އެމްއައިބީއިން މަސްވެރިންނަށް ތައާރަފްކުރި އުޖާލާ މަސްވެރިޔާ ޕައިލެޓް ސްކީމުގައި ހުވަދޫ އަތޮޅުގެ 5 ދޯންޏެއް ބައިވެރިވެއްޖެއެވެ.
17 މާޗުގައި ގދ. ފަރެސްމާތޮޑާގައި އިއުލާންކޮށްފައިވާ، ޕައިލެޓް ސްކީމުން މަސްވެރިންނަށް 25000ރ އިން 100000ރ ދެމެދުގެ އަދަދަކަށް މުދާ ނެގޭނެކަމަށް އެމްއައިބީން ހާމަކުރެއެވެ. އުޖާލާ މަސްވެރިޔާ ސްކީމުގައި ބައިވެރިވާ މަސްވެރިން އެމްއައިބީގެ އެކައުންޓް ހުޅުވާ މަސްވެރިކަމުން ލިބޭ އާމްދަނީ އެ އަކައުންޓުތަކުގައި ދައުރު ކުރަންޖެހެއެވެ.
ފުރަތަމަ ސޮއިކުރި ދޯނިތަކުގެ ފަޅުވެރިންނަށް ގެރެންޓަރ އެއްގެ ގޮތުގައި ބައިވެރިވާނީ އޮޑިވެރިޔާއެވެ. އެހެންނަމަވެސް، މަސްވެރިކަމުން ލިބޭ އާމްދަނީ 6 މަސް ދުވަސް ވަންދެން އެމްއައިބީގެ އެކައުންޓަށް ޖަމާކުރާ މަސްވެރިންނަށް އުޖާލާ ސްކީމުން މުދާ ނެގުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެވޭނެކަމަށް އެމްއައިބީއިން މައުލޫމާތުދެއެވެ.
ހުވަދޫ އަތޮޅުގެ މަސްވެރިންގެ ތެރެއިން އެންމެ ފުރަތަމަ "އުޖާލާ މަސްވެރިޔާ" ސްކީމަށް މުދާ ނެގޭނީ ގދ. މަޑަވެލި "ކަމަނަ" ދޯންޏާއި، އެ ރަށު "ޓީއެސް ލައިން"، ގދ. ފަރެސްމާތޮޑާ "ގެލަރީ މިޝަން" އާއި އެ ރަށު "ވިލެޖް މެރިން"، އަދި ގއ. ގެމަނަފުށީ "ކަނޑުރޯޅި" ދޯންޏެވެ.
އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ މިވަގުތު ރާއްޖޭގެ ގިނަބަޔަކު ބޭނުނުކުރާ އެންމެ މަގުބޫލު އެއް ފައިނޭންސިން ފެސިލިޓީއެވެ. އެއްވެސް ރަހުނަކާއި ނުލާ ގިނަވެގެން 400،000 ރ ގެ މުދާގަނެވޭ މިސްކީމަކީ އިސްލާމީ ޝަރިއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން ކުރިޔަށްގެންދެވޭ ސްކީމެކެވެ. ދިރިއުޅުމަށްބޭނުންވާ އެކި ސާމާނު ގަނެވެއެވެ.
“އުޖާލާ މަސްވެެރިޔާ” ޕައިލަޓް ސްކީމްގެ ދަށުން މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބަލާ -/100،000 ރުފިޔާ ހަމައަށް މުދާ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއައިބީއިން މައުލޫމާތު ދެއެވެ. އެގޮތުން ފަރުނީޗަރު، ސައިކަލް،ޓީވީ، ބަދިގެ ސާމާނު، އައިސް އަލަމާރި، ދޮންން މެޝިން ފަދަ ސާމާނު މިސްކީމުން ގަނެވޭނެ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.