101F5DD7-C68B-4E83-BD9C-63E517C86552

ނިއުޒިލޭންޑުގެ ބީޗަކަށް ލެއްގި 34 ބޮޑުމަހުގެތެރެއިން، 29 ބޮޑުމަސް މަރުވެއްޖެ

 

ނިއުޒިލޭންޑުގެ ބީޗަކަށް ގިނަ އަދަދެއްގެ ބޮޑުމަސްތަކެއް ލައްގައިފިއެވެ.

ނިއުޒިލޭންޑުގެ ޑިޕާރޓުމަންޓު އޮފް ކޮންޒަވޭޝަނުން ހާމަކުރާގޮތުގައި، 34 ޕައިލޮޓް ވޭލް ލައްގާފައިވާއިރު، އޭގެތެރެއިން 29 ބޮޑުމަސް މަރުވެފައިވާ ކަމަށެވެ.
އެގޮތުން މީގެތެރެއިން ސަލާމަތްކުރެވުނު 5 ބޮޑުމަސް އަނބުރާ ކަނޑަށް ދޫކޮށްލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ބޮޑުމަސްތައް ލައްގާފައިވާ ބީޗަކީ މީގެ ކުރިންވެސް ބޮޑުމަސް ލައްގާ ބީޗެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވީ 15 އަހަރުދުވަހުގެތެރޭ މިފަދަ 10 ހާދިސާއެއްވަނީ ރެކޯޑުކުރެވިފައެވެ. އަދި އެެންމެ ގިނަ އަދަދަކަށް ބޮޑުމަސް ލެއްގި އަހަރެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 2017ވަނަ އަހަރެެވެ. އެ އަހަރު 700 ބޮޑު މަސް އެ ބީޗަށް ލައްގާފައިވާއިރު، އޭގެތެރެއިން 250 ބޮޑުމަސްވަނީ މަރުވެފައެވެ.

މި ބީޗަށް ބޮޑު މަސް ލައްގާ ސަބަބެއް ސައިންވެރިންނަށްވެސް އަދި ނުހޯދެއެވެ. އެހެން ނަމަވެސް ސައިންސްވެރިންގެ ވެސް ބައެއ ތިއަރީތައް އެބަހުއްޓެވެ. އެގޮތުން އެހިސާބުގަނޑުގެ ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކާއި އެކު ބޮޑުމަސްތަކުގެ ސޯނަރ ނެވިގޭޝަން ސިސްޓަމަށް އަސަރުކުރަނީކަމަށް ސައިންސްވެރިން ދެކެއެވެ.
ޕައިލޮޓް ވޭލްއަކީ 20 ފޫޓާއި ހަމައަށް ބޮޑުވާ މަހެކެވެ. މިއީ ނިއުޒިލޭންޑުގައި އެންމެ އާއްމުކޮށް ފެންނަ ބޮޑުމަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!