photo_2022-02-06_19-48-47

ހުޅުމާލޭގައި ތަރައްގީ ކުރި މަސްވެރިންގެ މައިޒާން ހުޅުވައިފި

ހުޅުމާލޭ ފިޝަރީޒް ހާބަރ ސަރަހައްދުގައި ތަރައްގީ ކުރި މަސްވެރިންގެ މައިޒާން އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޖެޓީ ތަރައްގީ ކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)އިންނެވެ. މަސްވެރިންގެ މައިޒާން ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި މައިޒާން ބިނާކުރުމުގެ މައިގަމޑު މަގުސަދަކީ، ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ މީހުނަށް، އަދި ހާއްސަކޮށް މަސްވެރި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.

މަސްވެރިންގެ މި މައިދާނުގައި ޖޯލި އަދި ގޮނޑިއާއި މޭޒު ވަނީ ޖަހާފައެވެ. މީގެ އިތުރުން ކާނާއާއި އެކި ބާވަތްތަކުގެ ސާމާނު ގަނެވޭގޮތަށް "ޓަކް ޝޮޕް" އެއް ވެސް އެ މައިޒާނުގައި ހިމެނެއެވެ. ހަމައެއާއެކު ދެ ފާޚާނާވެސް އެ ސަރަހައްދުގައި ވަނީ ގާއިމު ކުރެވިފައެވެ.

އެޗްޑީސީން ބުނީ އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިއީ މަސްވެރިންނަށް ބޭނުންވާ ގިނަ ކަންތައްތަކާއި އެކު ކުރު މުއްދަތެއްގެ ތެރޭގައި ބިނާކުރެވިފައިވާ، ބޭނުން ކުރަން ފަސޭހަ މައިޒާނެއް" އެޗްޑީސީން ބުންޏެވެ.

މުސްތަގުބަލުގައި ވެސް މަސްވެރިންނަށް ދިމާވާ ކަންތައްބަލައި އެކަންތައްތައް ހައްލު ކުރުމަށް އެޗްޑީސީން އަބަދުވެސް މަސައްކަތް ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!