މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވެފައިވާކަމަށް ބުނެ ރ. މަޑުއްވަރީ، ޝިފާ ދޯނި ލަނޑާ ނަގަން ދާން ފަށަން ނިންމައިފިއެވެ.
ދޯނީގެ ފަރާތުން ވާހަަކަދެއްކި ފަރާތަކުން ބުނީ މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވެފައިވާތީ، މަހަށް ދާނެ ކުދިން ނުލިބޭ ކަމަށެވެ. މި ދޯންޏަކީ ކުރިން ދޮށީގެ މަސްވެރިކަން ކުރަމުން އައި ދޯންޏެކެވެ. އަދި މިއީ ލަނޑާއަށް ދާ ރާއްޖޭގެ އެންމެ ބޮޑު ދޯންޏެވެ.
އެހެން ނަމަވެސް ތެލުގެ އަގު ބޮޑުވެ، މަހުގެ އަގުވެސް މަތިވެފައިނުވާތީ ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށްވެފައިވާކަން އޭނާ ފާހަނގަ ކުރިއެވެ.
"މަހަށް ގޮސްގެން 2 ހަފްތާވަރު އުޅޭއިރު 18 ފީފާ ޑީސެލް ދާނެ، އެހެން ކަމުން އެބަޖެހޭ 4 ޓަނު މަސް ބާނަން، އޭރުން ޑީސަލްކޮޅު ސަލާމަތްވަނީ، އަނެއްކާ އައިސްގެ އަގާއި އެއްޗެހިވެސް އަދި އެބަހުރި، ކޮންމެ މީހެއް ކައިރީވެސް މަހަށް ދާން ބުނީމަ ބުނަނީ، މަހަށް ގޮސްގެން ކޯއްޗެއްހޭ ލިބޭނީ،" ދޯނިން ބުންޏެވެ.

ދޯނިން ލަނޑާ ނަގަން 10 މީހުން ދާން ވަނީ ހަމަޖެހިފައެވެ. އަދި ގަވާއިދުން ލަނޑާ ނަގަން ދެވިއްޖެނަމަ ކޮންމެ މީހަކަށް ގާތްގަނޑަކަށް 20000ރ ލިބޭނެ ކަމަށް ޝިފާ ދޯނިން ހާމަކުރެއެވެ. ލަނޑާ ވިއްކުމުގައި ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށާއި، މިއީވެސް ފައިދާ ހުރި ކަމެއް ކަމަށް އެ ދޯނިން ދެކެއެވެ.
ޝިފާ ދޯނިން ބުނީ މަހަށް ރަނގަޅު އަގެއް ލިބެން ފެށުމުން އަނބުރާ ދޮށީގެ މަސްވެރިކަމަށް ދާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލާ މިއީ އެންމެ ރަނގަޅު ގޮތްކަމަށް އެ ދޯނިން ހާމަކުރެއެވެ.



