ތިނަދޫގެ މަލަމަތި، ފޮޓޯ- ޝަހާއު މުޙައްމަދު
ތިނަދޫގެ މަލަމަތި، ފޮޓޯ- ޝަހާއު މުޙައްމަދު

ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމްކުރަނީ

ގދ.ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމްކުރުމަށް ބިމެއް ދޫކުރުމަށް ތިނަދޫ ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން ބުނީ މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމް ކުރުމަށް އެރަށު، 13.20 ނަންބަރު ބިމުގައި ހިމެނޭ 230،000 (ދެލައްކަ ތިރީސް ހާސް) އަކަފޫޓުގެ ބިން  ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު 13:00ގައި ގދ. ތިނަދޫ ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ ދުވަހަކީ މިމަހުގެ 22ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ.

މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ދީފައިވާ، ދުވަހު އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަނި ކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއެވެ. ބިން ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ލިބޭނެ ކަމަށްވެސް އެކައުންސިލުން ވިދާޅުވެއެވެ. 

ތިނަދޫގައި މަސްބަންދުކުރާ ކާރުޙާނާއެއް ޤާއިމްކުރުމަށް ބިމެއް ދޫކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށާފައިވާއިރު، އެރަށުގައި މަސްގަނެ  ރައްކާކުރާ ފެސިލިޓީއެއްް ޤާއިމްކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އަދި މިކަމާއި ގުޅޭ މަސައްކަތްތަށް ސަރުކާރުންދަނީ ކުރަމުންނެވެ. ގދ. ތިނަދޫގައި ޤާއިމްކުރަނީ 1000 ޓަނުގެ ކޯލްޑްސްޓޭރޭޖެއް ކަމަށްވެސް މައުލުމާތުލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!