ޑްރަގް ޓްރެފިކިންގ މައްސަލައެއްގައި، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އިން ހެއްކަށް ނޫފޫޒު ފޯރުވާފައި ނުވާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިމަހުގެ 9ވަނަ ދުވަހު މިހާރު ނޫހުގައި ޝާއިއު ކޮށްފައިވާ ޙަބަރަކާއި ހަވާލާދީ އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑްރަގް ޓްރެފިކިންގ މައްސަލައެއްގައި، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އިން ހެއްކަށް ނޫފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
މިމައްސަލައަކީ ޖޫން 2020 ވަނަ އަހަރު ހިނގާފައިވާ މައްސަލައެކެވެ. އަދި ޝަރީއަތުގައި ހެކިންގެ ގޮތުގައި ކަނޑައަޅާފައިވާ ދެމުވައްޒަފުން، މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރާއްޖޭއިން ބޭރަށް ފުރުވާލިކަމަށް މި ކުންފުނީގެ މައްޗަށް މިހާރު ނޫހުގެ ލިޔުމުގައި ތުހުމަތުކޮށްފައިވާ ކަަމަށް އެންސިސްއިން ބުނެއެވެ. މި ހެކިންގެ ތެރެއިން އެއްމުވައްޒަފަކު، އަމިއްލައަށް ވަޒީފާއިން ވަކިވާން އެދުމުން، 2021 ސެޕްޓެމްބަރު ގައިވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށާއި، ދެވަނަ މުވައްޒަފު އަހަރީ ޗުއްޓީއަށް އަމިއްލަ ޤައުމަށް ދިއުމަށްފަހު، އެނބުރި ރާއްޖެ އަންނަން އޮތް ދުވަހަށް ނައުމުގެ ސަބަބުން، ޑިސެމްބަރ 2021 ގައި ވަނީ ވަޒީފާއިން ވަކިކުރެވިފައިވާ ކަމަށްވެސް އެންސިސްއިން ބުނެއެވެ.
އެންސިސްއިން ބުނީ އަދި މި ދެމުވައްޒަފުން ރާއްޖޭގައި ބޭތިއްބުމަށް އެއްވެސް ރަސްމީއިދާރާއަކުން މިކުންފުންޏަށް އަންގާފައި ނުވާކަމަށެވެ.
އެންސިސްއިން ބުނީ މި މައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އެ މުވައްސަސާއިން އެދުނު ހުރިހާ ކަންކަމުގައި އެކުންފުނިން ފުރިހަމައަށް އެއްބާރުލުން ދީފައިވާނެއެވެ. އަދި މިމައްސަލައިގައި ހެކިބަސްދޭން ހެކިވެރިންގެ ގޮތުގައި ހާޒިރުވުމަށް އަންގާފައިވާ އެއްވެސް މުވައްޒަފެއްގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގާފައެއް ނުވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މިމައްސަލާގައި ތަހުޤީޤީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން އެންސިސް ފިޝަރީޒްގެ ފަރާތުން ދެމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކުންފުނިންވަނީ ދީފައެވެ.
މިމައްސަލައަކީ، ކުންފުނީގައި އުޅުނު މުވައްޒަފަކަށް ރައްދުވާ މައްސަލައެއް ކަމުގައިވި ނަމަވެސް، މީ، މިކުންފުންޏާ އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫން ކަންވެސް އެކުންފުނިން ފާހަަގަކުރެއެވެ. ނަމަވެސް މިހާރު ނޫހުގެ ލިޔުމުގައި، އަދި އެލިޔުމުގެ މައި ސުރުހީގައި މިކުންފުނީގެ ނަން ބޭނުންކޮށްފައިވަނީ ކުންފުނީގެ އަގުވެއްޓި އަދި ކުންފުނީގައި މަސައްކަތްކުރާ 700 އަށްވުރެ ގިނަ މުވައްޒަފުންގެ ކަރާމާތަށް ގެއްލުންވާނޭ ފަދައިންކަން ފާހަގަކޮށް، މިހާރު ނޫހުގައި މި ލިޔުން ޝާއިއު ކުރުމުގެ ކުރިން މި ކުންފުނީގެ ބަހަކަށް މިހާރު ނޫހުން އެދިފައިނުވުމަކީ މިކުންފުނިން ވަރަށް ހިތާމަ ކުރާކަމެއް ކަމަށްވެސް އެންސިސްއިން ބުނެއެވެ.




One Response
ތިމީހުންނަކީ ވަރަށް ކަންކަން އޮޅުލާ ބައެއް. މުޅިން މަކަރާއި ހީލަތުން ކަންކަން ކުރާ ބައެއް.