އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ރެޑް ލިސްޓްކޮށް އެބާވަތުގެ ކަންނެލި އެމެރިކާގެ ސީފުޑް ވޮޗްއިން ރެޑްލިސްޓްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެމެރިކާގެ މޮންޓެރޭ ބޭ އަކުއޭރިއަމްގެ ސީފުޑް ވޮޗްއިން ވަނީ ރާއްޖެވެސް ހިމެނޭގޮތަށް އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި ރެޑްލިސްޓްކޮށް، އެގަތުން ހުއްޓުވާފައިވާކަމަށެވެ. އެއީ އިންޑިޔާ ކަނޑުގެ ރީދޫއުރަހަ ކަންނެލީގެ ސްޓޮކަށް ގެއްލުން ލިބިފައިވާތީ އަދި ސްޓޮކު އާލާކުރުމަށް އައިއޯޓީސީ މެދުވެރިކޮށް ފިޔަވަޅުނޭޅޭތީކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ރެޑްލިސްޓްކުރި އެމެރިކާގެ ސީފުޑް ވޮޗްއަކީ މޮންޓެރީ ބޭ އަކުއޭރިއަމް އާ ގުޅިގެން ތިމާވެއްޓާ ކަންޑުގެ ދިރުން ހިމާޔަތްކޮށް ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. ހަބަރުތައް ބުނާގޮތުން މި ފިޔަވަޅު އެޅީ އިންޑިއާ ކަނޑުން މަސްވެރިކަންކުރާ 32 ގައުމުގެ ތެރެއިން ބައެއް ގައުމުތަކުން ސްޓޮކް އިތުރުކުރުމަށާއި މަސްވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރުމަށް އެއްބާރުލުން ނުދޭތީއެވެ. މީގެ ތެރެއިން ގިނަ ގައުމުތަކަކީ ދާ އަޅައިގެން މަސްވެރިކަން ކުރާ ޤައުމުތަކެވެ. އެގޮތުން އިންޑިއާ ކަނޑުން ބާނައިގެން އެޤައުމަށް އެކްސްޕޯޓްކުރާ ހުރިހާ މަހަކީ މިގޮތަށް ބާނަ މަސްކަމަށް އޮންނަނީ ސިފަކުރެއެވެ.
އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުން ދިޔުމާއި މިކަމަށް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ބުނެ ރީނދޫ އުރަހަ ކަންނެލި ބޮއިކޮޓު ކުރުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް މިދިޔަ އަހަރުވަނީ ގޮވާލާފައެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބުމަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސް އެގައުމުތަކަށް އެކްސްޕޯޓް ނުކުރެވެންވީ ސަބަބެއް ނޫންކަމަށް މަސްވެރިކަމާ ބެހޭ ވުޒާއިން ބުނެއެވެ.
