ފަރުމަސް - ފޮޓޯ: އެޓޯލް ފިޝަމަން
ފަރުމަސް - ފޮޓޯ: އެޓޯލް ފިޝަމަން

ފަރުމަހުގެ މަސްވެރިކަމުގައި އާއްމުކޮށް ހިފާ ބާވަތްތައް އަދި އެބާވަތްތަކުގެ މާޙައުލާއި ޙަޔަވިއްޔާތު

ތަޢާރުފު
ފަރުތައް ހެދިބޮޑުވުމުގައި މައިގަނޑު ދައުރު އަދާކުރާ މުރަކައިގެ ބާވަތްތައް މީގެ 240 މިލިއަން އަހަރު ކުރިން އުފެދިފައިވީ ނަމަވެސް، އެ މުރަކައިގެ ބާވަތްތަކާއި، އެއާ ގުޅިލާމެހިފައިވާ މަސްމަހާމެހީގެ ދިރުންތަކާއި، އެ ދިރުންތަކާ ފަރުތަކާ ހުރި ގުޅުންތައް އަދިވެސް ދަނީ ބަދަލު ވަމުންނެވެ. ފަރުތަކުގެ މާޙައުލަކީ އެ މާޙައުލުގައިވާ ދިރުންތަކާއި އެ ދިރުންތަކުގެ މެދުގައިވާ ގުޅުންތަކުގެ ސަބަބުން މުޅި ދުނިޔޭގައިވެސް ޙަޔަވީ ގޮތުން އެންމެ މުއްސަނދި އެއް މާޙައުލެވެ. މިގޮތުން، ފަރުތަކަކީ ދިވެހިންނަށް ލިބިފައިވާ އެންމެ މުހިންމު ޤުދުރަތީ ވަސީލަތެވެ. އަދި ދިވެހިރާއްޖޭގެ އިޤުތި ޞާދު އޭގެ މައްޗަށް ބަރޯސާވާ މައިގަނޑު ދެ ޞިނާޢަތް ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަން ސީދާ ގުޅިފައިވަނީވެސް ފަރުތަކުގެ ދިރުންތަކުގެ މުއްސަނދިކަމުގެ މައްޗަށެވެ. މިގޮތުން، ތިރީގައި މިވަނީ ފަރުގެ ދިރުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަމުގައި އަމާޒުކުރެވޭ މުހިންމު ބައެއް ބާވަތްތަކެވެ.

ރަތްމަހުގެ އާއިލާ (ލުޓްޖަނިޑޭ) އަށް ނިސްބަތްވާ ބާވަތްތައް
ރަތްމަހުގެ އާއިލާއަށް ނިސްބަތްވާ ބާވަތްތަކަކީ، ތިލަ ފަރުތަކުގައްޔާއި މެދުމިންވަރަކަށް ފުން ހިސާބުތަކުގައިވެސް އުޅޭ ބާވަތްތަކެކެވެ.
މީގެ ތެރެއިން ގިނަ ބާވަތްތަކަކީ އުމުރުގެ ކުރީކޮޅު ގޮނޑުދޮށާއި ކައިރި ފަރުތަކާއި އެހެނިހެން މާޙައުލުތަކުގައި އުޅޭ ބާވަތްތަކެކެވެ
(ކުއިޓަރ 2014). ޖުމުލަގޮތެއްގައި ބަލާއިރު ރަތްމަހުގެ ބާވަތްތަކަކީ ލަހުން ބޮޑުވާ، އަދި ނިސްބަތުން ލަހުން ފުރާވަރަށް އަރާ ބާވަތްތަކެކެވެ. ބައެއް ބާވަތުގެ ފާނައެކޭ އެއްފަދައިން، ރަތްމަހުގެ ބައެއް ބާވަތްތައްވެސް ބިސް ދޫކުރުމަށްޓަކައި އެއް ސަރަޙައްދަކަށް
ޖަމާވެއެވެ (ކޮލިން އެޓް އަލް. 2003). ރަތްމަހުގެ ބާވަތްތައް އާންމުކޮށް ކައިއުޅެނީ ފަރުތަކުގައި އުޅޭ މައިކަށި ނުހުންނަ ބާވަތްތަކާއި، މަސް އަދި އޮޔާއެކު ދަތުރުކުރާ ކުދި ސޫތްޕެވެ (ކުއިޓަރ 2014).

ގުރުވައިގެ އާއިލާ (ހެމުލިޑޭ) އަށް ނިސްބަތްވާ ބާވަތްތައް
މި އާއިލާގެ ގިނަ ބާވަތްތަކަކީ، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑު އަދި އެޓްލާންޓިކް ކަނޑުން ވެސް ފެންނަ ބާވަތްތަކެކެވެ. ގޮނޑުދޮށާ ކައިރި ތިލަ ހިސާބުތަކުންނާއި ވަރަށް ފުން ހިސާބުތަކުންވެސް މި މަސް ފެނެއެވެ (ކާރޑޯސޯ ޑެ މެލޯ އެޓް އަލް. 2020). ގުރުވައަކީ އާންމުކޮށް ދުވާލުގަޑީގައި ފަރުތަކުގެ ހިމާޔަތުގައި އައިން ހަދައިގެން އުޅެފައި، ރޭގަނޑު ނުކުމެ ޝިކާރަކޮށްގެން
ކައި އުޅޭ މަހެކެވެ (ބަރކްޕައިލް އަދި ހޭ 2008). މި ބާވަތުގެ މަސް އާންމު ގޮތެއްގައި ކަނީ އޮޔާއެކު ދަތުރުކުރާ ކުދި ސޫފީގެ އިތުރުން (ޕްލޭންކްޓަންގެ އިތުރުން)، ކަކުންޏާއި ޑިނގާ ފަދަ މައިކަށި ނެތް ބާވަތްތަކެވެ. އަދި ޙާއްޞަ ގޮތެއްގައި ޓަނެއިޑަސިއާ
އަދި ކޮޕެޕޮޑް ހިމެނޭގޮތުން، ކްރަސްޓޭޝިއާ ސަބްފައިލަމް އަށް ނިސްބަތްވާ ބާވަތްތަކެވެ. މީގެއިތުރުން، މި ބާވަތުގެ ބޮޑެތި މަސް
އެހެނިހެން ކުދި މަސް ވެސް ކާނާގެ ގޮތުގައި ބޭނުންކުރެއެވެ (ކޮޝެރެ ޑެ ލަ މޮރިނިއެރ އެޓް އަލް. 2003؛ ނެއިގެލްކަރކެން
އެޓް އަލް. 2000؛ ރޯޝަރ އެޓް އަލް. 2008).
 

ހަނދީގެ އާއިލާ (ކަރަންޖިޑޭ) އަށް ނިސްބަތްވާ ބާވަތްތައް
ހަނދީގެ ބާވަތްތަކަކީ، އިންޑިއާ ކަނޑާއި، ޕެސިފިކް ކަނޑު އަދި އެޓްލާންޓިކް ކަނޑުންވެސް ފެންނަ ބާވަތްތަކެކެވެ. އަދި ދުނިޔޭގެ
ދެބައިހަމަ (އިކުއޭޓަރ) ސަރަޙައްދުގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކުގައްޔާއި، މެދުމިންވަރަކަށް ހޫނު (ސަބްޓްރޮޕިކަލް) ހިސާބުތަކުގައި
އަދި ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގައި ވެސް ހަނދީގެ ބާވަތްތައް އުޅެއެވެ (ބަންނިކޮވް 1987 .(އަދި މި ސަރަޙައްދުތަކުގެ ތެރޭގައިވެސް، ވަރަށް ތަފާތު މާޙައުލުތަކުގައި ހަނދީގެ އެކި ބާވަތްތައް އުޅޭކަމަށް ފާހަގަކުރެވިފައިވެއެވެ. މީގެތެރޭގައި، މުރަކަ ފަރުތަކާއި މޫދުވިނަ އަދި މާކަނޑު ހިމެނެއެވެ. ހަނދީގެ ބާވަތްތަކުގެ ކާނާއަށް ބަލައިލާއިރު، އޮޔާއެކު ދަތުރުކުރާ ކުދި ސޫފި ކާ ބާވަތްތަކާއި (ޕްލޭންކްޓިވޯރސް)، ހަމައެކަނި އެހެން ފަރުތަކުގައި އުޅޭ މަސްމަހާމެހި ކާ ބާވަތްތަކާއި، މަހުގެ އިތުރުން މައިކަށި ނުހުންނަ އެކި ކަހަލަ ސޫފި ކާނާގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ހިމެނެއެވެ (ރީޑް އެޓް އަލް. 2002؛ ފްލޮއެޓަރ އެޓް އަލް. 2018).ކާނާގެ ގޮތުގައި ހަނދީގެ ބާވަތްތަކަށް ޝިކާރަ ކުރާ މަސްމަހުގެ ތެރޭގައި ކަނޑުމަހުގެ ބާވަތްތަކާއި، ފަރުތޮޅި އަދި މާތޮޅީގެ ބާވަތްތައް އަދި ފިޔަލަވެސް ހިމެނެއެވެ (ޑިޕާޓްމަންޓް އޮފް ލޭންޑް އެންޑް ނެޗުރަލް ރިސޯސަސް 2000).ހަނދީގެ ހުރިހާ ބާވަތްތަކަކީވެސް ބިހާއި ދަރިފަނި ލޮނުގަނޑަށް ދޫކޮށް، ފެންގަނޑުގެ ތެރޭގައި ބިހާއި ފަނި ގުޅި، ބިސްފީވެ، ޅަ މަސް ވިހާ ބާވަތްތަކެކެވެ. (ޑިޕާޓްމަންޓް އޮފް ލޭންޑް އެންޑް ނެޗުރަލް ރިސޯސަސް 2000).

ފަރުތޮޅި އަދި މާތޮޅީގެ އާއިލާ (ސްފިރަނަޑޭ) އަށް ނިސްބަތްވާ ބާވަތްތައް
ދުނިޔޭގެ ދެބައިހަމަ (އިކުއޭޓަރ) ސަރަޙައްދުގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކާއި ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގެ އައްސޭރިފަށާ ކައިރިން ފެންނަ ފަރުތޮޅީގެ ބާވަތްތަކަކީ، ފަރުތަކުގައްޔާއި އެހެނިހެން މާޙައުލީ ނިޒާމުތަކުގައިވެސް އުޅޭ ބާވަތްތަކެކެވެ (ސަންޓީނީ އެޓް އަލް. 2015).މި ބާވަތުގެ ބޮޑެތި މަހުގެ މައިގަނޑު ކާނާއަކީ އެހެނިހެން މަސްމަހެވެ. އަދި ކޮންމެވެސް މިންވަރަކަށް ކަކުންޏާއި ބޯވަ އާއި ބޯވަދިލަމަސް ފަދަ ސޫފިވެސް މި ސޮރުމެން ކައިއުޅެއެވެ. ފަރުތޮޅީގެ ބާވަތްތަކުގެ ޅަ މަސް ގިނައިން އުޅެނީ އައިން ހަދައިގެންނެވެ. އެއާ ޚިލާފަށް، މީގެ ބޮޑެތި މަސް މަހަކީ އެކަހެރިކޮށް އުޅޭ މަސްމަހެވެ (ކަލޮގިރޫ 2012).

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!