މަސްވެރިކަމާއި ގުޅޭ

ނަރުވާހަނދި -- ފޮޓޯ/ އޯލްމޮސްޓް އެލައިވް ލުއަރސް

ނަރުވާހަނދި

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުފަށުގައްޔާއި އެތެރެވަރީގެ ކަނޑުތަކުގައި އުޅޭ މަހެކެވެ. މިބާވަތުގެ ކުދިމަސް ކަނޑުގައި އޮޔާދާ އެތިގަޑުގަޑުގެ ދަށުގައި ތިބެގެން ދަތުރުކޮށް އުޅެއެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ ފައްތައިގެން ކުރާ ކެޔޮޅުކަމުގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރު މަހެކެވެ. މި ބާވަތުގެ ހަނދި ދިވެހި މަސްވެރިންނަށް ބޭނިފައި ހުންނަނީ ވަރަށްވެސް މަދުންނެވެ. މިބާވަތުގެ ޅަ މަހުގައި މަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގައި ނަރުވާތަކެއް ވަރަށް ދިގުކޮށް ހުރެއެވެ. ނަމަވެސް ދުވަސްވީމާ ނަރުވާތައް ނެތި ހިގައިދެއެވެ. އެކަމަކު މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގެ ފުރަތަމަ މަޑުކަށިތައް އެހެނިހެން ކަށިތަކަށްވުރެ މާ ދިގުކޮށް ހުންނަކަން ފާހަގަކުރެވެއެވެ. މިމަސް އެންމެ ބޮޑުވަނީ 1.3 މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީގައި ކުރުކޮށްހުންނަ ހަތް ކަށިހުރެއެވެ. އަދި މި ކަށިތަކުގެ ފަހަތަށް ވަކިން އެއްކަށްޓާއެކު 18 އާއި 22 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި ވަކިންހުންނަ ދެ ހަރުކަށްޓަށްފަހު އިތުރު އެއް ހަރުކަށްޓާއި 18 އާއި 20 އާ ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ނަރުވާހަނދީގެ ކުލައަކީ ރިހި ކުލައެކެވެ. ނަމަވެސް މަހުގެ ބުރަކަށިމަތި ހުންނަނީ ގަދަ ނޫ ކުލައެއްގައެވެ. ނަރުވާހަނދީގެ ބޮޑެތިމަސް ގާތްގަޑަކަށް 100 މީޓަރު ފުނުގައި އުޅެއެވެ. މި މަހުގެ ކާނާއަކީ ކުދި ކަކުންޏާއި، ޑިނގާފާޑުގެ ސޫތްޕާއި، މަދުމަދުން ކުދިމަހެވެ.

އނގިރޭސި ނަން: : African pompano

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!