މިއީ ރާއްޖޭގެ ފަރުފަޅުތަކާއި ހާހަލާއި ތިލަތިލައިގައި 44 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ. މިއީ ހިމަތޮޅިކޮށް ހުންނަ ފާނައެކެވެ. ދިވެހިން ކުރާ ކެޔޮޅުކަމުގައި މިމަސް މަދުމަދުން ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަށިކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 51 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި، މަހާއި، ބޯވައާއި ބޯވަދިލަމަހެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 17 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަށްކޮށެވެ. ހަށިގަޑުގެ ހުޅުނބުތައް ހުންނަނީ އޮމާންކޮށެވެ. މިފާނައިގެ ކުލައަކީ މުށިކުލައެވެ. މަހުގެ މުޅިހަށިގަޑުގައި މުށިކުލައާއި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިލައްތަކުގެ ދޭތެރެތައް ހުންނަނީ ފަނޑު މުށިކުލައެއްގައެވެ. ތަފާތު ސައިޒްތަކުގެ މަސްމަހުގައި މިލައްތައް އެތުރިފައި ހުންނައިރު ހުންނަނީ ވަރަށް ރީތިކޮށް ފިތްފިތަށްކަމުން މަހުގެ ނަމަކަށް "ފިތްޖެހިފާނަ” ކިޔާފައިވަނީއެވެ. މިބާވަތުގެ ކުދިމަހުގައި ހުންނަ ލައްތައް ފިތްތައް، ބޮޑެތި މަހަށްވުރެ މާބޮޑެއްޗެވެ.
އިނގިރޭސި ނަން: : Snubnose grouper, Bigspot grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003