ކަނޑުމަހުގެ ބާވަތްތަކާ ޚިލާފަށް ފަރުމަހުގެ ބާވަތްތަކަކީ ލަހުން ދަރިމައިވާ، އަދި ނިސްބަތުން ދަރިމައިވާ މިންވަރު މަދު (ފިކަންޑިޓީ ދަށް) ބާވަތްތަކެކެވެ.
އަދި ފަރުމަހުގެ މަސްވެރިކަމުގައި ބާނާ ގިނަ ބާވަތްތަކަކީ އެއް ސަރަޙައްދުތަކެއްގައި އުމުރުގެ ބޮޑުބައެއް ހޭދަކުރާ ބާވަތްތަކެކެވެ. އެހެންކަމުން، ފަރުމަހުގެ ގިނަ ބާވަތްތަކަށް މަސްވެރިކަމުގެ ނޭދެވޭ އަސަރު ވަރަށް ފަސޭހައިން ކުރެއެވެ. މީގެއިތުރުން، މިއަދު ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކަނޑުތަކާއި ފަރުތަކުގެ ޤުދުރަތީ ނިޒާމަށް ދަނީ ބުރުއަރަމުންނެވެ. މިގޮތުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ދިމާވާ ގައު ހުދުވުމުގެ މައްސަލައަކީ ފަރުމަހުގެ ބާވަތްތަކުގެ އާބާދީ އާލާވުމަށް ހުރަހަކަށްވެއެވެ. މިފަދަ ޤުދުރަތީ ކާރިސާތައް ދިމާވަމުންދާ ހާލަތެއްގައި ފަރުމަހުގެ ބާވަތްތަކު ގެ އާބާދީ އާއި ފަރުމަސް ދިރިއުޅޭ މާޙައުލުތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ފަރުމަހުގެ މަސްވެރިކަން ކުރެވެމުންދަނީ ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރުކުރުން މުހިންމެވެ.
މި ކަންކަމަށް ރިޢާޔަތްކޮށް، އަދި ފަރުތަކުގެ މާޙައުލީ ނިޒާމުގެ ދުޅަހެޔޮކަމަށް ބަރޯސާވާ އެންމެހައި މަޞްލަޙަތު ވެރިންނަށާއި މުސްތަޤުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި، ފަރުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، އަވަސް ފިޔަވަޅުތަކެއް އެކަށީގެންވާ ވަގުތުގައި ތަޢާރުފުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން، މިޕްލޭންގައި ކަނޑައަޅައިފައިވާ އަމާޒުތަކާއި އިސްތިރާޖުތައް ހާސިލުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ތިރީގައި މިވަނީއެވެ. މި ފިޔަވަޅުތައް ކަނޑައަޅައިފައިވަނީ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތަވާގޮތުގެ މަތިންނެވެ. މިގޮތުން، މި ޕްލޭންގައި ހިމަނާފައިވާ ފިޔަވަޅުތައް ކަނޑައެޅުމުގައި ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާ (އެފް.އޭ.އޯ) އިން ތައްޔާރުކޮށްފައިވާ ވޮލަންޓްރީ ގައިޑްލައިންސް ފޮރ ސެކިޔޯރިންގ ސަސްޓެއިނަބްލް ސްމޯލް-ސްކޭލް ފިޝަރީޒް (އެސް.އެސް.އެފް ގައިޑްލައިންސް) (އެފް.އޭ.އޯ 2014) އާއި، ކޯޑް އޮފް ކޮންޑަކްޓް ފޮރ ރެސްޕޮންސިބްލް ފިޝަރީޒް، އަދި ވޮލަންޓްރީ ގައިޑްލައިންސް އޮން ދަ ރެސްޕޮންސިބްލް ގަވަރނަންސް އޮފް ޓެނިއަރ އޮފް ލޭންޑް، ފިޝަރީޒް އެންޑް ފޮރެސްޓްސް އިން ދަ ކޮންޓެކްސްޓް އޮފް ނެޝެނަލް ފުޑް ސެކިއުރިޓީ (ވީ.ޖީ.ޖީ.ޓީ) (އެފް.އޭ.އޯ 2012) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށްފައިވާނެއެވެ.
މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން
ފަރުމަހުގެ މަސްވެރިކަން ބެލެހެއްޓުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާ ގުޅޭ ސިޔާސަތުތަކާއި، ފަރުމަހުގެ ބާވަތްތަކުގެ އާބާދީ ޙިމާޔަތްކުރުމާއި، މެނޭޖްކުރުމާއި، ފަރުމަހުގެ ދިރާސާތައް ކުރުމާއި، އޭގެ ވިޔަފާރި ކުރުމާގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން، މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް އުފެއްދޭނެއެވެ. އަދި ކޮމިޓީގެ ޖަލްސާތައް މަދުވެގެން އަހަރަކު ދެފަހަރު ބޭއްވޭނެއެވެ.
ކޮމިޓީ އެކުލަވައިލާނީ ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.
(ހ) މުޤައްރިރު (މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލުކުރާ މަންދޫބެއް)؛
(ށ) އެމް.އެމް.އާރް.އައި ތަމްސީލުކުރާ މަންދޫބެއް؛
(ނ) ފަރުމަހުގެ މަސްވެރިން ތަމްސީލުކުރާ 3 މަންދޫބުން؛
(ރ) ފަރުމަސް އެކްސްޕޯޓުކުރާ އަދި ފަރުމަހުގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާ ފަރާތްތައް ތަމްސީލުކުރާ 2 މަންދޫބުން؛
(ބ) މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ތަމްސީލުކުރާ މަންދޫބެއް؛
(ޅ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލުކުރާ މަންދޫބެއް؛
(ކ) މިނިސްޓްރީ އޮފް ޓޫރިޒަމް ތަމްސީލުކުރާ މަންދޫބެއް؛
(އ) ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ތަމްސީލުކުރާ މަންދޫބެއް؛
(ވ) މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާ މަންދޫބެއް؛
(މ) މޯލްޑިވްސް ޕޮލިސް ސަރވިސް ތަމްސީލުކުރާ މަންދޫބެއް؛
(ފ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް؛ އަދި
(ދ) ފަރުމަހުގެ ބާވަތްތަކާއި ފަރުމަހުގެ މަސްވެރިކަން ދިރާސާ ކުރާ ސައިންސްވެރިއެއް.
މީގެ ތެރެއިން އަންނަނިވި ފަރާތްތައް ކޮމިޓީއަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި މިނިސްޓްރީން އާންމުކޮށް އަންގައި އިޢުލާން ކުރެވޭނެއެވެ.
(ހ) ފަރުމަހުގެ މަސްވެރިން ތަމްސީލު ކުރާ މަންދޫބުން؛
(ށ) ފަރުމަސް އެކްސްޕޯޓުކުރާ އަދި ފަރުމަހުގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާ ފަރާތްތައް ތަމްސީލު ކުރާ މަންދޫބުން؛ އަދި
(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާ.
ކޮމިޓީގެ މަސްއޫލިއްޔަތު ތަކަކީ:
(ހ) ފަރުމަހުގެ މަސްވެރިކަމާގުޅޭ ފަންނީ އަދި އެހެނިހެން މަޢުލޫމާތު އެކުލެވޭ ރިޕޯޓުތައް މުޠާލިޢާކުރުން؛
(ށ) ސަރަޙައްދީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގައި ފަރުމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ޤައުމީ ފެންވަރުގައި ތަންފީޛުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛
(ނ) މި ޕްލޭން ތަންފީޛު ކުރެވޭ މިންވަރު ބެލުމާއި، ޕްލޭން ތަންފީޛު ކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއްފަހަރު މިނިސްޓަރަށް އެރުވުން؛
(ރ) ފަރުމަހުގެ މަސްވެރިކަމާގުޅޭ ފަންނީ ރިޕޯޓުތަކުންނާއި ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުން އަދި މަޝްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން، މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛ އަދި
(ބ) މި ޕްލޭން ތަންފީޛުކޮށް، މުޠާލިޢާ ކޮށް މުރާޖަޢާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.
ލައިސަންސް ދޫކުރުން
މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގައި ލައިސަންސްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޤުތިޞާދީގޮތުން މަސްވެރިކަމުގެ ވަސީލަތްތަކަށް ބަރޯސާވާ ފަރާތްތައް ދެނެގަތުމާއި، މަސްވެރިކަމުގެ ތަފާސްހިސާބު އެއްކޮށް، ބެލެހެއްޓުމެވެ. އަދި މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު މިނިސްޓްރީއަށް ލިއްބައިދިނުމުގައި ލައިސަންސްގެ ނިޒާމު އިސް ދައުރެއް އަދާކުރެއެވެ.
މީގެ އިތުރުން މިފަދަ ލައިސަންސް ނިޒާމެއް ޤާއިމުކޮށް، މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އެ ނިޒާމުގެ ތެރެއިން ރަސްމީކޮށް ރިކޯޑުކޮށް ބެލެހެއްޓުމަކީ، މަސްވެރިންނާއި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކައުތެރިކޮށްދީ، އެފަރާތްތަކަށް ޙައްޤުވެގެންވާ އިޖުތިމާޢީ އަދި އިޤުތިޞާދީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އަދި މިފަދަ ނިޒާމެއްގެ ތެރެއިން މަސްވެރިކަންކުރާ އުޅަނދުފަހަރާއި، އެ އުޅަނދުތަކުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި ފަޅުވެރިންގެ މަޢުލޫމާތު އަދި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުމަކީ، ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ އެކަށީގެންވާ ގޮތެއްގައި ރާވައި، ހިންގައި، ބަލަހައްޓަމުންގެންދާ މަސްވެރިކަމަކަށް ހެދުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ މަސްވެރިކަމަކަށްވުމަށް ވެސް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމެކެވެ. މީގެ އިތުރުން މަ ސްވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައިވެސް މިފަދަ ނިޒާމަކުން އެއްކުރެވޭ މަޢުލޫމާތުގެ ބޭނުން ކުރެވޭނެއެވެ.
މިގޮތުން، ފަރުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ލައިސަންސްކުރުމުގެ ނިޒާމުގެ ދަށުން، ފަރުމަހުގެ މަސްވެރިކަމުގައްޔާއި ފަރުމަހުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ އަންނަނިވި ފަރާތްތައް ލައިސަންސްކުރެވޭނެއެވެ.
(ހ) ވިޔަފާރި ބޭނުމަށް ފަރުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
(ށ) ފަރުމަސް ޕްރޮސެސްކުރާ ފެސިލިޓީތައް؛ އަދި
(ށ) އެކްސްޕޯޓު ކުރާ ފަރާތްތަކަށާއި ރިސޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތައް.
ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި އަދި ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތާއި، ލައިސަންސްގެ މުއްދަތާއި ފީ އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތް، ފަރުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގައި ބަޔާންކުރެވޭނެއެވެ. އަދި ފަރުމަހުގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރެވޭ އެންމެހައި އުޅަނދުފަހަރާއި އުޅަނދުފަހަރުގެ ކެޔޮޅުންނާއި ފަޅުވެރީންގެ މަޢުލޫމާތު ހިމެނޭ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި ބެލެހެއްޓޭނެއެވެ.
މަޢުލޫމާތު އެއްކުރުމާއި ބެލެހެއްޓުން
މަސްވެރިކަމުގައި ބާނާ ބާވަތްތަކާއި އެބާވަތްތަކުގެ މިންވަރަކީ މަސްވެރިކަމުގެ ސަބަބުން އެ މަސްވެރިކަން ބަރޯސާވާ އާބާދީއަށް އަންނަމުންދާ ބަދަލުތައް އެނގި، އާބާދީގެ މިންވަރު ހިސާބުކޮށް، އެ މަސްވެރިކަމެއް ކުރެވެނީ އާބާދީއަށް ގެއްލުން ނުވާ، ދެމެހެއްޓެނިވި މިންވަރެއްގައިކަން ކަށަވަރުކުރުމަށް ބޭނުންކުރެވޭ މައިގަނޑު މަޢުލޫމާތެވެ. މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ، މަސްވެރިކަމުގެ ލޮގްފޮތް ނުވަތަ މަސްރިޕޯޓެވެ. މަސްރިޕޯޓަކީ މަސްވެރިކަމުގެ ކޮންމެ ދަތުރެއް ނިންމުމަށްފަހު އެ ދަތުރުގައި ހިފި ބާވަތް ތަކާއި އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދައިގެ (އެފަރޓް) މަޢުލޫމާތު، މަސްވެރިކަން ރާވައި ހިންގައި ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭ ނިޒާމެވެ. މީގެ އިތުރުން، އެންވެރިކަމާއި މަސްވެރިކަމުގައި ހޭދަ ކުރެވުނު ތެލުގެ މިންވަރު އަދި މަސް ބޭނި ސަރަޙައްދުތައް ފަދަ އިތުރު މަޢުލޫމާތުވެސް ލޮގްފޮތް މެދުވެރިކޮށް ނެގޭނެއެވެ. މީގެ އިތުރުން، މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި، މިފަދަ އުފެއްދުންތަކުގެ ވިޔަފާރިއާގުޅޭ ގޮތުން ވެސް ތަފާތު މަޢުލޫމާތު އެއްކުރެވެއެވެ. މި ހުރިހައި މަޢުލޫމާތަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި އަދި މަސްވެރިކަމުގެ ނަފާ ދާއިމަށް ލިބިދިނުމަށްޓަކައި، މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށް ބޭނުންކުރެވޭ މަޢުލޫމާތެވެ.
މިގޮތުން، ފަރުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމުގެ ވިޔަފާރީގެ މަޢުލޫމާތު އެއްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، އަންނަނިވި ފަރާތްތަކުން މިނިސްޓްރީއަށް މަޢުލޫމާތު ފޮނުވުން ލާޒިމުކުރެވޭނެއެވެ.
• މި ޕްލޭންގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުން މަސްރިޕޯޓު ނުވަތަ ލޮގްފޮތުގެ މަޢުލޫމާތު ފޮނުވުން؛
• ފަރުމަސް ޕްރޮ ސެސްކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން؛
• ފަރުމަހުގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން؛ އަދި
• ފަރުމަހާއި ފަރުމަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން.
ފަރުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ރެގިއުލޭޓްކުރުން
އިސްވެދެންނެވުނު ފަދައިން، ފަރުމަހުގެ ބާވަތްތަކަކީ އެހެނިހެން ގިނަ ބާވަތްތަކާ އަޅައި ބަލާއިރު، ލަހުން ދަރިމައިވާ، އަދި ނިސްބަތުން ދަރިމައިވާ މިންވަރު މަދު (ފިކަންޑިޓީ ދަށް) ބާވަތްތަކެކެވެ. ފަރުމަހުގެ ބާވަތްތަކުގެ ޙަޔަވިއްޔާތާއި އުޅުމުގައި ހުންނަ މިފަދަ ޚާއްޞަ ސިފަތަކެއްގެ ސަބަބުން އެ ބާވަތްތަކަށް މަސްވެރިކަމުގެ ނޭދެވޭ އަސަރު ވަރަށް ފަސޭހައިން ކުރެއެވެ. އެހެންކަމުން، ފަރުމަހުގެ މަސްވެރިކަން ކުރެވެމުންދަނީ ތިމާވެށްޓަށް ވީހާވެސް ގެއްލުން ކުޑަ، ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މިގޮތުން، ފަރުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކަކީ ތިމާވެށްޓާ ރައްޓެހި އާލާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ވިޔަފާރި ބޭނުމަށް ކުރާ ފަރުމަހުގެ މަސްވެރިކަމުގައި މިހާރު ބޭނުންކުރާ އާލާތްތަކުގެ އިތުރުން، އައު އާލާތެއް ތަޢާރުފުކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލާޒިމުކުރެވިގެން ދާނެއެވެ.
އެކްސްޕޯޓުކުރާ ފަރާތްތަކަށް ކެޗް ސެޓުފިކެޓު ދޫކުރުން
ޤާނޫނާ ޚިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއް ނެތި ކުރާ (އިލީގަލް، އަންރެގިއުލޭޓަޑް އެންޑް އަންރިޕޯޓެޑް - އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރީގައި ބަދަލުކުރެވޭ މަހާއި މަހުގެ އެންމެހައި އުފެއްދުންތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓިފައިވާ މަސްވެރިކަމަކުން ބާނައި، ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ފިޔަވަޅެކެވެ. މިގޮތުން މިނިސްޓްރީން ޤާއިމުކޮށްފައިވާ ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމުގެ ތެރެއިން އެކްސްޕޯޓު ކުރެވޭ ކޮންމެ ފަރުމަހުގެ ޝިޕްމަންޓަކާ އެކު މިނިސްޓްރީން ދޫކޮށްފައިވާ ކެޗް ސެޓުފިކެޓެއް އޮތުން ލާޒިމުކުރެވޭނެއެވެ. ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމު މެދުވެރިކޮށް އެކްސްޕޯޓުކުރާ ފަރުމަހުގެ ބާވަތްތައް ބާނައިފައިވާ އުޅަނދުގެ މަޢުލޫމާތާއި، މަސް ބޭނި ތާރީޚު އަދި މަސް ޕްރޮސެސްކުރި ފަރާތުގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި މި މަޢުލޫމާތުގެ އަލީގައި މަސް ބޭނީއްސުރެ މަހާއި މަހުގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް ފޯރުކޮށްދެވެންދެން އެއުފެއްދުންތައް ކަޑައްތުކޮށްފައިވާ އެންމެހައި މަރުޙަލާތައް، ދެނެގަތުމަށް (ޓްރޭސަބިލިޓީ ޔަޤީންކުރުމަށް) މަގުފަހިވެގެންދާނެއެވެ.
ޕްރިކޯޝަނަރީ ފިޔަވަޅުތައް
ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދައިފައިވާ ފުރިހަމަ މަޢުލޫމާތު ނެތް ހާލަތުގައި ނުވަތަ ވަކި ކަމެއް ޔަޤީންކުރެވިފައި ނެތް ހިނދުގައިވެސް، ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކޮށް އަދި މޫސުމީ ބަދަލުގެ ސަބަބުން މާޙައުލީ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކަށް ރިޢާޔަތްކޮށް، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައި ފިޔަވަޅު އެ ޅުމަކީ ގިނަ ސައިންސްވެރިންނާއި ޤުދުރަތީ ވަސީލަތްތައް މެނޭޖްކުރާ ފަރާތްތަކުން ބާރުއަޅާ ކަމެކެ.
2 Responses
ބާނަނީ އެއް ނޫން މިހާރު. ބަޑި ޖަހައިގެން ހިފަނީ. ތިޔަ ކޮންމެ ކޯސްޓް ގާރޑެއްގަ އޮންނާނެ މަސް މަރާ ބަޑި. ނުވީތާކަށް މިއުޅޭ ސްޕޯރޓްސް ފިޝިންގް މީހުންތަށް ވެސް ބަޑި ޖަހައިގެން މަސް ހިފަނީ.
☆ ބާނާކަށް މަހެއް ނުހުރޭ މިހާރު.
ިތިޔަ ހުރިހައި ކަމެއް ކޮށްފައި ދެން މަސް ބާނަނީ ކޮން އިރަކު