މަސްވެރިކަމާއި ގުޅޭ

ކަނޑުރަތްހާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފުންހިސާބުތަކުގައި 4 މީޓަރާއި 200 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ މަހެކެވެ.

މިމަސް ދިވެހިން ބާނާއުޅެނީ ފައްތައިގެން ކުރާ ކެޔޮޅުކަމުގައެވެ. މިއީ ކަނޑުހާލާ ވަރަށް އެއްގޮތް އެހެންނަމަވެސް މަހުގެ ނިގޫފަތުގެ ކޮޅުގައި ހުންނަ ކުލައިން އެއްވެސް ދަތިކަމެއްނެތި ވަކިކުރެވިދާނެ ދެބާވަތެކެވެ. މިބާވަތަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ކުލައަށް ވިސްނާ "ކަނޑުރަތްހާ" ކިޔާ ނަންދީފައިވަނީއެވެ. މިމަހަކީ ދަހިކޮށް ބޭނޭ މަހެއްނޫނެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. އަދި ފާނައިގެ މަސްވެރިކަމުގައާއި ދިރޭކުދިމަހުގެ މަސްވެރިކަމުގައި މިބާވަތުގެ ހުރިހާ ސައިޒެއްގެމަސް ރާއްޖެއިން ބޭރުކުރެވެއެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަށިކޮށެވެ. މަހުގެ ނިގޫފަތް ހުންނަނީ ހަނދުފަޅިބުރަށް ކަފިކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 55 ސެންޓިމީޓަރަށެވެ.

މަހުގެ މަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 14 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުދަށުން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރި ކުރުވެފައި، މިކޮތަރީގެ ކޮޅު މަހުގެ ނަޖިސް ބޭރުކުރާ ވިދާ ހަމަޔަކަށް ނުފޯރާނެއެވެ. މަހުގެ ކުލައަކީ ނާރިނގު ކުލައެވެ. ބޮލާއި ދެއަރިމަތީގައި ފަނޑުނޫކުލައިގެ ތިކިތަކެއް ހުރެއެވެ. ނިގޫފަތުގެ ފަހަތުކައިރިފަށް ހުންނަނީ ހުދު ކުލައިގައެވެ. ކަންފަތުގެ ކުލައަކީ ރީނދޫކުލައެވެ. އެހެނިހެން ކޮތަރިތަކުގެ ކުލައަކީ މަހުގައި ހުންނަ ނާރިނގުކުލައެވެ. މިމަހުގެ ޢާއްމުކާނާއަކީ މަހެވެ.

އިނގިރޭސި ނަން: White-edged lyretail
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!