މަސްވެރިކަމާއި ގުޅޭ

ދޮންފާނަ

މިއީ ބައި މީޓަރަށް ބޮޑުވާ، ކަނޑުގެ ފުން ސަރަޙައްދުގައި އުޅޭ ފާނައެކެވެ.

މިބާވަތުގެ ބޮޑެތި ފާނަ ގިނައިން އުޅެނީ އަތޮޅުގެ ފަރުބޭރުން 70 މީޓަރާއި 220 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. ނަމަވެސް މިބާވަތުގެ ޅަފާނަ 20 މީޓަރާއި 40 މީޓަރާ ދެމެދުގެ ފުން ސަރަޙައްދު ތަކުގައިވެސް އުޅެއެވެ. މިއީ ދިވެހި މަސްވެރިން ވަރަށް މަދުން ބާނާ ފާނައެއްކަމުން ދިވެހިންގެ ތެރޭގައި މިބާވަތުގެ ފާނައަށް ވަކި ޚާއްސަ ނަމެއްވެސް ކިޔާ ނޫޅެއެވެ. ވުމާއެކު މިމަހުގެ ޢާއްމު ސިފައަކާއި ކުލައަށް ވިސްނާ މިމަހަށް "ދޮންފާނަ" ކިޔާ ނަންދީފައިވަނީއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 16 ނުވަތަ 17 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަނޑުގައި 19 ނުވަތަ 20 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެކޮޅުގެ ހުންނަނީ އެއްވަރަށްކަހަލަ ގޮތަކަށް ވަރަށް ކުޑަކޮށް ވަށްކޮށެވެ. މަހުގެ ކުލައަކީ ރަތް ދޮންކުލައެވެ. މަހުގެ ހުރަހަށް ފުޅާކޮށް ހުންނަ 5 ރޮނގު ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރީގެ ކައިރިފަށާއި ނިގޫފަތުގެ މަތީކައިރި ހުންނަނީ އަނދިރި ކުލައެއްގައެވެ. މިބާވަތުގެ ޅަމަހުގެ ބޯކޮޅު ހުންނަނީ ގަދަ މުށިކުލައިގައެވެ.

އިނގިރޭސި ނަން: Red-tipped grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!