ތިކިޖެހި ބޯދި

މިއީ ރާއްޖޭގެ ފަރުތަކުގެ ބޭރުން ފުން ސުރުޙައްދުތަކުގައި އުޅޭ ބޯދީގެ ބާވަތެކެވެ.

ބޯދީގެ އެހެނިހެން ބާވަތްތަކެކޭ އެއްފަދައިން މިބާވަތުގެ ބޯދިވެސް އުޅެނީ ފަރުގައި ހުންނަ ގާތަކުގެ ތެރޭގައި ފިލައިގެންނެވެ. ނަމަވެސް ކާނާ ހޯދުމަށްޓަކައި ރޭގަނޑު ނުކުމެ ހަރަކާތްތެރިވެއެވެ. މިއީ ދިވެހި އެންވެރިކަމުގައި ގިނައިން ހިފޭ ބޯދީގެ ބާވަތެއްނޫނެވެ. މަހުގައި އެންމެ ފާހަގަކުރެވޭގޮތަށް ހުންނަނީ މަހުގެ ހަށިގަޑުގައި ހުންނަ ރަތްމުށިކުލައިގެ ތިކިތަކެވެ. މިތިކިތައް ހުންނަނީ މަހުގެ ދިގަށް ރޮނގުރޮނގަށެވެ. މަހުގެ ކަރުތާފަތުގެ އަރިމަތީގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށްހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 6 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތުރިބައިގައި ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 8 މަޑުކަރިހުރެއެވެ. ކަންފަތްގަޑުގައި 14 މަޑުކަށިހުރެއެވެ. މަހުގެ ދެއަރިމަތީގައި ހުންނަ ހުޅުނބު ރޮނގުގައި 10 އާއި 12 އާ ދެމެދުގެ ޢަދަދަކަށް ހުޅުނބުހުރެއެވެ. ބޯދީގެ ގިނަބާވަތްތަކެކޭ އެއްގޮތަށް މިބާވަތުގެ ބޯދީގެވެސް ލޯ ވަރަށް ބޮޑެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގައި އެކުލެވޭ އެންމެ އަޅައިގަންނަ ސިފައަށް ވިސްނާ "ތިކިޖެހި ބޯދި" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Peppered cardinalfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!