މިޔަރު ބޭނުންމަށްފަހު އޭގެ އެރަހަ ކަފައިގެން ނެގުމަށްފަހު، ބާކީ ބައި މޫދަށް އުކާލާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.
މި ވީޑިއޯއަކީ ފުވައްމުލަކު ރަސްގެފަންނު ސަރަޙައްދުން ޑްރޯނެއް ބޭނުންކޮށްގެން ނަގާފައިވާ ވީޑިއޯއެއް ކަމަށް މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ. ވީޑިއޯއިން ފެންނަ ގޮތުން ޑްރޯން އެ ޑިންގީއާއި ދިމާލަށް ތިރިކުރަން ފެށުމުން ދޯނީގައި ހުރި އެކަކު ދިގު ދަނޑިއެއް ނަގާ ޑްރޯންގައި ޖަހަން އުޅޭހެން ސިފަވާ މަންޒަރުތަކެއްވެސް ފެނެއެވެ.
ވީޑިއޯއިން ފެންނަ ޑިންގީގައި ތިބީ 3 މީހުންނެވެ. މި މީހުން މިޔަރުގެ އުރަހަ ނަގަމުންދާއިރު، އޭރުވެސް އުރަހަ ނަގާފައިވާ ދެ މިޔަރެއް އެ ޑިންގީ ތެރޭގައި އޮތްތަން ފެނެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު 2 ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތާއި ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތަށް ނުހަނު މުހިއްމު ބާވަތެއްކަމުގައިވާ މިޔަރުގެ މަސްވެރިކަން 2010 މަނާކުރެވުނީ މިޔަރުގެ އާބާދީ ހީނަރުވެ އެކަމުގެ ސަބަބުން ރާއްޖެއިން ފެންނަ މިޔަރުގެ ޢަދަދު މަދުވެފައިވާކަމަށް އެދުވަސްވަރު ކުރެވުނު ދިރާސާތަކުން ދެއްކުމާއި ގުޅިގެންނެވެ.
This video was shot near Fuvahmulah (rasgefannu)
These local fishermen are just casually fishing sharks. Killing them and throwing leftover to the ocean.
Video credits : https://t.co/DkeenCDdW4 (Instagram) pic.twitter.com/0WAxji9t39— މުހައްމަދު އަމާން ♤ 🇲🇻 (@MohamedAmaan_) March 12, 2022
އަދި މިޔަރު މަސްވެރިކަން ކުރުމުގެ އިތުރުން މިޔަރު ޕްރޮސެސްކުރުން އަދި އެކްސްޕޯޓްކުރުމަކީ މަނާ ކަންތައްތަކެއްގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމަކީ ފިޝަރީޒް މިނިސްޓްރީގެ ޒިންމާއެކެވެ. އަދި މިޔަރުގެ ހުރިހާ ބާވަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން ހިފުން، ބޭނުން އަދި ނެގުން މަނާ ލިސްޓުގައި ހިމަނާފައިވާ ބާވަތްތަކެއް ކަމުގައިވާތީވެ، ޤާނޫނާއި ގަވާއިދާއި ޚިލާފަށް މިޔަރު މަސްވެރިކަމުގައި، އަދި ޕްރޮސެސްކުރުމުގައި ނުވަތަ އެކްސްޕޯޓްކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއިމެދު މަސްވެރިކަމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.