ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިފްކޯ މުވައްޒަފުން އިސްނަގައިގެން ޚާއްސަ ރަސްމިއްޔާތެއް ބާއްވާއިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު އާމިރު އަޙްމަދުއެވެ.
މި ރަސްމިއްޔާތުގައި އާމިރު ވަނީ ދިވެހި ބަހާއި ގުޅޭގޮތުން އަދި ޚާއްޞަކޮށް ވަޒީފާގެ މާހައުލުގައި ދިވެހި ބަހުގެ މުހިންމު ކަމާއި ގުޅޭގޮތުން މުވައްޒަފުންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އޭނާގެ ވާހަކަފުޅުގައި ހިންގުމުގެ ދާއިރާގައި ނަތީޖާ ޙާސިލްކޮށް ލަނޑުދަނޑިއަށް ވާސިލްވުމަށް ދިވެހި ބަސް އުގެނުމުގެ މުހިންމުކަން ހާމަކޮށްދެއްވާފައިވެއެވެ. އަދި ވަޒީފާގެ މާހައުލުގައި ވެރިން މުވައްޒަފުންނާއި ކުރާ މުއާސަލާތުތަކާއި މުވައްޒަފުންގެ މެދުގައި ކުރެވޭ މުއާސަލާތުތަކުގައި ބަސް އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ބީދައިން އެންމެ ހެޔޮ ގޮތުގައި ބަހުގެ ބޭނުން ކޮށްގެން ވަޒީފާގެ މާހައުލުގައި ކުރެވޭ މުއާސަލާތު ރަނގަޅުވެގެން ގޮސްފި ނަމަ ކުންފުނީގެ މަސައްކަތަށް ބޮޑެތި ކުރިއެރުންތައް ލިބި އެއް ދުވަހުގެ މަސައްކަތް ދުވަހުގެ އެއްބައިން ނިންމާލެވި ރަނގަޅު ނަތީޖާ ހާސިލް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ ސީ އީ އޯ އަލްފާޟިލް އިސްމާއިލް ފައުޒީ އަދި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މިފްކޯ މުވައްޒަފުން ބައިވެރިވެފައިވަނީ ދިވެހި ސަޤާފީ ހެދުންތަކުގައެވެ.
މާދަރީބަހުގެ ދުވަހާއި ގުޅުވައިގެން މިފްކޯއިން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން، މިފްކޯގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ވަޒީފާގެ މާހައުލުގައި ދިވެހި ބަހުގެ ލިޔެކިޔުންތެރި ކަމުގެ ހުނަރު ކުރިއެރުވުމަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.