މަސްވެރިކަމާއި ގުޅޭ

ސަފީނާ ދޯނި -- ފޮޓޯ/ ފަރެސްމާތޮޑާ މަސްވެރިން

ކަނޑުމަހުގެ ބާވަތްތަކުގެ ޙަޔަވިއްޔާތާއި މާޙައުލު

ކަނޑުމަހުގެ ބާވަތްތަކަކީ ސްކޮމްބްރިޑޭ ކިޔާ އާއިލާއަކަށް ނިސްބަތްވާ ބާވަތްތަކެކެވެ. ސްކޮމްބްރިޑޭ އާއިލާގައި ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން މުށިމަހާއި، ކުރުމަސް އަދި ވޮށިމަސް ފަދަ ބާވަތްތައްވެސް ހިމެނެއެވެ. މި ބާވަތްތަކުގެ މަސްތައް ދުނިޔޭގެ ނިސްބަތުން ބެހިގެންވަނީ ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ) ސަރަޙައްދުގެ ހޫނު ކަނޑުތަކާއި، މެދު މިންވަރަކަށް ފިނި ސަރަޙައްދުތަކުގައެވެ. ނަމަވެސް، ނޫއުރަހަ ކަންނެލި ފަދަ ބައެއް ބާވަތްތަކަކީ ދުނިޔޭގެ ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގައި އުޅޭ ވައްތަރުތަކެކެވެ. ކަނޑުމަހުގެ އާއިލާގެ ބައެއް ބާވަތްތަކަކީ އައްސޭރިފަށާ ކައިރީގައި އުޅޭ ބާވަތްތަކެވެ. އަދި އަނެއްބައި ބާވަތްތަކަކީ މާކަނޑުގައި އުޅޭ ބާވަތްތަކެވެ. ކަނޑުމަހަކީ ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ، އަދި އޭގެ ހަށިގަނޑުގެ ބައްޓަމުގެ ސަބަބުން ވަރަށް ބާރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ބާވަތްތަކެކެވެ. މި ބާބުގައި ގެނެސްދީފައިވަނީ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަ މުގައި އާންމުކޮށް ބާނާ އުޅޭ މަސްތަކެވެ. މި ބާބުގައި ހިމަނައިފައިވާ މަޢުލޫމާތަކީ، އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮލެޓް އަދި ނައުއެން (1983)މގެ ރިޕޯޓުން ނަގައިފައިވާ މަޢުލޫމާތެވެ. އަދި ކަނޑުމަހުގެ ކުރެހުންތައް ނަގައިފައިވަނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ވެބްސައިޓުންނެވެ.

1. ކަޅުބިލަމަސް

ސައިންޓިފިކް ނަން:  Katsuwonus pelamis 
އިނގިރޭސިނަން ނަން: ސްކިޕްޖެކް ޓޫނާ
ދިވެހި ނަން: ކަޅުބިލަ މަސް

ކަޅުބިލަމަހަކީ ކަނޑުގެ މަތީފަށަލައިގައި އައިން ހަދައިގެން އުޅޭ، ދުރު ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މަހެކެވެ. މިގޮތަށް އައިން ހަދައިގެން ދަތުރުކުރާއިރު، އޭގެ އައިނު ގެ ތެރޭގައި ބައެއްފަހަރު ކުދި ރީނދޫއުރަހަ ކަންނެލި،ލައްޓި އަދި ރާގޮނޑި އެކުލެވެއެވެ. މި މަސް އާންމު ގޮތެއްގައި އުޅެނީ ލޮނުގަނޑުގެ ފިނިހޫނުމިން 7.14 އާއި 30 ޑިގްރީ ސެލްސިއަސް އާ ދެމެދުގައި ހުންނަ ހިސާބުތަކުގައެވެ. ކަޅުބިލަމަސް ދުވާލުގެ ވަގުތުގައި އާންމުކޮށް އުޅެނީ ކަނޑުގެ ސަޠުޙު ފެށިގެން 260 މީޓަރާއި ދެމެދުގެ ފުންމިނުގައި ނަމަވެސް، މި ބާވަތް ރޭގަނޑު ބޮޑަށް އުޅެނީ ކަނޑުގެ ސަޠުޙު ކައިރީގައެވެ.

ކަޅުބިލަމަސް އާންމު ގޮތެއްގައި ޝިކާރަކުރާ ކަމަށް ރިކޯޑުކުރެވިފައިވަނީ އިރުއަރާ ގަޑީގައްޔާއި ހަވީރުގެ ވަގުތުތަކުގައެވެ. މި ބާވަތުގެ މަހަކީ ވަކި ބާވަތަކަށް ޝިކާރަކޮށްގެން ކެއުމުގެ ބަދަލުގައި އެއިރަކު އެ ސަރަޙައްދަކުން އެންމެ ފަސޭހައިން ލިބެން ހުންނަ ބާވަތެއް ޝިކާރަކޮށް ކައިއުޅޭ މަހެކެވެ. މިގޮތުން ކަޅުބިލަމަހުގެ ކާނާގެ ތެރޭގައި އާންމުގޮތެއްގައި ހިމެނެނީ ކުދި މަހާއި، ކަކުނި ފާޑުގެ މައިކަށިނެތް ބާވަތްތައް އަދި ބޯވަދިލަމަހެވެ.

ކަޅުބިލަމަސް ވިހާ އުމުރަށް އަޅާކަމަށް ރިކޯޑުކުރެވިފައިވަނީ، އެވްރެޖްކޮށް 40 ސެންޓީމީޓަރުގެ ދިގުމިނުގައެވެ. މި މަސް އެންމެ ބޮޑުވަނީ 108 ސެންޓިމީޓަރަށެވެ. މި ބޮޑުމިނުގެ މަހެއްގައި 5.32 އާއި 5.35 ކިލޯ އާއި ދެމެދުގެ ބަރުދަނެއް ހުންނަ ކަމަށް ވެއެވެ. ކަޅުބިލަމަހުގެ އެންމެ އާންމު ބޮޑުމިނަކީ 80 ސެންޓިމީޓަރެވެ. މިވަރުގެ މަހެއްގެ ބަރުދަނުގައި 8 ކިލޯއާއި 10 ކިލޯއާ ދެމެދުގެ ބަރުދަނެއް ހުރެއެވެ.

ކަޅުބިލަމަހަކީ، ހޫނު ސަރަޙައްދުތަކުގައި، މުޅި އަހަރަށް ދިގުދެމިގެންދާ ގޮތަށް، އެއްފަހަރަށްވުރެ ގިނައިން ބިސް ދޫކުރާ
މަހެކެވެ.

ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހުގެ ބޮޑުބަޔަކީ 36 އާއި 65 ސެންޓިމީޓަރާ ދެމެދުގެ މަސް ކަމުގައި
މެރިން ރިސާރޗް ސެންޓަރުން (މިހާރުގެ މެރިން ރިސާރޗް އިންސްޓިޓިއުޓް) ރިޕޯޓުކޮށްފައިވެއެވެ (އެމް.އާރ.އެސް، 1996).

2. ރީނދޫއުރަހަ ކަންނެލި

ސައިންޓިފިކް ނަން:  Thunnus albacares 
އިނގިރޭސިނަން: ޔެލޯފިން ޓޫނާ
ދިވެހި ނަން: ރީނދޫއުރަހަ ކަންނެލި

ރީނދޫއުރަހަ ކަންނެއްޔަކީ ކަނޑުގެ މަތީފަށަލައިގައި އުޅޭ، ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ އަދި ދުނިޔޭގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކުގައްޔާއި މެދުމިންވަރަކަށް ފިނި (ސަބް-ޓް ރޮޕިކަލް) ކަނޑުތަކުން ފެންނަ މަހެކެވެ. މި މަސް އާންމު ގޮތެއްގައި އުޅެނީ ލޮނުގަނޑުގެ ފިނިހޫނުމިން 18 ޑިގްރީ އާއި 31 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނަ ހިސާބުތަކުގައެވެ. މިއީ 250 މީޓަރު ފުނަށް ދިއުމުގެ ޤާބިލުކަން ލިބިފައިވީ މަހެއްނަމަވެސް، އެންމެ އާންމުކޮށް އުޅެނީ ކަނޑުގެ ސަޠުޙުން ފެށިގެން 100 މީޓަރު ފުނުގައެވެ މި ބާވަތުގެ ބޮޑެތި މަހުގެ ބުރަކަށިމައްޗާ އި، ބަޑުދަށްފަރާތުގެ ދެވަނަ ކޮތަރިބައި ހުންނަނީ ވަރަށް ދިގުކޮށެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. އަދި ބަނޑުދަށާއި އަރިމަތީގައި ހުންނަނީ ރިހިކުލައެވެ. މި މަހުގެ އަރިމަތީގައި މަހުގެ ހުރަހަށް ވާގޮތަށް ގާތްގަނޑަކަށް 20 ފަނޑު ރޮނގު ހުރެއެވެ. މަހުގެ ކޮތަރިތަކުގެ ކުލަކީ ރީނދޫކުލައެވެ.

ރީނދޫއުރަހަ ކަންނެއްޔަކީ އާންމުގޮތެއްގައި ކަނޑުގެ ވަރަށް ތިލައިގައި، އައިން ހަދައިގެން ދަތުރުކޮށް އުޅޭ މަހެކެވެ. މިފަދަ އައިންތަކުގައި އާންމުކޮށް އެކުލެވިގެން ވަނީ އެއް ސައިޒެއްގެ މަހެވެ. ބައެއް ހާލަތްތަކުގައި އެހެނިހެން ބާވަތުގެ މަހާ އެކުވެސް ރީނދޫއުރަހަ ކަންނެލި އައިން ހަދައި އުޅެއެވެ. ބޮޑެތި ރީނދޫއުރަހަ ކަންނެލި އައިން ކޯމަހާ އެކީގައި ވެސް ދަތުރުކޮށް އުޅެއެވެ. ކޯމަހުގެ އެހީގައި ކަންނެލި އައިން ހޯދުމަކީ ދިވެހި މަސްވެރިން އާންމުކޮށް ކުރާ ކަމެކެވެ.

ރީނދޫއުރަހަ ކަންނެއްޔަކީ ނިސްބަތުން ބޮޑު މަހެކެވެ. އެންމެ ބޮޑު މަހަކަށް ރިކޯޑު ކުރެވިފައިވަނީ 239 ސެންޓިމީޓަރުގެ މަހެކެވެ (ފްރޮއޭސް އަދި ޕޯލީ، 2019). ނަމަވެސް، އާންމުކޮށް ފެންނަނީ ދިގުމިނުގައި 150 ސެންޓިމީޓަރު ހުންނަ މަހެވެ. ރީނދޫއުރަހަ ކަންނެލީގެ އެންމެ ބަރު މަހަކަށް ރިކޯޑުކުރެވިފައިވަނީ 200 ކިލޯގެ މަހެކެވެ. އަދި އެންމެ ދިގު އުމުރަކަށް ރިކޯޑު ކުރެވިފައިވަނީ 9 އަހަރެވެ (ފްރޮއޭސް އަދި ޕޯލީ، 2019 .(ރީނދޫއުރަހަ ކަންނެލި ވިހާ އުމުރަށް އަޅަނީ އާންމު ގޮތެއްގައި 50 އާއި 60 ސެންޓިމީޓަރަށް ބޮޑުވުމުންނެވެ. މި މިނަށް ކަންނެލި ބޮޑުވާކަމަށް ބެލެވެނީ އުމުރުން 12 މަހާއި 15 މަހާ ދެމެދުގައެވެ.

ރީނދޫއުރަހަ ކަންނެއްޔަކީ ހޫނު ކަނޑުތަކުގައި، މުޅި އަހަރުދުވަހުގެ ތެރޭގައި ދިގުދެމިގެންދާ ގޮތަށް ބިސް ދޫކުރާ މަހެކެވެ. އަދި މިފަދައިން ބިސް ދޫކުރާ މޫސުމުގައި ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު، އެކިފަހަރު މަތިން ބިސްދޫކުރެއެވެ.

ދިވެހިރާއްޖޭގައި އާންމުކޮށް، ރީނދޫއުރަހަ ކަންނެލީގެ ކުދި މަސް ބާނާ އުޅެނީ ދޮށީގެ މަސްވެރިކަމުގައެވެ. އަދި ކަނޑުގެމަތީ ފަށަލަތަކުގައި ދަތުރުކޮށް އުޅޭ، ގާތްގަނޑަކަށް 70 ސެންޓިމީޓަރުގެ މަސް، އަތުނަނުގެ މަސްވެރިކަމުގައި ބާނައެވެ. ވަދާ ދުއްވައިގެންވެސް ކޮންމެވެސް މިންވަރަކަށް ބޮޑެތި ރީނދޫއުރަހަ ކަންނެލި ބާނާ އުޅެއެވެ.

3. ލޯބޮޑު ކަންނެލި

ސައިންޓިފިކް ނަން:   Thunnus obesus
އިނގިރޭސި ނަން: ބިގްއައި ޓޫނާ
ދިވެހި ނަން: ލޯބޮޑު ކަންނެލި

ލޯބޮޑު ކަންނެއްޔަކީ ވެސް ދުރަށް ދަތުރުކުރާ މަހެކެވެ. އަދި މިއީ އެޓްލާންޓިކް، އިންޑިއާ އަދި ޕެސިފިކް ކަނޑުގެ ހޫނު ސަރަޙައްދުތަކާއި މެދުމިނަށް ފިނި ސަރަޙައްދުތަކުގައި ވެސް އުޅޭ މަހެކެވެ. މި މަސް އާން މުކޮށް އުޅެނީ ކަނޑުގެ ސަޠުޙުގެ މަތީ ފަށަލައިގައި، ދެފެން ދޭތެރެއިން ފެށިގެން 250 މީޓަރާ ދެމެދުގެ ފުން މިނުގައެވެ. ލޮނުގަނޑުގެ ފިނިހޫނުމިނުގައި 13 އާއި 29 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި އުޅުމުގެ ޤާބިލުކަން ލިބިފައިވީ ނަމަވެސް، އާންމުގޮތެއްގައި މި މަސް ފެންނަނީ 17 އާއި 22 ޑިގްރީ ސެލްސިއަސް ގެ ފިނިހޫނުމިނުގައެވެ.

ކަނޑުމަހުގެ އެހެން ބާވަތްތަކެކޭ އެއްފަދައިން، ލޯބޮޑުކަންނެއްޔަކީ ވެސް އައިން ހަދައިގެން އުޅޭ މަހެކެވެ. އަދި މިއީ އު މުރުގެ
ކުރީކޮޅާއި، ތަންކޮޅެއް ބޮޑެތި ވުމުންވެސް، އައިން ހަދައިގެން ކަނޑުގެ އެންމެ މަތީ ފަށަލައިގައި ދަތުރުކުރާ މަހެކެވެ. ބައެއްފަހަރު ކަޅުބިލަމަސް ނުވަތަ ރީނދޫއުރަހަ ކަންނެއްޔާއެކު، އަދި ބައެއް ހާލަތްތަކުގައި އޮއިވާއްޔާ އެކު މިފަދަ އައިންތައް ދަތުރުކުރެއެވެ. ލޯބޮޑު ކަންނެލި ބޮޑެތިވުމުން ކަނޑުގެ ފުނަށް ދަތުރުކުރެއެވެ.

ލޯބޮޑު ކަންނެލި އެންމެ ބޮޑުވާ ކަމަށް ރިކޯޑުކުރެވިފައިވަނީ 250 ސެންޓިމީޓަރަށެވެ. ނަމަވެސް އާންމުކޮށް ފެންނަނީ 180 ސެންޓިމީޓަރުގެ މަހެވެ. މި ބާވަތުގެ ކަންނެލީގައި އެންމެ ބަރުވެގެން 210 ކިލޯ ހުންނަކަމަށް ވެއެވެ (ފްރިމޯޑް،1995).އަދި އެންމެ ދިގު އުމުރަކަށް ރި ކޯޑުކުރެވިފައިވަނީ 11 އަހަރެވެ (ސްޓެކުއާރތް އަދި މާރސަކް، 1989). އިންޑިއާ ކަނޑުގައި އުޅޭ ލޯބޮޑު ކަންނެލި 100 އާއި 130 ސެންޓިމީޓަރުގައި ދަރިމައިވާ އުމުރަށް އަޅާ ކަމަށްވެއެވެ.

ލޯބޮޑުކަންނެއްޔަކީ ހޫނު ކަނޑުތަކުގައި، މުޅިއަހަރުގެ ތެރޭގައި އެތައް ފަހަރަކު ބިސްދޫކުރާ މަހެކެވެ. މިގޮތުން އަހަރުގެ އެކި ހިސާބުގައި (ނިކައިޑޯ، މިޔާބޭ އަދި އުއެޔަނަގީ، 1992)، އަދި ހަނދުމަހުގެ މެދުތެރޭގައި ބިސް ދޫކުރެއެވެ (ކައިލޯލާ، ވިލިއަމްސް، ސްޓުވާރޓް، ރެއިޝެލްޓް، މެކްނީ އަދި ގްރީވް، 1993).

ދިވެހި މަސްވެރިންނަށް އެންމެ އާންމުކޮށް ފެންނަނީ، ދޮށީގެ މަސްވެރިކަމުގައި ރީނދޫއުރަހަ ކަންނެއްޔާއެކު ބޭނޭ ކުދިލޯބޮޑުކަންނެއްޔެވެ. ނަމަވެސް، މި ކަންނެލީގެ ބޮޑެތި މަސް ލޭނުމަސްވެރިކަމުގައި ބާނާ އުޅެއެވެ.

4.ރާގޮނޑި

ސައިންޓިފިކް ނަން:  Auxis thazard
އިނގިރޭސި ނަން: ފްރިގޭޓް ޓޫނާ
ދިވެހި ނަން: ރާގޮނޑި

ކަނޑުމަހުގެ އެހެން ބާވަތްތަތެކޭ އެއްފަދައިން ރާގޮނޑިއަކީވެސް ދުރަށް ދަތުރުކުރާ މަހެކެވެ. މިއީ އިންޑިއާ ކަނޑާއި، އެޓްލާންޓިކް ކަނޑު، އަދި ޕެސިފިކް ކަނޑުގެ ހުޅަނގު ބިތަށް މީގެ އާބާދީ ފެތުރިފައިވާ މަހުގެ ބާވަތެކެވެ. މިއީ އައިން ހަދައިގެން ކަނޑުގެ މަތީ ފަށަލައިގައި، 200 މީޓަރު ފުނުގައި، މާކަނޑުގައްޔާއި އައްސޭރިފަށާ ކައިރީގައި އުޅޭ މަހެކެވެ. ރާގޮނޑީގެ އާން މު ކާނާގެ ތެރޭގައި ކުދި މަހާއި، ބޯވަދިލަމަހާއި، ކަކުންޏާއި ޑިނގާ ބާވަތުގެ ސޫފި ހިމެނެއެވެ. ރާގޮނޑި ބިސްދޫކުރާ މޫސުން އެކި ސަރަޙައްދުތަކުގައި ތަފާތުކަމަށް ވެއެވެ. އަދި ބައެއް ހިސާބުތަކުގައި މުޅި އަހަރުގެ ތެރޭގައި ބިސްދޫކުރެއެވެ.

ރާގޮނޑި އެންމެ ބޮޑުވާކަމަށް ބެލެވެނީ 65 ސެންޓިމީޓަރަށެވެ. ނަމަވެސް، އެންމެ ގިނައިން ފެންނަނީ ގާތްގަނޑަކަށް 60 ސެންޓިމީޓަރުގެ މަހެވެ. ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނައިފައިވާ ރާގޮނޑިއަށް ބަލާއިރު، 1994 ވަނަ އަހަރުން 1996 ވަނަ އަހަރާ ދެމެދު ބާނައިފައިވާ ރާގޮނޑީގެ ބޮޑުބައިގައި ހިމެނެނީ 27 ސެންޓިމީޓަރާއި 41 ސެންޓިމީޓަރާ ދެމެދުގެ ދިގުމިނުގެ މަހެވެ (އެންޑަރސަން، ވަހީދު އަދި އާދަމް، 1998).

ދިވެހިރާއްޖެއިން ރާގޮނޑި ފެންނަ ހިސާބު މޫސުމީ ގޮތުން ބަދަލުވެއެވެ. މިގޮތުން އިރުވައި މޫސުމުގައި ރާއްޖޭގެ ހުޅަނގު ބިތުން އަދި ހުޅަނގު މޫސުމުގައި ރާއްޖޭގެ އިރުމަތީ ބިތުން ރާގޮނޑި ފެންނަ މިންވަރު ގިނަވެއެވެ (އެންޑަރސަން، ވަހީދު އަދި އާދަމް، 1998).

5. ލައްޓި

ސައިންޓިފިކް ނަން: Euthynnus affinis
އިނގިރޭސި ނަން: Kawakawa
ދިވެހި ނަން: ލައްޓި

ލައްޓި އަކީ ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ، އިންޑިއާ ކަނޑާއި، ޕެސިފިކް ކަނޑުގެ ހުޅަނގު ބިތުގެ ހޫނު ސަރަޙައްދުތަކުގައި އުޅޭ މަހެކެވެ. މި މަސް އާންމުކޮށް ފެންނަނީ ލޮނުގަނޑުގެ ފިނިހޫނުމިން 18 އާއި 29 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނަ ސަރަޙައްދުތަކުންނެވެ. މިއީ ކަނޑުގެ މަތީ ފަށަލައިގައި (ކަނޑުގެ ސަޠުޙުން ފެށިގެން 200 މީޓަރާ ދެމެދު ފުނުގައި) އާންމުކޮށް އުޅޭ މަހެކެވެ. އަދި މިއީ ދިގުމިނުން އެއްވަރުގެ މަހާއެކު އައިން ހަދައިގެން އުޅޭ މަހެކެވެ. ލައްޓި އާންމުކޮށް އައިން ހަދަނީ، ކަޅުބިލަމަހާއި، ކުދި ރީނދޫއުރަހަ ކަންނެލި އަދި ރާގޮނޑިއާ އެކުގައެވެ.

ލައްޓި އެންމެ ބޮޑުވާކަމަށް ބެލެވެނީ 100 ސެންޓިމީޓަރަށެވެ. ނަމަވެސް އާންމުކޮށް ފެންނަނީ 60 ސެންޓިމީޓަރުގެ މަހެވެ. 1994 ވަނަ އަހަރާއި 1996 ވަނަ އަހަރާ ދެމެދު ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނައިފައިވާ ލައްޓީގެ%95 ހިއްސާކުރަނީ 26 އާއި 48 ސެންޓިމީޓަރާ ދެމެދުގެ މަހެވެ (އެންޑަރސަން، ވަހީދު އަދި އާދަމް 1998). މިހާތަނަށް ލައްޓީގެ އެންމެ ބަރު މަހަކަށް ރިޕޯޓުކުރެވިފައިވަނީ 14 ކިލޯގެ މަހެކެވެ. އެންމެ އާންމުކޮށް ފެންނަނީ 40 ސެންޓިމީޓަރާއި 60 ސެންޓިމީޓަރާ ދެމެދުގެ މަހެވެ. އަދި މި މަސް ބިސް ދޫކުރާކަމަށް ބެލެވެނީ ގާތްގަނޑަކަށް 8.39 ސެންޓިމީޓަރަށް ބޮޑުވުމުންނެވެ. ލައްޓި އާއިލާގެ މަހަކީ މޫސުމީގޮތުން ބިސް ދޫކުރާ މަހެކެވެ. އަދި މިފަދައިން ބިސް ދޫކުރާ މޫސުން އެކި ސަރަޙައްދުގައި ތަފާތުވެއެވެ. ވަކި މޫސުމެއްގައި ބިސް ދޫކުރި ނަމަވެސް، ވިހާ އުމުރުގެ މަސް މުޅި އަހަރުތެރޭގައިވެސް ފެނެއެވެ.

ލައްޓީގެ އާންމު ކާނާއަކީ ކުދި މަހާއި، ކަކުނި ފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!