H Male Kanneli Jetty

ހުޅުމާލެ ކަންނެލި ޖެޓީ މަސްވެރިންނަށް ގިނަ ތަކުލީފުތަކެއް، ސިއްޙީގޮތުންވެސް ނުރައްކާތަކެއް

ހުޅުމާލޭ މަސްވެރިންގެ ޖެޓީ ސަރަޙައްދުގައި ހުރި ދަތިތަކުގެ އަޑު މަސްވެރިން އުފުލައިފިއެވެ.

މަސްވެރިކަމާއި ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދޭ ފޭސްބުކް ޕޭޖެއްކަމަށްވާ 'މަސްވެރި ރާއްޖޭ'ގައި މިކަމާއި ގުޅޭގޮތުންކޮށްފައިިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑުގެ ސާފު ވައިގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މަސްކިރުމަށް ހުޅުމާލެއަށް އައުމުން މަސްވެރިންނަށް އެ ޖެޓީގައި މަޑުކޮށްލުމަކީ ސިއްހީ މައްސަލަތައް ކުރިމަތިވެގެންދާ ކަމެއް ކަމަށެވެ.

ސަބަބަކީ ހިރަފުހުގެ ސަބަބުންނާއި މަސްކިރާ ފަރާތްތަކައް ފުރިހަމަ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން މަހުލޭގެ ކޯރުހެދި މުޅި ސަރަހައްދު ލޭފެނުން ތަގައްޔަރުވެ ރޯގާ ޖެހުމާއި ތަފާތު ބަލިތައް ޖެހުމަށް މަގުފަހިވުންކަން އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އަގުބޮޑެތި މުދާ ހަޑިވެ ހަލާކުވަމުން ދިއުމާއި ސަރަހައްދު މޮނީޓަރކޮށް ބެލެހެއްޓޭނެ އެއްވެސް ނިޒާމެއް ގާއިމް ވެފައި ނެތުން ހަމަވާނީ މަސްވެރިންނާމެދު ސަރުކާރުން އަޅާނުލާކަން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ހުޅުމާލެ މަސްވެރިންގެ ޖެޓީ އެކަށީގެންވާ ފެންވަރަށް ތަރައްޤީކޮށްފައެއް ނުވެއެވެ. ޖެޓީ ސަރަޙައްދުގައި ގާ ނުވަތަ ތާރު އަޅާފައި ނުވުމުން އެ ސަރަޙައްދު އޮންނަނީ ހިރަފުސްވެފައެވެ. އަދި މަސް ކިރާއިރު ފައިބާ ލޭތަށް ޖެޓީ ސަރަހައްދުގައި ސާފު ކުރެވޭނެ ގޮތެއް ނެތި ހަރުލާފައި ހުރުމުން މީގެ ސަބަބުންވެސް އެ ހިސާބުވަނީ ތަޤައްޔަރުވެފައެވެ.

އެޗްޑީސީން ދާދިފަހުންވަނީ މި ޖެޓީ ސަރަޙައްދުގައި މަސްވެރިންގެ މައިޒާނެއްވެސް ތަރައްޤީކޮށްފަައެވެ. މިއީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް، ޚާއްޞަކޮށް މަސްވެރި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން މިތަނުން ހަމަޖައްސައިދިނުން ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސްކަޑާފަ ބާކީވާ ތަކެތި ހުރި ދިމާލުން ދޯނި ބުޑަށް.
    ފެން ބޮއެފަ ހުސްފުޅި މޫދަށް.
    އިންޖީނު ސާފުކޮށްފަ ތެެޔޮފޮތިގަނޑު މޫދަށް.
    ބާކީވާ ބަތްތެލި ހުރިދިމާލުން މޫދަށް.
    މިހެން ގޮސް ނަން ހުސްކޮށް.
    ދެން މޫދު ކުނިވެ އެވަަސްގަނޑު މުޅި ސަރަހައްދުގައި.

    މަސްގަންނަށް މައިންބަފައިންނާއިއެކު ކުޑަކުދިން ގޮސްތިއްބާ ބަރަހާނާ ހާލުގައި ފެންވަރަށް.
    ފުރަތަމަ ފަރުދީޒިންމާ އަދާކުރަމާ.....