މަސްވެރިކަމާއި ގުޅޭ

ފާނަ މެނޭޖްކުރުމުގެ ގޮތުން ކުރިން އަޅާފައިވާ ފިޔަވަޅުތައް

އެންމެ ފުރަތަ އެކުލަވައިލެވުނު ފާނަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން

ދިވެހިރާއްޖޭގައި ފާނަ މަސްވެރިކަން މެނޭޖްކުރުމަށްޓަކައި ފާނައިގެ ދިރާސާތަކާއި މަޞްލަޙަތުވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި 1990 ގެ އަހަރުތަކުން ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާނަ މަސްވެރިކަމުގެ ހާލަތު ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާތަކުގެ އަލީގައި 2005 ވަނަ އަހަރު ފާނަ މަސްވެރިކަމާބެހޭ ރިޕޯޓެއް، "ރިވިއު އޮފް ގްރޫޕަރ ފިޝަރީ އޮފް ދަ މޯލްޑިވްސް ވިތު އެޑިޝަނަލް ނޯޓްސް އޮން ދަ ފާފު އެޓޯލް ފިޝަރީ" އެކުލަވައިލައިފައިވެއެވެ. މި ރިޕޯޓުގައި ފ.އަތޮޅުގައި ފާނަ މަސްވެރިކަން މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ހުށަހަޅައިފައިވެއެވެ. މީގެ ތެރޭގައި ފ.އަތޮޅުގައި 2 ސަރަޙައްދެއް ހިމަޔާތްކުރުމާއި ފ. އަތޮޅުގައި ދެމެހެއްޓެނިވިގޮތެއްގެ މަތިން ކަނޑުފަޅުތަކުގެ ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމަށް ބާރު އެޅުން ހިމެނެއެވެ.

މީގެ އިތުރުން، ފާނަ މަސްވެރިކަމާ ގުޅޭގޮތުން ކުރެވުނު އެކި އެކި ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނެއް 2011 ވަނަ އަހަރު އެކުލަވައިލެވުނެވެ. ފާނަ މަސްވެރިކަމަކީ ޙަޔަވީގޮތުން ދެމެހެއްޓެނިވި މަސްވެރިކަމަކަށް ހެދުމަށާއި، އާމްދަނީ ހޯދުމަށްޓަކައި ފާނައިގެ މަސްވެރިކަމަށް ބަރޯސާވާ ފަރާތްތަކަށް އެވަސީލަތުގެ މަންފާ ދިގުމުއްދަތަކަށް ލިއްބައިދިނުމަށް، އެ ޕްލޭންގެ ދަށުން އެކްސްޕޯޓަރުންނާއި ފާނަ މަސްވެރިންގެ މެދުގައި އެއްބަސްވެވުނު ފިޔަވަޅުތަކެއް ޤާއިމުކުރެވުނެވެ. ފާނައިގެ މަސްވެރިކަން ކުރުމުގައި ދިމާވާ ތަފާތު މައްސަލަތަކަށް އެ ޕްލޭންގައި އަލިއަޅުވާލެވުނެވެ. އަދި ޕްރިކޯޝަނަރީ އެޕްރޯޗް އުސޫލުގެ ދަށުން، ފާނައިގެ 24 ބާވަތެއް ބޭނޭނެ އެންމެ ކުޑަ އަދި ބޮޑު ސައިޒްތަކެއް ހުށަހެޅުނެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަން މެނޭޖްކުރުމުގެ ތާރީޚުގައިވެސް މުޅިން އަލަށް ކުރެވުނުކަމެއްގެ ގޮތުގައި، ފާނަ ބިސް ދޫކުރުމަށް ޖަމާވާ ފަސް ސަރަޙައްދެއް ހިމާޔަތްކުރުމަށް އެ ޕްލޭންގެ ދަށުން ހުށަހެޅިއެވެ. އެ ޕްލޭން އެކުލަވައިލެވުނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ތަޙުލީލު ކުރުމަށްފަހުގައެވެ. އެ ޕްލޭންގައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމަށްޓަކައި، ގަވާއިދު ނަންބަރު 41-R/2013 (ފާނައިގެ މަސްވެރިކަން ކުރުމާއި ދިވެހިރާއްޖެއިން ފާނަ އެކްސްޕޯޓު ކުރުމުގެ ގަވާއިދު) އެކުލަވައިލެވުނެވެ.

ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓު ކުރުމުގެ ގަވާއިދު

ގަވާއިދު ނަންބަރު 41-R/2013 (ފާނައިގެ މަސްވެރިކަން ކުރުމާއި ދިވެހިރާއްޖެއިން ފާނަ އެކްސްޕޯޓު ކުރުމުގެ ގަވާއިދު) ގެ ދަށުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި، އެކްސްޕޯޓުކުރާ ފަރާތްތަކަށް ފާނަ ވިއްކުމަށް ފާނައިގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން މަސްވެރިކަން ކުރުމުގެ ލައިސަންސެއް ނަގަން ލާޒިމު ކުރެވުނެވެ. އަދި ފާނަ ޕްރޮސެސްކުރާ އުޅަނދުތަކާއި ކޮށިތައް ހިމެނޭގޮތުން، ފާނަ ޕްރޮސެސްކުރާ ފަރާތްތަކުންވެސް ލައިސަންސް ނަގަން ލާޒިމު ކުރެވުނެވެ. ރާއްޖެއިން އެކްސްޕޯޓުކުރާ ފާނައިގެ ކޮންމެ ޝިޕްމަންޓަކާ އެކު ކެޗް ސެޓުފިކެޓެއް އޮންނަން ޖެހޭނެކަމަށާއި ފާނައިގެ ކޮލިޓީ ހިފެހެއްޓުމާ ގުޅޭ ޝަރުޠުތަކެއް ގަވާއިދުގައި ކަނޑައެޅުނެވެ. މީގެ އިތުރުން، ކުށާއި އަދަބު އަދި ގަވާއިދު ތަންފީޛުކުރުމަށް ޤާއިމުކުރާނެ އެމް.ސީ.އެސް ނިޒާމެއްވެސް އެ ގަވާއިދުގައި ކަނޑައެޅުނެވެ.

ފާނަ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއްވެސް ގަވާއިދުގެ ދަށުން އުފެއްދުނެވެ. މެނޭޖްމަންޓް ޕްލޭންގެ ދަށުން ހުށަހެޅުނު ކަންކަމުގެ ތެރެއިން، ގަވާއިދުގައި ހިމެނުނު އެންމެ މުހިންމު ދެ ކަމަކީ، ފާނަ ބިސްދޫކުރުމަށް ޖަމާވާ 5 ސަރަޙައްދެއް ހިމާޔަތް ކުރުމާއި، ފާނަ ބޭނޭނެ އަދި އެކްސްޕޯޓު ކުރެވޭނޭ ސައިޒް ލިމިޓްތަކެއް ކަނޑައެޅުމެވެ. ފާނާ ބޭނޭނެ އެންމެ ކުޑަ، އަދި ބައެއް ބާވަތުގެ ފާނައަށް އެންމެ ބޮޑު، ސައިޒްތަކެއް ކަނޑައެޅުމުގެ މަޤުޞަދަކީ، ކުދިފާނަ ނެގޭ މިންވަރު މަދުކޮށް، އެސޮރުމެން ބިސްއަޅާ އާލާވުމަށް ފުރުޞަތު ދިނުމެވެ. ދިވެހިރާއްޖޭގައި ފާނައިގެ އެކި ބާވަތްތައް ފުރާވަރަށް އަރާ ސައިޒުގެ މަޢުލޫމާތު ލިބެން ނެތުމުން އެ ގަވާއިދުގެ ދަށުން ސައިޒްތައް ކަނޑައަޅާފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މިކަމާ ގުޅިގެން ކޮށްފައިވާ ދިރާސާތަކުގެ އަލީގައެވެ. އެ ސައިޒް ލިމިޓްތަކާމެދު މަސްވެރިންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ސައިޒް ލިމިޓްތަކަށް ބަދަލު ގެނެސް، އިޞްލާޙު ކުރެވިފައިވާ ގަވާއިދު، ގަވައިދު ނަންބަރު: 376-R/2014 ގެ ގޮތުގައި ސަރުކާރުގެ ގެޒެޓްގައި އަލުން ޝާއިޢު ކުރެވުނެވެ.

މަޢުލޫމާތު އެއްކުރުމާއި ރިކޯޑު ބެލެހެއްޓުން

އެކި ދުވަސްވަރު ޤާއިމުކުރެވުނު ތަފާސްހިސާބު އެއްކުރުމުގެ އެކިއެކި ނިޒާމުތަކުގެ ދަށުން މަސްވެރިކަމުގައި ފާނައިގެ ބާވަތްތައް ބާނާފައިވާ މިންވަރާ ބެހޭ މަޢުލޫމާތު ރިކޯޑުކޮށްފައިވެއެވެ. މިގޮތުން، 2001 ވަނަ އަހަރު ޤާއިމުކުރެވުނު ފާނަ މަސްވެރިކަމުގެ ރިޕޯޓު ފޮނުވުމުގެ ނިޒާމުގެތެރެއިން، ރަށު އޮފީސްތައް މެދުވެރިކޮށް ފާނަ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުން މަހަކު އެއްފަހަރު މަސްވެރިކަމުގެ ރިޕޯޓު ފޮނުވައިފައިވެއެވެ. ފާނަ މަސްވެރިކަމުގެ ލޮގްފޮތް ތަޢާރުފުކުރުމާ ގުޅިގެން ފާނަ މަސްވެރިކަމުގެ މަޢުލޫމާތު 2010 ވަނަ އަހަރުން ފެށިގެން ފޮނުވަމުން އައީ މި ލޮގްފޮތް މެދުވެރިކޮށެވެ. މި ލޮގްފޮތް ފަރުމާކޮށްފައިވަނީ މައިގަނޑުގޮތެއްގައި ފާނަ މަސްވެރިކަމުގައި ބާނާ ބާވަތްތަކާއި، އެ ބާވަތްތައް ބާނައިފައިވާ މިންވަރު (ކެޗް) އަދި އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދައިގެ (އެފަރޓް) މަޢުލޫމާތު ހޯދުމަށެވެ. މިގޮތުން ލިބޭ މަސްވެރިކަމުގެ މަޢުލޫމާތު ނަގައި، ރިކޯޑުކޮށް ބަލަހައްޓަނީ މިނިސްޓްރީގެ މަޢުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމާބެހޭ ސެކްޝަނުންނެވެ.

މީގެ އިތުރުން، މިނިސްޓްރީން ފަރުމާކޮށްފައިވާ "ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް - ކެޔޮޅު"ވެސް ފާނަ މަސްވެރިކަމުގެ މަޢުލޫމާތު ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. މި ސިސްޓަމް މެދުވެރިކޮށް، ފާނަ މަސްވެރިކަމުގެ ތަފާސްހިސާބުތައް ބެލެހެއްޓުމުގެ އިތުރުން، ފާނަ މަސްވެރިކަންކުރާ އުޅަނދުތަކަށް ލައިސަންސް ދޫކުރުމާއި، ފާނައިގެ އުފެއްދުންތައް ތައްޔާރުކުރާ ފެސިލިޓީތަކަށް ލައިސަންސް ދޫކުރުމާއި، ކުންފުނިތަކުން މަސް ގަންނަ މިންވަރު ރިޕޯޓުކުރުން އަދި ފާނައިގެ އުފެއްދުންތައް އެކްސްޕޯޓުކުރުމަށް ބޭނުންވާ ކެޗް ސެޓުފިކެޓު ދޫކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދެއެވެ.

ފާނައިގެ ބާވަތްތައް ފުރާވަރަށް އަރާ އެންމެ ކުޑަ ސައިޒް ދެނެގަތުމަށްޓަކައި ކޮށްފައިވާ ދިރާސާތައް

ގަވާއިދު ނަންބަރު 376-R/2014 (ފާނައިގެ މަސްވެރިކަން ކުރުމާއި ދިވެހިރާއްޖެއިން ފާނަ އެކްސްޕޯޓު ކުރުމުގެ ގަވާއިދު) ގެ ދަށުން ތަންފީޛުކުރެވުނު ސައިޒް ލިމިޓްތައް ދިވެހިރާއްޖޭގައި ކުރެވޭ ދިރާސާތަކުގެ އަލީގައި މުރާޖަޢާ ކުރުމަށް ވަރލްޑް ބޭންކްގެ މާލީ އެހީގެ ދަށުން ހިންގާ "ސަސްޓެއިނަބްލް ފިޝަރީޒް ރިސޯސަސް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް (އެސް.އެފް.އާރް.ޑީ.ޕީ)" ގެ ދަށުންއެމް.އެމް.އާރް.އައި އިން ވަނީ ކަސްފާނަ އާއި ކުލަ ފާނަ އާއި، އޮޅު ފާނަ އަދި ދޮން އޮޅު ފާނަ ފުރާވަރަށް އަރާ ސައިޒް (L50)ދެނެގަތުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގައި ދެބާވަތެއް ބިސްދޫކުރާ އުމުރަށް އަރާ ސައިޒް ދެނެގަތުމަށް ކުރެވުނު ދިރާސާތަކުގައި ބްލޫ މެރިން ފައުންޑޭޝަނުން އެއްކޮށްފައިވާ މަޢޫލޫމާތުވެސް ބޭނުންކޮށްފައިވެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!