ބޮޑު ކަންނެލީގެ 85 ރުފިޔާއަށް ދަށްކޮށްފިއެވެ.
މިއީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ކަންނެލީގެ އަގަށް ބަދަލުއައި 3 ވަނަ ފަހަރެވެ. މި އަހަރު ފެށުނު ފަހުންފެން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއްގެ އަގުހުރީ 105 ރުފިޔާގައެވެ. އަދި 30 ކިލޯއިން ދަށުގެ ކަންނެލި ކިލޯއެއްގެ އަގަކީ 65 ރުފިޔާއެވެ.
ކުންފުނިތަކުން ބޮޑު ކަންނެލި ގަންނަ އަގަށް ބަދަލު ގެނައީ މި މަހުގެ 1 ވަނަ ދުވަހުގައެވެ. އެއީ 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 100 ރުފިޔާއަށެވެ. އޭގެ ފަހުން 10 ފެބްރުއަރީގައި 95 ރުފިޔާއަށް ކަންނެލި ކިލޯއެއްގެ އަގު ދަށްކޮށްފައިވެއެވެ.
ރާއްޖެއިން ޔޫރަޕަށް ކަންނެލި އެކްސްޕޯޓުކުރާ ފަރާތްތަކުން ބުނީ، ލަންކާގައި ކަންނެލީގެ މަސްވެރިކަން މިދުވަސްވަރު ވަރަށް ބޮޑަށް ރަނގަޅުވެ، އެޤައުމުން ޔޫރަޕަށް މަސް އެކްސްޕޯޓުކުރާ މަހުގެ އަގު ދަށްވުމާއި ގުޅިގެން ރާއްޖެއިންވެސް ޔޫރަޕަށް މަސް އެކްސްޕޯޓުކުރާ މަހުގެ އަގު ދަށްކުރަން ޖެހުނީކަމަށެވެ.
ލަންކާއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހަށް ޑިއުޓީ އެއް ނުނަގައެވެ. އެހެން ނަމަވެސް ރާއްޖެއިން އެކްސްޕޯޓުކުރާ މަހަށް ޑިއުޓީ ނަގައެވެ. މީގެ ސަބަބުންވެސް ރާއްޖޭގެ މަހުގެ އަގަށް ބަދަލު އާދެއެވެ.



