MIFCO CEO

އުއްމީދަކީ ކުރިން މަސް ގަންނަމުން އައި އަގަށްވުރެ ބޮޑު އަގެއް މަސްވެރިންނަށް ދިނުން: ފައުޒީ

އުއްމީދަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކުރިން ހުރި އަގާއި ހަމައަށް އަދި އެއަށްވުރެވެސް ރަނގަޅު އަގަކަށް އުފުލިގެން ދިޔުމަށް ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 17ރ އަށް ބޮޑުކޮށްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަމުންދާ ބަދަލުތަކާއި އެކު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

"ކުރިއަށް އޮތްތާގައި އަޅުގަނޑު އުއްމީދު ކުރަނީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގާއި އެއްކޮށް މަސްވެރިންނަށް އަދިވެސް، މަހުގެ އަގަށް އިތުރު ކުރިއެރުންތައް ލިބޭނެ އޭ، އުއްމީދުކުރަނީ ކުރިން އޮތް އަގާއި ހަމައަށް، އަދި އެއަށްވުރެވެސް ރަނގަޅު އަގެއް މަސްވެރިންނާއި ހަމައަށް ފޯރުކޮށްދިނުން،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިދިޔަ ޑިސެމްބަރު އަދި ޖެނުއަރީމަހު ދުނިޔޭގެ ބާޒާރުގައި މަަހުގެ ރަނގަޅުވި ކަމަށެވެ. އެހެން ނަމަވެސް ސަޕްލައި އިތުރުވާ ވަރަކަށް މަހުގެ އަގު ދަށްވާކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

މިފްކޯއިން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސް ކިލޯއެއްގެ އަގު 17ރ އަށް ބޮޑުކޮށްފައެވެ. އޭގެ ކުރިން މަސްވެރިންގެ އަތުން މަސް ގަންނަމުން އައީ ކިލޯއެއްް 16 ރުފިޔާއަށެވެ.

މަހުގެ އަގު 16ރ އަށް ތިރިކުރުމުގެ ކުރިން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން އައީ ކިލޯއެއް 20ރ އަށެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ ކާރުޙާނާތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުތައް ނިމޭއިރު، މިފްކޯގެ ކެޕޭސިޓީ ދެގުނައަށް އިތުރުވެ، މަސްވެރިންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!