އެންސިސް ފިޝަރީޒްގައި މާދަރީ ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އެގޮތުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން، ބިދޭސީ މުވައްޒަފުންވެސް ބައިވެރިކޮށްގެންވަނީ ފާހަގަކޮށްފައެވެ. އެންސިސްއިން ބުނީ އެކުންފުންޏަކީ އެކި އެކި ޤައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުން އަންނަ ކުންފުންޏަކަށްވުމުން، މިފަދަ ބައިނަލްއަޤްވާމީ ދުވަހެއްގައި ހުރިހާ މުވައްޒަފުން ގުޅިގެން މިފަދަ ކަމެއް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިމަހުގެ 18ވަނަ ދުވަހު އެންސިސްއަށް 20 އަހަރު ފުރިފައިވާއިރު، އެކަމުގެ އުފަލާއި ކާމިޔާބު ފާހަގަކުުރަމުން އަންނަ އެންސިސް އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ހަމަހަމަ ކަން ދަމަހައްޓާ އެއްބާރުލުން ދިނުމަކީ އެންސިސްގެ އެންމެ ބޮޑު އަމާޒުކަމަށެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފާހަގަކުރަން ޔުނެސްކޯއިން ނިންމީ 1999 ވަނަ އަހަރުގައެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އިންސާނުން ވާހަކަދައްކާ ބަސްބަހުގައި ހުރި ޚާއްޞަ ސިފަތައް ފާހަގަކޮށް ބަސްތައް ރައްކާތެރިކަމާއި މާދަރީ ބަހުން ތަޢުލީމް ދިނުމާ މެދު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.