274044851_2435884486549198_1592069675532100961_n

ރިހާކުރު ކެއްކުމާއި ގުޅޭގޮތުން ފައިސަލްގެ ޝައުގުވެރި އިލްމީ ވާހަކަތަކެއް

އަބްދުﷲ ފައިސަލް ރިހާކުރު ކެއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާތާ 14 އަހަރުވަނީ ވެފައެވެ. އޭނާގެ ތަޖުރިބާގެ އަލީގައި ފާހަގަކުރެވިފައިވާ ކަންތައްތަކާއި އޭނާ އަށް ހޯދިފައިވާ އިލްމީ ހޯދުންތައް ފައިސަލް ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ފައިސަލް ދެކޭގޮތުގައި ރިހާކުރު ކެއްކުމަކީ އާމްދަނީ ހޯދުމަށް ކުރަން ފައިދާހުރި މަސައްކަތެކެވެ. އެގޮތުން ދެމަފިރިން ހަމަޖެހިލައިގެން ދުވާލަކަށް 300 ކިލޯ މަސް ކައްކާ ލެވޭނެ ކަމަށާއި، އެއީ 9 ފުޅި ރިހާކުރު ކަމަށާއި، އެއީ މަހަކު 67500 ރުފިޔާ ކަމަށް ފައިސަލް ބުނިއެވެ.

އެހެންނަމަވެސް އެ އާމްދަނީ ލިބޭނީ ކޮންމެ ދުވަހަކު 300 ކިލޯގެ މަސް ކެއްކޭ ނަމަ ކަމަށާއި، މިހެން މިކަން ނުވި ނަމަވެސް، މި އަދަދުތަކުން ދައްކައިދޭން ބޭނުންވަނީ މިކަން ދާއިމީ ގޮތެއްގައި ކުރުމުން އާމްދަނީގެ ގޮތުގައި ލިބޭ އަދަދުތަށްކަމަށް ފައިސަލް ބުނެއެވެ.

ފައިސަލް ބުނީ ރިހާކުރު މާރކެޓު ކުރުމުގައި ދަތިތަކެއް ކުރިމަތި ނުވާ ކަމަށެވެ. އެގޮތުން ދޯނީގައި ރަށްރަށާއި މާލެއަށް ފޮނުވައިގެން ވިއްކަނީ ކަމަށް ފައިސަލް ބުނެއެވެ.

"ގިނަ ފަހަރު ރިހާކުރު ހަދާ ނިމޭއިރު ހުސްވެފައި ހުންނާނީ، ވަރަށް ކޮލިޓީ ރިހާކުރު މިއީ،" ފައިސަލް ބުނިއެވެ.

ފައިސަލް މި މަސައްކަތް ކުރަނީ މ. ވޭވަށުގައެވެ. އޭނާ މި ދާއިރާއިން ހޯދާފައިވާ ތަޖުރިބާ ތަކުގެ އަލީގައި ވަނީ ރިހާކުރުގެ ކުލައާއި އޮލަމިން ހުންނަ މިންވަރާއި ގުޅޭގޮތުންވެސް ތަފްސީލްތައް ދީފައެވެ. އަދި މިއީ މި މަސައްކަތް ކުރަން ބޭނުންވާ ނުވަތަ އަލަށް މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް މުޙިއްމު މައުލޫމާތުތަކެކެވެ.

އެގޮތުން ރިހާކުރު ހުންނަން ޖެހޭ ކުލައާއި ގުޅޭގޮތުން މައުލޫމާތުދެމުން ފައިސަލް ބުނެފައިވަނީ، ކުރީޒަމާނުގައި ރާއްޖޭގައި ރިހާކުރު ހަދާއުޅުނީ ގަދަ ރަތްކުލައިގައި ކަމަށާއި، މިހާރު ހުދު ކުލަޔާ ރަތް އަދި ކަޅު ރިހާކުރު ހުންނަކަމަށެވެ.

"ރިހާކުރު ގެ ކުލަ ހުދު ކުލައިގައި ބަހައްޓަން ބޭނުންނަމަ ރިހާކުރު ކައްކާއިރު މަހުގެ ކަށި ކައްކާލެއް ގިނަކުރަން ޖެހޭ،  ވަކި 'ރޭޝިޔޯ' އަކުން ކައްޓާ މަހާ ބޯ އެއްކުރަން ޖެހޭ، އެއިރުން އެރިހާކުރު ހުންނާނީ ގުދުރަތީ ގޮތުން އަންނަ ހުދު ކުލައިގައި،" ފައިސަލް ބުންޏެވެ.

ފައިސަލް ބުނީ ރިހާކުރު ކައްކަން ބޭނުން ކުރާ ކޮންޓޭނާ އަކީވެސްވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެގޮތުން އެންމެރަގަޅީ ފަހަރަކު 150 ވަރަކަށް ކިލޯ ކެއްކޭ ގިނަތެލި ބޭނުން ކުރުން ކަމަށެވެ. މިހެން ހެދުމުން މަދުމަސް ކޮޅެއް ލިބޭ ދުވަހުވެސް މެނޭޖު ކުރަން ފަސޭހަވެ ދަރު ހަރަދު ކުޑަވާނެކަން އޭނާ ފާހަގަކުރެއެވެ.

"އެންމެ ފަހު ސްޓޭޖުގައި ރިހާކުރު އޮލަކުރަން ބޭނުން ކުރަން ޖެހޭނީ ތާހެއްފަދަ 'ކާވް' ކޮންޓޭނާ އެއް، މިކޮންޓޭނާގެ ބޯމިން 10mm އަށްވުރެ ކުޑަވެގެން ނުވާނެ، އެއީ ފަތި(ފްލެޓް) ކޮންޓޭނާ އެއްގައި ކައްކާ އިރު ދަށުން އަންނަ ހުނުކޮޅު އެއްދިމާލެއްގައި ޖެހުމުން އެދިމާއިން ފުލުޖެހި ރިހާކުރު ކޮޅު އަނދާނެތީ، ކޮންޓޭނަރ ގެ ބޯމިން އިތުރުވި ވަރަކަށް 'ހީޓް ސްޕްރެޑް' ވުން އިތުރު ވެގެން ދާނެ، އަދި ގިނަވަގުތު ހޫނު ހިފަހައްޓާ ހުނުކޮޅު އަތްއަތަށް ބެހިގެން ދާނެ" ފައިސަލް ބުނެއެވެ.

ފައިސަލްގެ އިމްލީ މި ވާހަކަތަކުން ރިހާކުރު ކެއްކުމުގައި ގެންގުޅެންވީ އުކުޅުތައް ސާފުވެއެވެ. ފައިސަލް ބުނީ އޭނާގެ ވިސްނުން ހުރީ ކުރިމަގުގައި މިފަދަ އިތުރު ޕޯސްޓުތައް މެދުވެރިކޮށް އާއްމުންނަށް ރިހާކުރު ކެއްކުމާއި ގުޅޭގޮތުން ވީހާވެސް ގިނަ މައުލޫމަތުތަކެއް ހިއްސާ ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!