. މަހުގެ ބޮލުގެ ދިގުމިން ހަށިގަޑުގެ އެންމެފުޅާ ހިސާބަށްވުރެ ދިގުވާނެއެވެ. މަހުގެ ބޮލުގެ މަތިން ލޮލުގެ ދޭތެރެ ހުންނަނީ އެއްވަރަކަށް ފަތާކޮށެވެ. މަހުގެ ކަރުތާފަތުގެ ކޮޅުހުންނަނީ ކޮޅަށް އޫކޮށެވެ. އަދި ކަރުތާފަތުގެ މަތީބައި ހުންނަނީ ވަރަށް ތެދަށެވެ.
މިފާނައިގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ކަޅުކުލައަކަށްދާ ގަދަމުށިކުލައެވެ. މަހުގެ ބޮލުގައްޔާއި ހަށިގަޑުގައި ހުދުކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިލައްތައް ބުރަކަށިމަތީ ކޮތަރިބައިގައްޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގައިވެސް ހުރެއެވެ. މިބާވަތުގެ ބޮޑެތިމަހުގައި މިލައްތައް ހުންނަނީ ހުދުކުލައިގެ ކުރެހުން ބަޔަކަށް ބަދަލުވެފައެވެ. ހުދުލައްފާނަ ގާތްގަޑަކަށް 76 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ.

އިނގިރޭސި ނަން: White-spotted grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!