Masverin

މިފްކޯއިން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފިއެވެ. މިކަން ހާމަކޮށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަސްވެރިން އަތުން މިފްކޯއަށް މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 17 ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށެވެ.

މިފްކޯއިން މިހާތަަނަށް މަސް ގަންނަމުން އައިސްފައިވަނީ ކިލޯއެއް 16 ރުފިޔާއަށެވެ.

އަމްރު ފާހަަގަކުރެއްވި ގޮތުގައި، މިފްކޯގެ ހިންގުންވަނީ ހަރުދަނާ ކުރެވި ޚަރަދުތައްވެސް ކުޑަކުރެވިފައެވެ. އަދި ބޭރުގެ މާކެޓްތައް ހޯދި، ދަޅުމަސް ބޭރުކުރެވޭ އަދަދު ވެސް ވަނީ އިތުރުކުރެވިފައިކަން އޭނާ ފާހަގަކޮށްފައިވެއެވެ. މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާރޗުމަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނައަަގު ބޮޑުކުރާނެ ކަން އިޢުލާންކުރައްްވާފައެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލުގެނައި ނަމަވެސް އެކުންފުނީގެ މަހުގެ އުފެއްދުންތަކުގެ އަގު ބޮޑު ނުކުރުމަށްވެސް ވަނީ ނިންމާފައެވެ. މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މަސްވެރިންގެ އަތުން މަސްގަންނަ އަގު މިއަދުން ފެށިގެން ބޮޑުކުރާގޮތަށް ނިންމި ކަމުގައިވިޔަސް ރޯދަމަހުގެ ޕްރޮމޯޝަނާއިއެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފެހައްޓައިގެން ކަސްޓަމަރުންނަށް ޙިދުމަތްދެމުން ގެންދާނެކަމުގެ ޔަގީންކަން ކުންފުނީގެ ކަސްޓަމަރުންނަށް ދޭ ކަމަށެވެ.

އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މިފްކޯގެ އުފެއްދުންތައް ހުސްނުވެ މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމުގެ ޔަޤީންކަންވެސް އެކުންފުނިން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ހާދަ ވަރުގަދަ ބަދަލެކޭ..ހަވާ އަރުވަން ފެނޭ..