ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގޔޫ ރައްޖެ ވަޑައިގަތުމަށް، މިނިސްޓަރ ދެއްވި ދައުވަތު އެމަނިކުފާނު ގަބޫލުފުޅުކުރައްވައި މި އަހަރުގެ މާރިޗް 7 ން 8 އަށް ރާއްޖެއަށް ދަތުރުފުޅެއް ކުރައްވައިފިއެވެ.
މި ދަތުރަކީ މި އަހަރުގެ މާރިޗް 8 ން 11 އަށް ބަންގްލަދޭޝްގެ ޑާކާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 36 ވަނަ [ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) ގެ ރީޖަނަލް ކޮންފަރެންސް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް] ބައްދަލުވުމުގެ ބައިވެރިވުމަށް އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގޔޫ ބަންގްލަދޭޝް އަށް ވަޑައިގަތުމުގެ ކުރިން، ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުގައި އެމަނިކުފާނު އަރިހުގައި ޗީފް އޮފް އިކޮނޮމިކް މަޒިމޯ ޓޮރޭރޯ ކަލެން، ޑިރެކްޓަރ ޖެނެރަލް އޮފީހުގެ ރީޖަނަލް ކޯޑިނޭޓަރ ޒިއައުރޯ ޖިއަންގް، ޑިރެކްޓަރ ޖެނެރަލްގެ އެސިސްޓެންޓް ޒީ ޒިއޮންގް، ނެޗުރަލް ރިސޯސަސްގެ އޮފިސަރ ޖިމް ހެންކޮކް އަދި އެފް.އޭ.އޭ.އޯ ގެ ފަރާތުން ރާއްޖެއަށާއި ކޮލަންބޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މިސްޓަރ ވިލްމެންދްރަ ޝަރަންއެވެ.
ފޮރިން ސެކްރެޓަރީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްތަކުން އެސް.ޑީ.ޖީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއި އަދި މައުލޫމާތު ބަދަލުކުރުމުގެ މަސައްކައްތައް ހަރުދާނާކޮށް ހަލުވި ކުރުމަށް މަޝްވަރާކުރެއްވިއެވެ.
މި ދަތުރުގެ ތެރެއިން އެމަނިކުފާނު ވަނީ އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ، ޓޫރިޒަމް މިނިސްޓަރ އަބްދުއްﷲ މައުސޫމް އަދި މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މިނިސްޓަ ޑރ ޙުސައިން ރަޝީދު ޙަސަން އާއި ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދަވާފައެވެ. ރާއްޖޭގެ ތިމާވެއްޓަކީ ނާޒުކު ތިމާވެއްތަކަށް ވުމާއެކު ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން މަސްވެރިކަމާއި، ދަނޑުވެރިކަން، ޓުއަރިޒަމް އަދި އާއްމު ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރަމުންގެންދެއެވެ.

އަދި މި ދަތުރުގައި އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން އާއި ބައްދަލު ކުރައްވައި ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދެނެގަތުމަށް މަޝްވަރާކުރައްވާފައެވެ. އެފް.އޭ.އޯ އަކީ ކާނާގެ ޔަގީންކަން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރަން މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމުން، ރާއްޖޭގެ މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާ ފުޅާ ކުރުމުގައި އެހީތެރިވެވޭނެ ގޮތްތައް ދެނެގަތުމަށް ވެސް މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަންގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ މުހިންމުކަން އެނގިގެންދިޔަ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން މަސްވެރިކަމާއި ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވަމުން، ތެލުގެ އަގު މަތިވުމާއި، ބައެއް ފަރާތްތަކުން މާ ގިނައިން ކުދި މަސް އަދި ވިހާ އުމުރުގެ މަސް ބާނާ މައްސަލަ އާއި، އަދި މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މަސްވެރިކަމަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުކަން ފާހގަކުރެއްވިއެވެ. ރާއްޖެ އަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް މަޝްހޫރުވެފައިވާ ގައުމެއް ކަމަށްވާއިރު، އެހެނިހެން މަސްވެރިކަމަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުން މާކެޓް ހޯދުމަށް ހުރަސްދިމާވެއެވެ. އެހެންކަމުން ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން މިގެންދާ މަސައްކަތަށް ދިމާވާ ދަތިތަކަށް އެފް.އޭ.އޯގެ ފަރާތުން ހައްލެއް ހޯދުމަށް އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދެވުމަށް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ހަސަން އެފް.އޭ.އޯ ޑިރެކްޓަރ ޖެނެރަލްގެ ޑރ. ކިއު ޑޮންގޔޫ އަރިހުގައި ދެންނެވިއެވެ.
މިނިސްޓަރ ޑރ ޙުސައިން ރަޝީދު ހަސަން އާއި އެފް.އޭ.އޯ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގޔޫ ގެ ބައްދަލުވުމަށްފަހު، ކ.މަނިޔަފުއްޓަށް ވަޑައިގެން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ދަށުން ހިންގާ ހެޗަރީތައްވެސް ބައްލަވައިލެއްވިއެވެ. ކ.މަނިޔަފުށީގެ އިތުރުން، މިނިސްޓަރ، އެފް.އޭ.އޯގެ ޑިރެކްޓަރ ޖެނެރަލް އަދި އެހެނިހެން އިއަޒަތްތެރި ބޭފުޅުން އެންސިސް ފިޝަރީސް ކޮންޕްލެކްސްއާ، ހެބިޓަސްއަށް ވަޑައިގެން އެތަނުގައި ކުރެވެމުންދާ މަސަކަތްތައް ބައްލަވައިލެއްވެއެވެ. މި ތަންތަނަށް ޒިޔާރަތް ކުރެއްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ދައްކާ، އެކަން ކުރިއެރުމުގެ މުހިންމުކަން ހިއްސާކުރެއްވުމެވެ.

މި ދަތުރުގައި ވަނީ އެފް.އޯ.އޭ.ގެ ފަރާތުން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޕްރޮގްރާމިންގް ފްރޭމްވޯކް ފޮރ ދަ މޯލްޑިވްސް 2022 -2026" ގައި ސޮއިކުރައްވާފައެވެ. މި ފްރޭމްވާކަކީ ކުރިއަށް އޮތް 4 އަހަރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް އިސްކަންދޭނެ ކަންކަމާއި ޕްރޮޖެކްތައް ހިންގުމަށް މުހިންމު ދާއިރާތައް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓެކެވެ. މި ޑޮކިއުމަންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ ޙުސައިން ރަޝީދު ހަސަން އަދި އެފް.އޭ.އޯގެ ފަރާތުން ސޮއިކުރެއްވީ އެފް.އޭ.އޭ.އޯ ގެ ފަރާތުން ރާއްޖެއަށާއި ކޮލަންބޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ވިލްމެންދްރަ ޝަރަން އެވެ.