275438585_1341857949667858_2014460157083415868_n

ސާޖިންގެ"ޑިސްކަވަރ މޯލްޑިވްސް" ދަތުރާއި ގުޅޭގޮތުން މަޖިލީހުގެ ރައީސާއި މަޝްވަރާކޮށްފި

ޙަސަން ސާޖިން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ދަތުރު "ޑިސްކަވަރ މޯލްޑިވްސް" ދަތުރާއިގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި މަޝްވަރާކޮށްފިއެވެ.

ޒުވާން މަސްވެރިއާގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ހަސަން ސާޖިންވަނީ "ޑިސްކަވަރ މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ޕްރޮމޯޓުކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ސާޖިން ބުނީ އޭނާގެ ވީޑިއޯތަށް ބަލާ މީހުންގެ އަދަދު މިހާރު މިލިއަނުން ގުނާލެވޭއިރު، އަމާޒަކީ ބިލިއަނަކަށް ނަމްބަރުތައް އެރުވުން ކަމަށެވެ.

"މިލިއަނުން މީހުން ބަލާ ޕޭޖަކަށް އެބަވޭ، ބޭނުންވަނީ އެހެން ލެވަލް އަކަށް ގެންދަން، ބިލިއަނަކަށް ނަމްބަރުތައް އެރުވުމަކީ އަމާޒެއް،" ސާޖިން ބުންޏެވެ.

މަޖުލިސްގެ ރައީސް މުޙައްމަދު ނަޝީދާއި އެކު ބޭއްވި ބައްދަލުވުމުގައި ސާޖިންގެ މި މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ސާޖިން ބުނެއެވެ. ސާޖިންގެ މި ދަތުރަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެކެވެ. އޭނާ ބޭނުންވަނީ އޭނާގެ މި ދަތުރުގެ ތެރެއިން މުޅި ދުނިޔޭގެ ސަމާލުކަމަށް މި ރަށްތައް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ސާޖިން ބުންޏެވެ.

"އުތުރާއި ދެކުނާއި މެދުރާއްޖެ ތެރޭގައި މަސްވެރިކަން ކުރާ ގޮތް ގެނެސްދެވޭނެ، އަދި ހަމައެކަނި މަސްވެރިކަމެއް ނޫން މި ދަތުރުގައި ގެންނާނީ، ބޭނުންވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ގެނެސްދިނުން،" ސާޖިން ބުންޏެވެ.

ސާޖިންގެ ދަތުރު ވީހާވެސް އަވަހަކަށް ފެށުމަށް އޭނާ ދަނީ މަސައްކަތްކުރަމުންވެެ. މުޅި ދަތުރު ފުރިހަމަ ކުރަން 18 މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ނަގާނެ ކަމަށް އޭނާ ލަފާކުރެއެވެ.

ގއ. ގެމަނަފުއްޓަށް އުފަން ހަސަން ސާޖިންއަކީ ޒުވާން އުމުރުގައި މަސްވެރިކަމަށް ނިކުމެ، މަސްވެރިކަމާއި ގުޅޭ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް މި ދާއިރާއަށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ފަރާތެކެވެ.

ޒުވާން މަސްވެރިޔާގެ ސޯޝަލް މީޑިއާއަކީ މިވަގުތު މަސްވެރިކަމުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށް މަސްވެރިކަމާއި ގުޅުންހުރި މައުލޫމާތު ގެނެސްދިނުމަށް އެންމެ ކުރީގައި އުޅޭ އެއް މީޑިއާއެވެ. ސާޖިންގެ ސޯޝަލް މީޑީއާ ބަލާ އަދަދު އުޅެނީ މަހެއްގެ މަށްޗަށް އެވްރެޖްކޮށް 10 މިލިއަނަށްވުރެ މަތީގައި ކަމަށްސާޖިން މައުލޫމާތު ދެއެވެ. އެއީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް ގެ ޒަރިއްޔާއިން ހިއްސާކުރާ ޕޯސްޓްތަކުގެ “ޕޯސްޓް ރީޗް” އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!