ބޯކުޑަފާނަ

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ވަރަށް މަދުންފެންނަ މާނައެކެވެ.

މިބާވަތުގެ ފާނަ ޢާއްމުގޮތެއްގައި އުޅެނީ 15 މީޓަރަށްވުރެ ފުންސަރަޙައްދުތަކުގައެވެ. މިއީ ދިވެހި މަސްވެރިން ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައިވެސް ބޭނިފައި ހުއްޓާ ނުފެންނަ މަހެކެވެ. މިފާނައަށް ދިވެހިން ކިޔާއުޅޭ ނަމެއް ރެކޯޑްކުރެވިފައިނެތުމާއެކު މަހުގެ ސިފައަށް ވިސްނާ މިމަހަށް "ބޯކުޑަފާނަ" ކިޔާ ނަންދީފައިވަނީއެވެ. މަހުގެ ޢާއްމުކާނާއަކި ކުދިމަހެވެ.

މަހުގެ ހަށިގަޑާ އަޅާބަލާއިރު ބޯ ވަރަށް ކުޑައެވެ. ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ވަށްކޮށެވެ. ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 14 އާއި 16 އާދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 ނުވަތަ 10 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ގަދަ ރަތްމުށިކުލައެކެވެ. ބޮލުގައި ކަތިކޮށް ހުންނަ ގަދަނޫކުލައެއްގެ ރޮނގުތަކެއް ހުރެއެވެ. ދެއަރިމަތީގައި 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް ނޫކުލައެއްގެ ހުދު ރޮނގުތަކެއް މަހުގެ ހުރަހަށް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ މަޑުކަށިތަކުގެ މަތީކައިރިއާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ނާރިނގު ކުލައެއްގައެވެ. މަހުގެ ނިގޫކޮޅުގައި ފަނޑުކޮށް ލަފެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 38 ސެންޓިމީޓަރަށެވެ. މިއީ ކެއުމަށް ބޭނުންކުރަން ރަނގަޅު މަހެކެވެ.

އިނގިރޭސި ނަން: Masked grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!