މަސްވެރިކަމާއި ގުޅޭ

ރަތްގަޅިފާނަ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި، ހާހަލާއި ތިލަތިލައިގައި އަދި އެތެރެވަރީގެ ކަނޑުތަކުގައި 160 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ ފާނައެކެވެ.

ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި ބޭނޭ މަހެކެވެ. މިއީ އާއްމުގޮތެއްގައި ތިލަހިސާބުތަކުގައި އުޅޭ މަހެއްކަމަށްވެއެވެ. މިއީ ކެއުމަށް މީރުމަހެކެވެ. ދިވެހިންގެ ތެރޭގައި މިމަހަށް ކިޔާ ވަކިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު، މިމަހުގައި ފާހަގަކުރެވޭ ސިފަތަކަށް ބަލާ މިމަހަށް "ރަތްގަޅިފާނަ” ކިޔާ ނަންދެވިފައިވަނީއެވެ. މަހުގެ ޢާއްމުކާނާއަކީ ކުދިމަހާއި ކަކުނިފާޑުގެ ސޫތްޕެވެ.

މަހުގެ މަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތުގެ ކޮޅާއި، ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ކަރުތާފަތް ހުންނަނީ ރާޅުކޮށެވެ. މަހުގެ ކުލައަކީ ނާރިނގުކުލައެކެވެ.

މަހުގެ ދެފަރާތުގައި ހުރަހަށް ގަދަރަތްކުލައިގެ ގަޅިތަކެއް ހުރެއެވެ. މިގަޑިތައް ސާފުކޮށް ފެންނަން ހުންނަނީ މަހުގެ މަތީބައިގައި އެކަންޏެވެ. މަހުގެ ބޮލުގެ މަތީބައި ހުންނަނީ ރަތްމުށިކުލައެއްގައެވެ. މަހުގެ މަތީކޮތަރިބައިގެ ހަރުކަށިތަކުގެ ދޭތެރޭ ދުލިފަށްތަކުގެ ކޮޅުގައި ތިންކަނަށްވާގޮތަށް ހުންނަ ކަޅުކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 40 ސެންޓިމީޓަރަށެވެ.

އިނގިރޭސި ނަން:Blacktip grouper, Red banded grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!