މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް މަދުން އުޅޭ މަހެކެވެ. ދިވެހިން ކުރާ ކެޔޮޅުކަމުގައިވެސް ވަރަށް ނުބޭނެވޭ މަހެކެވެ. މި މަހަށް "ކުރެހިފާނަ " ކިޔާފައި ވަނީ، މަހުގައި ހުންނަ ކުރެހުމަށް ނިސްބަތްކޮށްފައެވެ. މިއީ ކެއުމަށް ރަނގަޅު ފާނައެކެވެ. މިމަސް ބޭނުނީ މާލެއަތޮޅު ހުޅުލޭ ބޭރުގައި 200 މީޓަރު އަޑީގައި ލޭނު އަޅައިގެން ކުރެވުނު މަސްވެރިކަމެއްގައެވެ. މިބާވަތުގެމަސް އެންމެ ބޮޑުވަނީ 53 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 16 ނުވަތަ 17 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި، ތިން ހަރުކަށްޓާއެކު އަށް މަޑުކަށި ހުރެއެވެ. ނިގޫފަތް ހުންނަނީ ކޮޅަށް ވަށްކޮށެވެ. މަހުގެ ކުލައަކީ ރަތްމުށިކުލައެވެ. މަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަ ހިސާބުގައި މުށިކުލައިގެ ކުދި ލައްތަކެއް ހުރެއެވެ. މިލައްތަކުގެ ތެރޭގައި ހިމަރޮނގުތަކެއްވެސް ހުރެއެވެ. މަހުގެ ދެފަރާތުގައި ހުރަހަށް ފުޅާރޮނގުތަކެއް ފަނޑުކޮށް ފެންނަން ހުރެއެވެ. ކޮތަރިތަކުގައްޔާއި، ކަންފަތާއި، ނިގޫފަތުގައި ފިތްތަކެއްގެ ސިފައިގައި ހުންނަ ކަޅުކުލައިގެ ބޮޑެތި ލައްތަކެއް ހުރެއެވެ. މަހުގެ ކާނާއަކީ ކަކުންނާއި، ފާޑުފާޑުގެ ސޫތްޕާއި، ބޮލީގެ ވައްތަރުތަކާއި ކުދިމަހެވެ.
އިނގިރޭސި ނަން: Netfin grouper, Honeyfin grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
One Response
މިއީކަސްފާނަ