ކުލައޮޅު ފާނަ -- ފޮޓޯ/ ސީ އަންސީން
ކުލައޮޅު ފާނަ -- ފޮޓޯ/ ސީ އަންސީން

ކުލައޮޅުފާނަ

މިއީ ފާނައިގެތެރޭގައި ހިމެނޭ، ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު، ރޭގަނޑާއި ދުވާލު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނައިން ބޭނޭ މަހެކެވެ. އަދި ފާނައިގެ މަސްވެރިކަމުގައި ގިނައިން ހިފާއުޅޭ މަހެކެވެ. ރާއްޖެއިން ގިނަ ޢަދަދަކަށް ބޭރުކުރެވޭ، ރަނގަޅު އަގުލިބޭ ފާނައެއްވެސްމެއެވެ. މިމަސް ގިނައިން އުޅެނީ ރަށްރަށާއި ފަރުފަޅުގެ ބޭރުން އުރަފަށާއި ހަމައިގައެވެ. މިއީ ކަނޑުތެރޭގައި އުޅޭއިރު ވަރަށް ބަލާހިތްވާ، ރީތި މަހެކެވެ. މަސް ހުންނަނީ ރީނދޫކުލައާއި ރަތް ކުލައިގައެވެ. މިއީވެސް ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ވަށްކޮށެވެ. މަހުގެ ދެލޮލުގެ ދެމެދުގައި ހުޅުނބެއް ނުހުރެއެވެ. މަސް އެންމެ ބޮޑުވަނީ 1.2 މީޓަރަށެވެ. މިމަހުގެ ޢާއްމު ކާނާއަކީ އެހެން މަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަތެއް ނުވަތަ އަށް ހަރުކަށްޓާއެކު 10 އާއި 12 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. މަހުގެ ކަންފަތުގައި 16 އާއި 18 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށި ހުރެއެވެ. މިއީ ދެކުލައެއްގައި ފެންނަ މަހެކެވެ. އެއްބާވަތަކީ ހުދުކުލައިގެ މަހުގައި ރީނދޫކުލައިގެ ކޮތަރިބައި ހުންނަ ވައްތަރެވެ. މިބާވަތުގައި ހުންނަ ކަޅުކުލައިގެ ލައްތަކުގެ އިތުރަށް ނޫކުލައިގެ ތިކިތަކެއް މުޅިމަހުގައި ހުރެއެވެ. އަނެއްބާވަތަކީ ރަތްމުށިކުލައިގެ މަހެވެ. މިމަހުގައިވެސް ނޫކުލައިގެ ތިކިތަކެއް ހުރެއެވެ.

އިނގިރޭސި ނަން: Black-saddled coralgrouper 

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!