ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް މަސްމަހާމެހީގެ ލިސްޓުގައި މަހެއް ހިމެނިއްޖެ

Wrasse

އަލަށް ނަންދެވެނު މި މަހަކީ ލެބްރިޑައި (LABRIDAE) ނުވަތަ ހިކާ (Wrasse) އާއިލާއަށް ނިސްބަތްވާ ސިރިލެބްރަސް  (Cirrhilabrus)  ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެކެވެ.

މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ސިރިލެބްރަސް ފިނިފެންމާ (Cirrhilabrus finifenmaa)، މިހެނެވެ. މަހުގެ އާންމު  ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައެޅިފައިވަނީ ރޯސް ވެއިލްޑް ފެއާރީ ރާސް (Rose-veiled fairy wrasse) އެވެ. މިގޮތަށް ނަން ދެވިފައިވަނީ މި މަހުގައި ހުންނަ، ފާހަގަ ކުރެވޭ ފިޔާތޮށި ކުލަވަރަށް ނިސްބަތް ކޮށެވެ. މިހާތަނަށް އެނގިފައިވާ ގޮތުން މި މަހަކީ ރާއްޖެ އާއި ސްރީލަންކާ ސަރަޙައްދުގައި ފަރުތަކުގެ ފުން ހިސާބުތަކުން (40-70 މީޓަރު) ފެންނަ މަހެއްކަން ފާހަގަ ކުރެވެއެވެ.

މުޅިން އަލަށް ނަން ދެވުނު ކަމުގައި ވީ ނަމަވެސް މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރވެސް ބޭނުންކުރަމުންދާ މަހެކެވެ. މި މަހަށް މީގެ ކުރިން ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަޙައްދުން ފެންނަ މަހެއްކަމަށްވާ ކަމަށްވާ (Cirrhilabrus rubrisquamis) މަހުގެ ނަމެވެ.  ނަމަވެސް ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސް ގެ "ހޯޕް ފޮރ ރީފްސް އިނިޝިއަޓިވް" ގެ ދަށުން އެ އެކަޑެމީ އާއި، ޔުނިވަރސިޓީ އޮފް ސިޑްނީއާއި، އޮސްޓްރޭލިއަން މިއުޒިއަމް ރިސާރޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓޮރީއާއި އަދި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރެވުނު ދިރާސާ ތަކުގެ އަލީގައި މި މަހަކީ ޗާގޯސް ސަރަޙައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ވަނީ ޔަގީން ކުރެވިފައެވެ.

ދިރޭތަކެތީގެ ނަސްލާއި އަދި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ޒޫކީސް (Zookeys) ގައި ކްރްހިލަބްރަސް ފިނިފެންމާ އަކީ މުޅިން އައު މަހުގެ ބާވަތެއްކަން ދެނެގަނެވުނު ދިރާސާ މިހާރު ވަނީ ޝާއިއުކޮށްފައެވެ. މި މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާއިއެކު، ދިވެހި ބަސްބަހާ  ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް މިހާރު މިހިމެނުނީއެވެ.

މިމަހުގެ އިތުރުން، ރާއްޖޭގެ ފުން ފަރުތަކުގައި (50-150 މީޓަރާއި ދެމެދު) އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި "ހޯޕް ފޯރ ރީފްސް އިނީޝިއެޓިވް" ގެ ދަށުން ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސް އާއި ގުޅިގެން އެމް.އެމް.އާރ.އައި އިން މި އަހަރު ކުރެވިފައިވާ މަސައްކަތްތަކުން، ދުނިޔޭގައިވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ 8 ބާވަތެއްގެ މަހުގެ ސާމްޕަލް ނެގިފައިވެއެވެ. މި މަސްތަކާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އައު އެހެން މަސްމަހަށްވެސް ނަން ކަނޑައެޅުމުގައި، އެމަހެއް ތަމްސީލުކުރާފަދަ ދިވެހި ބަހެއް ހިމަނައިގެން ނަން ކަނޑައެޅުމަށް ވަނީ ރޭވިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކިރިލެބްރަސް އެއްނޫންް އިނގޭތޯޯ. "ސިރިލެބްރަސް" އިގޭތޯ. ސީ ގެ ފަހަތަށް އައިި އައުމުން ކި ނުކިޔޭނެ އިނގޭތޯ

ފަހުގެ