ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، ރ. މަޑުއްވަރީގައި އަންހެނުންނަށް ހާއްސަ މަސް ރޭހެއް ބާއްވައިފިއެވެ.
މި މަސް ރޭހުގައި ޖުމްލަ 10 ޓީމުން ބައިވެރިވެފައިވެއެވެ. އެގޮތުން ކޮންމެ ޓީމެއްގައިވެސް މަދުވެގެން 5 ބައިވެރިން ތިބެން ޖެހެއެވެ.
މި މަސްރޭހާއި ގުޅޭގޮތުން މައުލޫމާތުދެމުން މަޑުއްވަރީ ކައުންސިލްގެ މެމްބަރު ފާތުމަތު އާސިފާ ވިދާޅުވީ އަންހެނުންގެ މަސް ރޭހަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ ކަމަށެވެ.
" މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބޭއްވި މަސްރޭހަށްވުރެ ބޮޑު ތަރުޙީބެއް މި މަސްރޭހަށް ލިބިފައިވޭ، 50 އަށްވުރެ ގިނަ އަންހެނުން ބައިވެރިވެފައިވޭ މި މުބާރާތުގައި، ދެން ކޮންމެ ޑިންގީއެއްގައި ހުރެވޭނީ އެންމެ ފިރިހެން މެމްބަރެއް ކަމަށް ކަނޑައަޅާފަ އިންނާނީ، ދެން ހުރިހާ ކަމެއްގައި އުޅެވޭނީ އަންހެން މެމްބަރުންނަން،" އާސިފާ ވިދާޅުވިއެވެ.

އާސިފާ ވިދާޅުވީ މުޅި އެކު ޖުމްލަ 251 ކިލޯގެ މަސް މި މުބާރާތުގައި ބާނާފައިވާ ކަމަށެވެ. މުބާރާތުގައިވަނީ އެންމެ ގިނައިން މަސް ބޭނި ޓީމޔތަކާއި އެންމެ ބަރު މަސް ބޭނި ދޯނި ވަނީ ހޮވާފައެވެ.
" އެންމެ ގިނައިން މަސް ބޭނި ޓީމަށް ކައުންސިލުން ހުށަހަޅާފައިވަނީ 3000ރ ގެ ފައިސާގެ އިނާމެއް،، ދެވަނައަށް އައި ޓީމަށް 2000ރ އަދި ތިންވަނަ ޓީމަށް 1000ރ އަދި އެންމެ ބަރުމަސް ބޭނި ޓިމަށް 500ރ ވަނީ ދީފައި،" އާސިފާ ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި މުބާރާތަށް ލިބުނު ތަރުޙީބެއް ލިބިފައިވާތީ މިއަށްވުރެ ރަނގަޅު އިނާމު ތަކާއި އެކު މިފަދަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އާސިފާ ވިދާޅުވިއެވެ.