Dimond-back-e1647831497304 (1)

ތުތިބޯވަދިލަމަހުގެ މަސްވެރިކަމަށް ނަޒަރެއް

މަސްވެރިކަން

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ 2018 ވަނަ އަހަރު ދިވެހިރާއްޖޭގައި ތަޢާރަފު ކުރެވިފައިވާ މަސްވެރިކަމެކެވެ. މި މަސްވެރިކަމުގައި މިހާރު ގާތްގަނޑަކަށް 15 ވަރަކަށް އުޅަނދު ހަރަކާތްތެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ބަލައި، އެ މުއްސަނދިކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ގޮތުން ރާއްޖޭގެ ކަނޑުގެ ވެށީގައި ދިރިއުޅޭ ބާވަތްތަކުގެ ތެރެއިން އާ މަސްވެރިކަމެއް ކުރެވިދާނެ ބާވަތްތަކަކީ ކޮބައިތޯ ބެލުމުގެ ގޮތުން ޖަޕާނު ސަރުކާރާއި މިނިސްޓްރީއާ ގުޅިގެން 2015 ވަނަ އަހަރުގެ ތެރޭގައި ދިރާސާއެއް ކުރެވިފައިވެއެވެ.(މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެޓް އަލް. 2017).އެ ދިރާސާއިން ދިވެހިރާއްޖޭގެ ކަނޑުތަކުގައި ތުތި ބޯވަދިލަމަސް އުޅޭކަން ކަށަވަރު ކުރެވިފައިވެއެވެ. އަދި ތުތި ބޯވަދިލަމަސް ބިސް ދޫކުރާ މޫސުމާއި އެ ދިރުންތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބެހިފައިވާ ގޮތުގެ މަޢުލޫމާތު މި ދިރާސާއިން ހޯދިފައިވެއެވެ.

މި ދިރާސާގައި ތަޙުލީލީ ދަތުރުތަކެއް ކުރެވި، އަތޮޅުތަކުގެ ބޭރު ދުނިން ފެށިގެން ގާތްގަނޑަކަށް 5 ނޯޓިކަލް މޭލާއި 15 ނޯޓިކަލް މޭލު ބޭރުން، 1500 އާއި 2000 މީޓަރު އަޑިން ޖުމުލަ 59 ތުތި ބޯވަދިލަމަސް (5.500 ކިލޯ) ބާނައިފައިވެއެވެ (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެޓް އަލް. 2017).ތަޙުލީލު ކުރެވުނު ސައިޓުތަކުގެ ތެރެއިން އެންމެ ގިނައިން ތުތި ބޯވަދިލަމަސް ބާނައިފައިވަނީ ރ.އަތޮޅު ކައިރިންނާއި ޅ.އަތޮޅު ކައިރިންނެވެ.

އެ ދިރާސާއަށް ބަލައި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ވިޔަފާރި ތަޢާރަފު ކުރުމުގެ ގޮތުން 2019 ވަނަ އަހަރު މިނިސްޓްރީގެ
ފަރާތުން އަޖުމަ ބެލުމުގެ މަޝްރޫޢެއް ތަޢާރުފުކޮށް، އެ މަސްވެރިކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން އެ މަސްވެރިކަން ކުރުމުގައި
ބޭނުންކުރާ އާލާތްތައް ހިމެނޭ 10 ސެޓު ވިއްކުމަށް މިނިސްޓްރީގެ ފަރާތުން ހުޅުވައިލައިފައިވެއެވެ.

އަދި އެ ތަކެތި ގަނެފައިވާ ފަރާތްތަކަށް އެ މަސްވެރިކަމާ ގުޅޭ މަޢުލޫމާތާއި އާލާތްތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމްތަ އް މިނިސްޓްރީގެ ފަރާތުން
ހިންގައިފައިވެއެވެ.
ތުތި ބޯވަދިލަމަސް އާންމުކޮށް ބާނަނީ އެކަމަށް ޚާއްޞަ ނަނެއް ފައްތައިގެންނެވެ. މިއީ، 500 މީޓަރު ދިގު، ނަނު ފައްތާ
ކޮޅުގައި 2 ޖިގު އަދި ނަނު ފެނުންމަތީގައި ހުންނަކޮޅުގައި ބޮޔަކާއެކު ދިދަ ދަނޑިއެއް ހަރުކޮށްފައި ހުންނަ އާލާތެކެވެ.
ފައްތާ ނަނަށް ބޯވަދިލަމަހުގެ ސަމާލުކަން ލިބެނީ މައި ނަނުގައި ހަރުކޮށްފައި ހުންނަ ފެން ނުވަންނަ ބޮކީއަލީގެ
ސަބަބުންނެވެ.

 

ޕްރޮސެސްކުރުމާއި އެކްސްޕޯޓު ކުރުން

ތުތި ބޯވަދިލަމަސް އުޅަނދަށް ނެގުމަށްފަހު ލަސްނުކޮށް އޭގެ ގޮހޮރު ދަމައި، ސާފުކޮށް، ޕޮލިތީން ކޮތަޅަށް ލުމަށްފަހު ފިނިކުރަންޖެހެއެވެ. ފިނިކުރާނީ ކޮންމެ 1 ކިލޯ މަހަކަށް 1 ކިލޯ އައިސް އަޅައިގެންނެވެ. ތުތި ބޯވަދިލަމަސް އުޅަނދުގައި ފިނިކޮށްފައި ބެހެއް ޓުމަށް އެންމެ އެކަށީގެންވާ މުއްދަތަކީ 5 ދުވަހެވެ.

ތުތި ބޯވަދިލަމަސް ޕްރޮސެސްކުރުމަށްފަހު، ރައްކައުކޮށް ބަހައްޓަންޖެހެނީ 5- (މައިނަސް 5)ޑިގްރީ ސެލްސިއަސް ގައެވެ. ތުތި ބޯވަދިލަމަހަކީ ޖަޕާނުގައި ސުޝީ އާއި ސަޝިމީ ތައްޔާރު ކުރުމަށް ވަރަށް މަޤުބޫލު ބާވަތެކެވެ. ބޭރުގެ ބާޒާރުގައި އާންމުކޮށް ތުތި ބޯވަދިލަމަހުގެ އަގު އުޅެނީ ގާތްގަނޑަކަށް ކިލޯއަކަށް 8 (އަށެއް) އެމެރިކާ ޑޮލަރާއި 10 (ދިހައެއް) އެމެރިކާ ޑޮލަރާ ދެމެދުގެ  އަގުތަކެއްގައެވެ. އަދި ޖަޕާނު މާކެޓުގައި ތުތި ބޯވަދިލަމަހުގެ ކިލޯއަކަށް 20 (ވިހި) އެމެރިކާ ޑޮލަރާއި 30 (ތިރީސް) އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއް ލިބެއެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް ދިވެހިރާއްޖެއިން ތުތި ބޯވަދިލަމަސް އެކްސްޕޯޓުކޮށްފައެއް ނުވެއެވެ. އަދި ތުތި ބޯވަދިލަމަސް ވިއްކަމުންދަނީ ހަމައެކަނި ރާއްޖޭގެ ބާޒާރުތަކަށާއި ރެސްޓޯރަންޓުތަކަށެވެ. ދިވެހިރާއްޖޭގައި މިވަގުތު ތުތި ބޯވަދިލަމަސް ގަނެ ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވަނީ އެންމެ ފަރާތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!