ލޯބޮޑުބުރެއްކަކީ ރާއްޖޭގެ ފަރުފަރާއި ފަޅުފަޅާއި އަދި ތިލުވިލުގައި ހުންނަ ގާތަކުގެ ނިވާކަމުގެ ތެރޭގައި ގިނައިން އުޅޭބާވަތެކެވެ.
މިއީ ކުދި ސައިޒެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 10 ސެންޓިމީޓަރަށެވެ. މިއީ ކެއުމަށް ބޭނުންކޮށް އުޅޭ ބާވަތެއްނޫނެވެ. ޢާއްމުކޮށް ދުވާލުއުޅެނީ ގާތަކުގެ ނިވަލުގައި ފިލައިގެންނެވެ. ނަމަވެސް ރޭގަޑު ބައިބަޔަށް ނުކުމެއުޅެއެވެ. މިއީ ކުދި ދާ ޖަހައިގެން ވަރަށް ފަސޭހައިން ހިފޭމަހެކެވެ. ސަބަބަކީ މަސް އުޅެމުންދާ މާޙައުލާއި ދުރަށްގޮސް ނޫޅޭތީއާއި ދަތުރުކުރާލެއް މަޑުކަމެވެ.
މިއީ އެކުއޭރިއަމްތަކުގައި ގެންގުޅެން ރީތިމަހެކެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. މަހުގެ ލޮލުގެ ފަހަތުކޮޅުން ކަރުތާފަތްގަޑުގެ ކަނާދިމާއިން އެއްކޮޅަށް ހިމަކޮށްހުންނަ ގަދަމުށިކުލައިގެ ފަލަ ރޮނގެއް ވަރަށް ސާފުކޮށް ފެންނަންހުރެއެވެ. މަހުގެ ނިގޫކޮޅުގެ މަތީބައިގައި ގަދަމުށިކުލައިގެ ލަދެއްވެސް ހުރެއެވެ. މަހުގެ ނިގޫފަތުގެ މަތީކައިރިއާއި ތިރީކައިރި ނިގޫފަތުގެ އެހެންބައިތަކަށްވުރެ ކުލަ ގަދައެވެ. މަހުގެ އަރިމަތީގައި ހުރަހަށް ގަދަމުށިކުލައިގެ ފުޅާ ރޮނގުތަކެއް ހުރެއެވެ. އަދި މިރޮނގުތަކުގެ ދޭތެރޭގައި ރިހިކުލައިގެ ހިމަ ރޮނގުތަކެއްވެސް ހުރެއެވެ.

