މޯލްޑިވެސް އިސްލާމިކް ބޭންކުން އެ ބޭންކުގެ އެންމެ މަގްބޫލް ފައިނޭންސިން ސްކީމް އުޖާލާ ދިރިއުޅުން ފައިނޭންސިން ސްކީމުގައި މަސްވެރިން ބައިވެރި ކުރަން ފަށައިފިއެވެ.
މިއީ ރާއްޖޭގެ މާލީ އިދާރާއަކުން މަސްވެރިންނަށް ފެސިލިޓީއެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ. އިސްލާމިކް ބޭންކުގެ މި ތާރީހީ ނިންމުން ފަރެސް މާތޮޑާގައި ބޭއްވި ހަފްލާއެއްގައި އިއުލާންކޮށްދެއްވީ އެބޭންކުގެ އެކްޓިން ސީއީއޯ އަހްމަދު ރިޟާއެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއައިބީގެ އެކްޓިން ސީއީއޯ އަހަމަދު ރިޟާ ވިދާޅުވީ އުންމީދަކީ މަސްވެރިން މިފުރުސަތުގެ ބޭނުން ހިފައިގެން، ދިރިއުޅުމުގައި އާއި އަދިވެސް އެހެނިހެން ކަންކަމުގައި ކުރަން ގަސްތުކޮށްފައިވާ ކަންކަން ކުރުމަށް މަގުފަހިވެގެން ދިޔުންކަމަށެވެ.
އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ މިވަގުތު ރާއްޖޭގެ ގިނަބަޔަކު ބޭނުނުކުރާ އެންމެ މަގުބޫލު އެއް ފައިނޭންސިން ފެސިލިޓީއެވެ. އެއްވެސް ރަހުނަކާއި ނުލާ ގިނަވެގެން 400،000 ރ ގެ މުދާގަނެވޭ މިސްކީމަކީ އިސްލާމީ ޝަރިއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން ކުރިޔަށްގެންދެވޭ ސްކީމެކެވެ. ދިރިއުޅުމަށްބޭނުންވާ އެކި ސާމާނު ގަނެވެއެވެ.
މިރޭ މި އިއުލާނު ކުރެވުނު “އުޖާލާ މަސްވެެރިޔާ” ޕައިލަޓް ސްކީމްގެ ދަށުން މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބަލާ -/100،000 ރުފިޔާ ހަމައަށް މުދާ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއައިބީއިން މައުލޫމާތު ދެއެވެ.
އެގޮތުން ފަރުނީޗަރު، ސައިކަލް،ޓީވީ، ބަދިގެ ސާމާނު، އައިސް އަލަމާރި، ދޮންން މެޝިން ފަދަ ސާމާނު މިސްކީމުން ގަނެވޭނެއެވެ.
މިސްކީމުގައި މަސްވެރިން ބައިވެރި ކުރުން ވެގެން ގޮސްފައިވަނީ މަސްވެރިންނަށް ލިބުނު ބޮޑު ހިންހަމަޖެހުމަކަށެވެ.
"ވަރަށް އުފާވެއްޖެ، އެމްއައިބީއަށް ފަށްފަށުން ޝުކުރު ދަންނަވަން، އެމްއައިބީ މި ކޮށްދިނީ ގައުމީ ކަމެއް" މި ފެސިލިޓީގައި ބައިވެެރިވާ ފަރެސް މާތޮޑާ ގެލަރީ މިޝަން ދޯނީގެ ކެޔޮޅު އަހްމަދު ޒައިން މަސްވެރިން އެމްވީއާ އޭނާގެ ޝުއޫރު ހިއްސާކުރިއެވެ.
މަސްވެރިންނަށް އުޖާލާ ދިނުމުގެ މާކުރިން ފެށިގެން އިސްލާމިކް ބޭންކުންވަނީ މި ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަށް މަސްވެރިންނާއި ގުޅިގެން ކޮށްފައެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދޯނިފަހަރަށް އެކި ގޮތްގޮތުން ފެސިލިޓީ ފޯރުކޮށްދިނުމުގެ އިތުރުން މަސްދޯނި ބަންނަންވެސް ފައިނޭންސް ކޮށްދެއެވެ. އެހެންކަމުނެ މިއަދު މި ތައާރަފްކުރެވުނު ހިދުމަތަކީ އިސްލާމިކް ބޭންކުގެ ހިދުމަތަށް ގެނެވުނު އިތުރު ފުރިހަމަ ކަމެކެވެ.
މިރަސްމިއްޔާތުގައި ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހްމަދް ޝާފިއު އަދި ފަރެސްމާތޮޑާގެ ކައުންސިލް މެމްބަރުންގެ އިތުރުން ގިނައަދަދެއްގެ މަސްވެރިން ބައިވެރި ވިއެވެ.
