ޅ. ހިންނަވަރު ބަނދަރު ސަރަޙައްދުގައި އައިސް ޕްލާންޓެއް ހަދާ ހިންގުމަށް ބިން ކުއްޔަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
ހިންނަވަރު ކައުންސިލްގެ އިދާރާއިން ބުނީ އެރަށު ބަނދަރުގެ ދެކުނުކޮޅުގައި ހުރި "ބްރޯކް މެރިން"ގެ ހުޅަނގުން އޮތް ހުސްބިމުން 3488.69 އަކަފޫޓްގެ ބިން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. މިސަރަޙައްދުގައި އައިސްޕްލާންޓެއް ޤާއިމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއިދާރާއަށް އައިސް މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.
ބިޑްގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ހިންނަވަރު ކައުންސިލަށް ގޮސް، ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުމަށްފަހު، ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހެއެވެ. މި ބީލަމުގައި ބައިވެރިވުމަށް -/500 (ފަސް ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހެއެވެ.
އޮންލައިންކޮށް ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގެ މުއްދަތުގައި ކައުންސިލްގެ އެކައުންޓް ނަމްބަރ: 7705 700370 001 ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް، hinn.office@gmail.com އަށް މެއިލް ކޮށްދިނުމަށް ހިންނަވަރު ކައުންސިލުން އެދެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 14 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި، ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށާއި ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށް އެކައުންސިލުން ހާމަކުރެއެވެ.



