ފ. ބިލެތްދޫ ބަނދަރަށް މުށިމަސް ވަނުން ހުއްޓިފައިވާތީ، ލަނޑާގެ ދިޔައާއި، ހަޑި ސާމާނު ބަނދަރުތެރެއަށް ނޭޅުމަށް އެރަށު ކައުންސިލުން އަންގައިފިއެވެ.
ބިލެތްދޫގެ ބަނދަރަކީ ފެށުނީއްސުރެ މުށިމަސްގަންނަ ބަނދަރަކަށްވެފައި، ބަނދަރުން ބާނާ މުށިމަހުން ރަށުގެ ވަރަށްގިނަ ބައެއްގެ ކެއުމުގައި ބޭނުންކުރަމުން އާދެއެވެ. ނަމަވެސް މިފަހަކަށްއައިސް ދިގުމުއްދަތަކަށް ބަނދަރަށް މަސްވަނުން ހުއްޓިފައިވާކަން ފާހަގަ ކުރެވޭ ކަމަށް އެރަށު ކައުންސިލުން ހާމަކުރެއެވެ. ގިނަ ރައްޔިތުންގެ ވިސްނުމުގައި މިގޮތަށް މިކަން ދިމާވަނީ ލަނޑާގެ މަސްވެރިކަންކުރާ މަދު ފަރާތްތަކުން، ލަނޑާގެ ދިޔައާއި، ހަޑި ސާމާނު ބަނދަރުތެރެއަށް އަޅާތީކަމަށްވެސް ބިލެތްދޫ ކައުންސިލުން ބުނެއެވެ.
އެރަށު ކައުންސިލުން ލަނޑާ މަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ލަނޑާ މަސްވެރިކަންކުރާ ހުރިހާ ފަރާތްތަކުންވެސް ލަނޑާގެ ދިޔައާއި، ހަޑި ސާމާނު އަދި ލަނޑާ މަސްވެރިކަމުގައި ބޭނުންކުރައްވާ އުޅަނދު ސާފުކުރުމަށް ބަނދަރުގެ ބޭރަށް ނުކުމެ ކަނޑަށް ސާފުކުރުމަށެވެ.
ބަނދަރަށް ވަންނަ މުށިމަހަކީ ރަށުގެ ރައްޔިތުންނަށް މާތް ﷲ ގެ ތަނަވަސް ރަޙުމަތުން ދެއްވަވާ ރިޒުގެއް ކަމުގައި ދެކި މިކަމަށް ވަރަށް ޚާއްޞަ އަޙައްމިއްޔަތުކަމެއް ދިނުމަށްވެސް ބިލެތްދޫ ކައުންސިލުންވަނީ އެދިފައެވެ.